ބާޣީ ރައީސް ހިރިޔާ އަށް ވަޑައިގަތުމުން އެމްޑީޕީގެ ސަޕޯޓަރުން އިޙްތިޖާޖުކޮށްފި

hiriya-muzaharaބާޣީ ފުލުހުން އެމްޑީޕީގެ އަންހެން ސަޕޯޓަރަކު ހައްޔަރުކުރުމަށް މަސައްކަތްކުރަނީ

ބާޣީ ސަރުކާރުގެ ވެރިޔާ ބާޣީ ވަޙީދު ހިރިޔާ ސްކޫލަށް ވަޑައިގަތުމުން، އެ ސަރަހައްދަށް އެމްޑީޕީއަށް ސަޕޯޓްކުރާ ގިނަ އަދަދެއްގެ ބަޔަކު އެއްވެ ބާޣީ ސަރުކާރާ ދެކޮޅަށް އަޑުއުފުލައިފިއެވެ.

ބާޣީ ރައީސަށް ހިރިޔާއަށް ވަދެވަޑައިގެންނެވުނީ “ބާޣީ ވަޙީދު އިސްތިއުފާ”، “ކޮބާ ކޮބާ މަގޭ ވޯޓު” ފަދަ ޝިޢާރުތައް ބޭނުންކޮށްގެން އެމްޑީޕީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން އަޑުއުފުލަނިކޮށް، ޕެޕަރސްޕްރޭ ޖަހައި އެ މީހުން ދުރުކުރުމަށް ފަހުއެވެ.

އެހެން ނަމަވެސް އެމްޑީޕީގެ ސަޕޯޓަރުން ވަނީ އެ ފަރާތްތަކުގެ ޝުޢޫރުތައް ބާޣީ ރައީސް ހިރިޔާއިން ނިކުމެވަޑައިގަންނަވަންދެން މެދުކެނޑުމެއްނެތި ފާޅުކޮށްފައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ބާޣީ ރައީސް ހިރިޔާ އަށް ވަޑައިގެން އުޅުއްވަނީ “ކްލީން އެނަޖީ ފޯ މާލެ” މަޝްރޫއުގެ ރަސްމިއްޔާތަކަށެވެ.

ބާޣީ ރައީސް ވަޑައިގަންނަވާ ކޮންމެ ތަނަކުން އެމަނިކުފާނުގެ އިސްތިޢުފާއަށް އެތައް ސަތޭކަ ބަޔަކު ގޮވަމުން ދިޔަ ނަމަވެސް އެމަނިކުފާނު ފާހަގަކުރެވެނީ ގަދަފައިވިއްދާފައި ކަންކުރައްވާ ހަރުކަށި ބޭފުޅެއްގެ ގޮތުގައެވެ.

ޖަޕާނުގެ އެމްބަސީގެ ފަރާތުން ނަސަންދުރަ ޕެލަސްހޮޓަލުގައި ރޭ ބޭއްވި ރަސްމިއްޔާތަކަށް ބާޣީ ރައީސް ވަޑައިގަންނަވާތީ ބަޣީ ސަރުކާރާ ދެކޮޅަށް އެމްޑީޕީގެ ސަޕޯޓަރުން ރޭ އެ ސަރަހައްދަށް އެއްވެ އިޙްތިޖާޖްކުރުމުގެ ސަބަބުން ރޭގެ ރަސްމިއްޔާތަކަށް ބާޣީ ރައީސެއް ވަޑައެއް ނުގަންނަވައެވެ..