ދިވެހި ރައްޔިތުން އިންސާފަށް ކުރާ ދަތުރު!

ޢަލީ ފަހުމީ، އއ.ހިމަންދޫ

ތިރީސް އަހަރުވީ ދިގު ތާރީޚީ ވެރިކަން ބަދަލު ކުރުމަށްޓަކައި ދިވެހި ޤައުމުގެ ކުދިބޮޑު އެންމެހާ ރައްޔިތުން ނުކުތީ އަތުކުރި އޮޅާލައިގެންނެވެ. ބޭނުންވީ ބަދަލެކެވެ. ބޭނުންވީ ވެރިކަމުގެ ނިޒާމު ބަދަލުކޮށް އިންސާފުވެރިކަމާއި ހަމަޖެހުމާއި މިނިވަންކާއި ތަރައްޤީއާއި، ލޯތްބާއި، ކުލުނާއި، އަޅާލުމެވެ. ބޭނުންވީ ޚުދުމުހުތާރު ވެރިކަމަކަށްވުރެ ރައްޔިތުންގެ ބާރުހިނގާ ވެރިކަމެކެވެ. ދިވެހިރާއްޖޭ އެންމެހާ ރައްޔިތުން ނިންމީ ރާއްޖޭގައި އޮންނަންވާނީ ރިޔާސީ ނިޒާމެއްކަމަށެވެ. ރިޔާސީ ނިޒާމުން އުފެދޭ ޑިމޮކްރަސީ ވެއްޓެއްގައި ވެރިކަން ކުރާނެ ރިވެތި އުސޫލުތަކެވެ. ޒިންމާދާރު ކަމާއެކީ އިސްލާހަށް ގޮވާލާ އިދިކޮޅު ފަރާތްތަކުގެ ބައިވެރިވުން ހިމެނޭ ގޮތުގައެވެ. ދިވެހިރާއްޖޭގެ ދިގު ތާރީޚީ ނޫ ޤާނޫނު އަސާސީ ބަދަލުކުރީ އެ ޤާނޫނު އަސާސީ އަކީ ސައްތައިން ސައްތަ މުސްލިމު ދިވެހި އުންމަތަށް ނުފެތޭ އިސްލާމްދީނުގެ އަސްލުތަކާއި ޚިލާފު ޤާނޫނު އަސާސީއެއް ކަމަށްބުނެއެވެ. އަދި އެއީ ޚުދުމުޚުތާރު ކަމަށް ބާރުދޭ ޤާނޫނު އަސާސީއަކަށް ބުނެވޭތީއެވެ.

އާދެ! ދިވެހިރާއްޖޭގެ ރައްޔިތުން އަނދިރީގައި ގިނަ ގޮންޖެހުންތަކާއި އަނިޔާތަކުގެ ތެރޭގައި ތިބެގެން އެކެއް އަނެއްކެއްގެ ގާތުން ހިއްވަރުހޯދައިގެން ވާންފެށި ގުރުބާނީގެ ނަތީޖާ އަކަށްވީ ނޫ ޤާނޫނު އަސާސީ އުވާލައި، މުޅި ދިވެހި ޤަޢުމު ގޮވަމުން ގެންދިޔަ ފެހި ޤާނޫނު އަސާސީ ތަންފީޒްކުރުމެވެ. ދިވެހިރާއްޖޭގެ ދިވެހި ފަސްގަނޑުގައި އާރޯތާޒާ މީރުރަހަދޭ މޭވާ އަޅާ ގަހުގެ އޮށް އިންދުނެވެ. ގަސްފަޅައި ހެދިބޮޑުވަމުން އަންނަން ފެށިއިރު އެގަހުގެ ހިޔާދަށަށް ޖަމާވާ ދިވެހިން ދިޔައީ ގިނަވަމުންނެވެ. ހިތްހެޔޮކަމާއެކީ ގަހުގެ ފޮނިމޭވާގެ ރަހަ މުޅި ދިވެހި ޤައުމަށް ލިބުމުގެ ނަތީޖާ އަކަށްވީ އަމިއްލަ އާއިލާއާއި ގާތްތިމާގެ މީހުންގެ ހާލުބެލުމަށްވުރެބޮޑަށް ދިވެހި އެންމެހާ ރައްޔިތުންގެ ހާލުބަލާ އެމީހުންގެ އަޑުއަހާ ހިތްހެޔޮވެރިޔަކު ދިވެހި ޤައުމުގައި ބެހެއްޓުމެވެ. ލިބުނު ރަނުގެ ފުރުޞަތުގައި އެދުވަސްވަރު އުފެދިފައިވާ ސިޔާސީ ޕާޓީތަކުވެރިން ސަފުތަކުގެ ކުރިޔަށް ނުކުންނަން ފެށިއެވެ. އެންމެ އުސްހެންހީވާ ގޮޑިތަކަށް އަރަންފެށިއެވެ. ތިމަންނާއީ ރައްޔިތުން އެދޭ ފަދަ ވެރިކަމެއް ކޮށްދޭނެ މީހެކޭ ބުނެ ތާއީދުހޯދުމުގެ މަސައްކަތްފެށިއެވެ. މިފަދަ ވާދަވެރި މާހައުލުގައި ވެސް ދިވެހިރާއްޖޭގެ އިސްލާހީ އެޖެންޑާގެ ބާނީން ގެންދިޔައީ އިންދި މޭވާގަހުގައި އެޅި މޭވާތަކުގެ ފޮނިރަހަ މުޅި ދިވެހިރާއްޖޭ ރައްޔިތުންނަށް ލިބޭނެ މަގުތައްކޮށައި ފޯރުކޮށްދެވޭނެ ގޮތްތައްބަލައި ހޯދަމުންނެވެ. ރާއްޖެއިންނާއި ރާއްޖެއިންބޭރުގެ ތަޖްރިބާ އާއި މަޝްވަރާތަކާއި ޚިޔާލު ހޯދަމުންނެވެ.

އާދެ! ރައްޔިތުން އެދޭގޮތަށް ރައްޔިތުން ބޭނުންވާ ސީދާ މަގުތައް ކޮށާލެވުނެވެ. ކަންތައްކުރަންވީގޮތް ލިޔެ ކިޔަންފެށުނެވެ. ދިވެހި އުއްމަތް ގަބޫލުކުރީވެސް މިގޮތެވެ. ނަމަވެސް ދިވެހިންގެ ވެރިކަމުން ލިބިގެންދާނެ މަންފާތަކަށްބަލައި ތަފާތު ފިކުރުތަކުގެ މީހުން ވެރިކަމަށް ކުރިމަތިލިއެވެ. މުޅި ގައުމަށް ވޭނާއި ކެކުޅުމާއި އަނިޔާދިން ފަރާތްވެސް ހިމެނުނެވެ. އެހިސާބުން ސަހަރޯއޭ ގޮވަންފެށިއެވެ. ފޯރިވީ ގަދައެވެ. ވާދަވެރިކަންވީ ބޮޑެވެ. ނަތީޖާއަކަށްވީ ދިވެހިރާއްޖޭގެ ނިކަމެތި ރައްޔިތުން ނުފޫޒްގަދަ މަހުޖަނުންގެ އަތްދަށަށްދާން ފެށުމެވެ. ސަބަބަކަށްވީ އެފަދަމީހުންގެ ޖާނާއިމާލު ރައްކާކުރެވެން އޮތީ އެފަދައިން ކަންތައްކޮށްގެންކަން ނުކުމެތިބި ލީޑަރުންނަށް ވިސްނުނު ހިސާބުންނެވެ. ދިވެހިރައްޔިތުން ފައިސާއަށް ހެއްލިގެންދާތަން ފެންނަން ފެށުމުން ޑިމޮކުރަސީގެ ފޮނިމޭވާ ތަޢާރަފް ކުރިފަރާތްތަކުން އިހުނަށްވުރެ ބޮޑަށް މަސައްކަތްކޮށް ރަނގަޅުގޮތް ވިސްނާދިނުމާއި ހަގީގަތް ހާމަ ކޮށްދޭންފެށުނެވެ. ކަންވެގެންދިޔައީ ނުފޫޒް ގަދަ ފަދަފަރާތްތައް ފޭލުވެ ރައްޔިތުންގެ ކުރިމަތީގައި އަގު ވެއްޓެގެންދިއުމެވެ.

ނުނިމޭ