ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ބައި އިލެކްޝަނަށް ވާދަކުރައްވާ މާލޭ ދަފްތަރު ޢަބްދުއްރަޝީދު ޢަބްދުﷲ ( އަބުސީ) ނަން އަނބުރާ ގެންދަވަން ނިންމަވައިފިއެވެ.
ތިމަރަފުށީ ދާއިރާގެ ބައި އިލެކްޝަންގެ އެމްޑީޕީ ޕްރައިމަރީގައި މުސްތަފާއާއި، ރައީސް ނަޝީދުގެ ސަރުކާރުގެ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙުމަދު ޝަފީޤް އާއި ވާދަކުރައްވައިގެން 2 ވަނަ ހޯއްދެވި އަބުސީ އެމްޑީޕީ ވެބްސައިޓަށް ދެއްވި ބަސްދީގަތުމެއްގައި މިރޭ ވިދާޅުވީ، އޭނާ ނަން އަނބުރާ ގެންދަވަން ނިންމެވީ އެ ދާއިރާއަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ މުސްތަފާއަށް ތާޢީދުކުރެއްވުމުގެ ގޮތުން ކަމަށާއި، މުސްތަފާ އަކީ އެދާއިރާއަށް އިޚްލާސްތެރި މަސައްކަތްތަކެއް ކޮށްދެއްވަމުން ގެންދަވާ ބޭފުޅަކަށްވާތީ މުސްތަފާއަށް ތާޢީދު ހޯދުމަށް ވެސް މަސައްކަތް ކުރައްވާނޭ ކަމަށެވެ.
އަބްސީ ނަން ނަންގަވަން ނިންމަވާފައިވާ ނަމަވެސް އޭނާ އަދި އިލެކްޝަންސް ކޮމިޝަނަށް އެކަން ހުށަހަޅާފައެއް ނުވެއެވެ.