ތިމަރަފުށީ މުސްތަފާގެ މައްޗަށް ބައުންސް ޗެކް މައްސަލަ ސާބިތެއް ނުވި

ރައްޔިތުން މަޖިލީހުގެ މެމްބަރު ކަމުން ވަކިކޮށްފައިވާ ތިމަރަފުށި ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު މުސްތަފާގެ ބައުންސް ޗެކް މައްސަލަ މުސްތަފާގެ މައްޗަށް ސާބިތުނުވާކަމަށް ހުކުމް މިއަދު ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފިއެވެ.

މުސްތަފާގެ ގޮނޑިގެއްލުވާލާފައިވަނީ ޕީޕީއެމްގެ ވަގުތީ ނައިބު ރައީސް އުމަރު ނަސީރު ސްޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

މުސްތަފާ ސިޔާސީ މައިދާނުން ބޭރުކޮށްލުމަށް އިދިކޮޅު ސިޔާސީ ފަރާތްތަކުން ތަފާތު އެކި ގޮތްގޮތަށް މަސައްކަތްކުރަމުން ދިޔަ ނަމަވެސް އަންނަ އޭޕްރީލް މަހު 14 ގައި ބާއްވާ ތިމަރަފުށި ދާއިރާގެ ބައި އިލެކްޝަނަށް މުސްތަފާ ވަނީ ކުރިމަތި ލައްވާފައެވެ. އަދި ތިމަރަފުށީ ދާއިރާގެ މެންބަރެއްގެ ގޮތުން އެ ދާއިރާގެ ރައްޔިތުންގެ ޙައްގުގައި ވަރަށް ކެރި ހުންނަވައިގެން ވަކާލާތުކުރެއްވި މުސްތަފާ ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ އަލުން އަނބުރާ މަޖިލީހަށް ވަޑައިގެންނެވޭނޭ ކަމުގެ ފުރިހަމަ ޔަގީންކަން ލިބިވަޑައިގެންފައިވާ ކަމަށެވެ.