ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރުގެ ރައީސާ މިއަދު ބައްދަލުކުރައްވައިފި

28 ޖޫން 2010

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ސިންގަޕޫރުގެ ރައީސް މިސްޓަރ އެސް.އާރު ނާދަނާ މިއަދު ބައްދަލުކުރައްވައިފިއެވެ.
ސިންގަޕޫރުގެ ރައީސްގެ ގަނޑުވަރު އިސްތާނާގައި އޮތް މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސިންގަޕޫރާއި ދިވެހިރާއްޖެއާ ދެމެދުގައި އޮންނަ ގާތް ރަޙްމަތްތެރި ކަމުގެ ގުޅުމުގެ މައްޗަށް ބައްލަވާލެއްވިއެވެ. އަދި ސިންގަޕޫރުން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެކިއެކި އެހީތަކަށްޓަކައި ސިންގަޕޫރުގެ ރައީސަށާއި ސަރުކާރަށާއި ރައްޔިތުންނަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ފަސޭހަފުޅު ވަގުތެއްގައި ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ސިންގަޕޫރުގެ ރައީސަށް ރައީސުލްޖުމްހޫރިއްޔާ ދަޢުވަތު އެރުވިއެވެ.
މިބައްދަލުކުރެއްވުމުގައި ސިންގަޕޫރުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރަށް ދަތުރުފުޅެއް ކުރެއްވި ކަމަށްޓަކައި އުފާފުޅު ކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރަށް ފުރަމާނަ ދަތުރުފުޅެއް ކޮށްދެއްވުމަށް ސިންގަޕޫރުގެ ރައީސް، ރައީސުލްޖުމްހޫރިއްޔާއަށް ދަޢުވަތު އެރުވިއެވެ.