މެންބަރުންގެ ޚިޔާލު: ކޮންމެ ނަމެއް ކިޔަސް އެވާނީ އެއަށް

ޝަހީދާ

70 ގެ އަހަރުތަކުން ފެށިގެން މިދިވެހިރާއްޖޭގައި ވެރިކަން ކުރަމުން އައި ޚުދުމުޚްތާރު ވެރިކަމުގެ ނިމުން ގެނައި ބަޔަކު ވެރިކަމުގައި ތިބިއިރު “ކާމިޔާބުގައި ހިތްތިރިކުރަން ވާނެއޭ، ނާކާމިޔާބުގައި ހިތްވަރުގަދަ ކުރަންވާނެ” އޭ، ކިޔައި ކުރަމުން އެގެންދިޔަ ވެރިކަމުގައި މިދެންނެވި 70 ގެ އަހަރުތަކުގައި ފެށުނު ދިގު 30 އަހަރުގެ ނާޖާއިޒް ވެރިކަމުގައި ކުރި ނޭދެވޭ އެތައް އެތައް ކަނަތައްތަކާއި، އަދި އެކަން ކުރި އެތައް ބަޔެއްގެ ހީލަތްތެރިކަމާ ދޭތެރޭ ފިޔަވަޅު ނާޅުއްވާ އެމްޑީޕީގެ ސަރުކާރުން ފަރުވާކުޑަކުރިކުރުމުގެ ނަތީޖާއަކަށް މިވީ ނިކަމެތި ރައްޔިތުންގެ ހިއްވަރު އިތުރަށް ގަދަކުރަންޖެހުމެވެ.

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފުރަތަމަ ރިޔާސީ ކެންޑިޑޭޓް މުހަންމަދު ނަޝީދު 11 ނޮވެމްބަރ 2008 ވީ އަންގާރަ ދުވަހުން ފެށިގެން 5 އަހަރުގެ ދައުރުގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ވާޖިބު އަދާކުރައްވަމުން ގެންދަވަނިކޮށް 7 ފެބްރުއަރީ 2012 ވީ އަންގާރަ ދުވަހު ޤައުމަށް ގައްދާރުވި ބާޣީންތަކެއްގެ ނުބައި އަމަލުން ނުހަނު އިޚްލާޞްތެރިކަމާއެކު އެމަނިކުފާނު ކުރައްވަމުން ގެންދެވި ވެރިކަމުން ނުހަނު އަނިޔާވެރިކޮށް ވަނީ ބާލާފައެވެ. މި ނުބައި ކަމުގެ އެންމެ އަޑީގައި ހުރި ރައީސް ނަޝީދުގެ ނައިބު މަނިކުފާނު، ބާޣީ ވަހީދު ވަނީ މި ޚާއިނުންނަށް ހުރިހާ އެއްބައިވަންތަކަމެއް ދީ މި ބަޣާވާތުގެ އެންމެ ބޮޑު މުލު ބާޣީ އަށް ވެނިމިފައެވެ.

ފޮތެއްގެ ބައިކުޅަ ބައެއްވެސް ނުކިޔާ ތިބި ބައެއްގެ ސޭކު ސިކުނޑި އާ ކުޅެ ކުރެވެނީ ޣައިރު ޤާނޫނީ އަމަލު ކަމަށް އެމީހުންގެ ސިކުނޑިތަކަށް ވައްދައިދީ، ޤައުމުގެ ވެރިޔާ އަށް އޮތް އިޙްތިރާމް ކަނޑާލއި، ވެރިމީހާ ކުރާ އަމުރު އެއީ އަހަންޖެހޭނެ، އަމަލު ކުރުންޖެހޭނެ އަމުރުތައް ނޫން ކަމުގައި އެބައިމީހުންނަށް ޔަޤީންކުރުވާ އަމިއްލަ ސިކުނޑީގެ މައްޗަށް ބާރު ނުފޯރުވޭނޭ ހިސާބަށް ކަންތައް ގެންގޮސް ހަޑިމުޑުދާރު ދަށު ދަރަޖައަށް ޤައުމު އެއްލާލީ ކޮންފަދަ ނުބައިބައެއްގެ ނުބައިރޭވުންތަކުންކަން ހެކި މިޔޮށް ބުނެ ދެނީއެވެ. ހެކީގެ މައްޗަށް ބިނާކޮށް، ކިޔާ ކިޔުމާއި، ބުނާ ބުނުމާ އެކު އިތުރު ހޯދުންތައް ހޯދުމާއި، ސިއްރު ފާޅުވުމާ އޮތީ މާދުރުގައި ނޫންކަމުގައި ވިޔަސް ޤައުމުގެ ހާލަތު ހުރި ގޮތުން ކަމެއް ނިންމުމުގެ މަސައްކަތަށް އެބުރިނުލެވިގެން ތެޅިތެޅި ވަރު ބަލިވާ ހިސާބަށް ކަންތައް މިހިރަ ގެންދަނީއެވެ. ނުބައިކަމުގެ ކޮޅެއްނެތެވެ. ނުލަފާކަން ހައްދުން ނައްޓައިފިއެވެ. އަނިޔާ އިހުނަށްވުރެ ބޮޑެވެ. މަކަރާއި ހީލަތުން ފޯވެ ތިމާމެން ގައިގައި އަތްލާނީ ކިހާ ހިސާބެއްގައިކަން ނޭނގޭ ހިސާބަށް ކަން ގެންގޮސް ނިންމައިފިއެވެ.

މި ބާޣީންނަށް ކޮންމެ ދުވަހެއް އެއީ ނުބައިރޭވުމުގައި އެތައް އެތައް ކާމިޔާބީއެއް ހާސިލުވާ ދުވަސްތައްކަން އާންމު ނިކަމެތި ރައްޔިތުންނަށް ދެއްކުން ވަނީ ވަރަށް ވެސް ބޮޑު އުފަލަކަށް ވެފައެވެ. ޤައުމުގެ ޚަޒާނާ އަށް ހަދާނެގޮތެއް ހެދުމުގެ ބާރު އެބައިމީހުންގެ މުށުތެރޭގައި ވާކަމަށް ބުނުމާއި، ނަޝީދުގެ ސަރުކާރުން ޤައުމުގެ ތަރައްޤީއާއި ރައްޔިތުންގެ ތަރައްޤީއަށް ރާވާފައިވާ ރޭވުންތައް އެއީ ކުރަން ބޭނުންނޫން ކަންކަމުގައި އެކި ގޮތްގޮތަށް ބުނަމުން އަޑުގަދަކޮށް ގޮވަމުން ދިއުމާ، ނިކަމެތި ފަރުދުންނަށް ސަރުކާރަކުން ފޯރުކޮށްދޭންޖެހޭ އެތައް އެތައް ލުޔެއް ރައްޔިތުންނާ ހިސާބަށް ފޯރުނުކުރެވޭނެ ކަމަށް ގަދަ އަޑުން ބުނަމުން ދިއުމާއި، ބާޣީ ސަރުކާރުގައި ލާމެހިފައި ތިބި ލަފާނޫން އެތައް ބަޔަކީ ބޭނުން ގޮތަކަށް ކަންކުރެވޭނެ ބައެއްކަމުގައި ފާޅުކުރަމުން ދިޔުމާއި، އެކި މަޤާމުގެ ނުފޫޒް ބޭނުން ގޮތަކަށް ހިފިދާނެ ކަމުގެ ބޮޑެތި ބަސް ބުނަމުން ދިޔުމާއި، މަޤާމު ފުރާތައް ފުރުމުގައި ވަޒީފާތައް، ބަޣާވާތް ކުރި ޚާއިނުން ނަށް ބެހުމާއި، މުލު ބާޣީ އާއި ބަޣާވާތްކުރި ޚާއިނުންގެ ގާތްތިމާގެ ނުލަފާ ވިސްނުމުގެ މީހުންނަށް ވަޒީފާ ދިނުން އެއީ މި ގައްދާރުންގެ ގޮތްކަމުގައި މިހިރަދަނީ ވަރަށް ފާޅުކަން ބޮޑުގޮތަކަށް ހާމަކޮށް ކަންކުރަމުންނެވެ.

މިނުލަފާ މީހުނަށް އެނގޭ އެއްޗެއް ވަރަށް މަދުކަން ކަށަވަރެވެ. އިންސާނާގެ އޮރިޔާމަކީ ކޮބައިކަންވެސް ނޭގޭ ފަދަ ހާލަތަށް ގޮސް ނިކަމެތި ދަށު ދަރަޖައިގައި މިބައިމީހުން ލާ ތެޅޭތަން ނިކަން ބަލައިބަލާށެވެ. މިބައިމީހުންނަށް އޮރިޔާމަކީ ތިމާގެ ކުރިމަތިފަރާތް އެކަނިކަން އެނގޭ ގޮތަށް އުޅެމުންދާތަން ފެނުނީމާ ދެރަވެއެވެ. ތިމާމެން އޮރިޔާންވެ ބަރަހަނާ ވިޔަސް މަމޮޅު ހެދިގެން ދުވެ އުޅޭކަށް ކުޑަކޮށްވެސް ލަދު ހީނުވަނީ ބުއްދީގެ ވިސްނުން ކޮށިކަމުންކަން ޔަގީނެވެ. އޮރިޔާން ނިވާ ކުރާނަމޭ ހިތާ ކުރިމަތީގައި ކުޑަފޮތިކޮޅެއް އައްސައިގެން ގުދަށް ދުވިޔަސް މިޔޮއްގެން ބަރަހަނާވެ ނިމެނީއެވެ. މިހެން ބަޔަކު ބުނުމުން ފިނދުމަސް ގަނޑުގައި އަތް އަޅައިގެން ދުވިޔަސް މިހާރު އެ އުޅޭ ގޮތަށް ވުރެ މާބޮޑު ތަނުން ތާހިރުވާނެއެވެ. ކުރެވޭނޭ އެއްވެސް ކަމެއް ނެތެވެ. ބުނެދެވޭނޭ އިތުރު އެވެސް އެއްޗެއް ނެތެވެ. ވިސްނައިދެވޭނީ ވެސް ވިސްނޭވަރެއްގާ ތިބިއްޔާތާއެވެ.

އޭ ދިވެހި ލޮބުވެތި ރައްޔިތުންނޭވެ. ނިކަމެތިވެ، ދެރަވެ މާޔޫސްވާކަށް އަދި ނުވެއެވެ. މިއޮއްގެން ސިއްރު ހާމަވެ ފާޅުވަމުން ދަނީއެވެ. މާ ގިނަ ދުވަސް ތަކެއް ނުވެ.މި އެންމެން އެއްފަހަރާ އެއް އަޑުން އަތްދިއްޔޯ އަލިފާނޯތްވޭ ގޮވާނެއެވެ. އެދުވަސް ދެކެން ތައްޔާރަށް ތިބޭށެވެ. ކެއްތެރިކަމާއެކު ވިސްނުމަށް ގެންނަންވީ ކަމަކީ މިބާޣީންނަކީ އަލަށް ފާވެގެން އުޅޭ ބައެއް ނޫންކަމެވެ. މީ ހަމަ އެއްބައިގަނޑަކަށް ކިޔާ އާނަމެކެވެ. އާދެ “ގޮޅާ” ބާޣީ އަށްވެ ސިއްކަޖެހުނީއެވެ. ދިގު 30 އަހަރު ވެރިކަމުގައި މޫލައްވައިގެން އިން “ގޮޅާ” ކަލޭގެ އަށް އާ ނަމަކުން ގޮވަން ފެށުނީއެވެ. މިއީ ހައިރާންވާންވީ ވަރުގެ ކަމެއް ނޫންކަން މިއަދު މިދަނީ އެގި ފާޅުވަމުންނެވެ.
ކޮންމެ ނަމެއް ކިޔަސް އެވާނީ އެއަށެވެ.