އެމްޑީޕީ އަންހެން މެންބަރުން ޑިމޮކްރަސީ ސައްލާގެ ނަމުގައި އާ ހަރަކާތެއް ފަށައިފި

dsc05178

އެމްޑީޕީ އަންހެނުންގެ ރޫޙުން އެ ޕާޓީގެ އަންހެން މެންބަރުންނަށް އަމާޒުކޮށް ޑިމޮކްރަސީ ސައްލާގެ ނަމުގައި އާ ހަރަކާތެއް ފަށައިފިއެވެ.

ރޭ އެމްޑީޕީގެ އިންސާފުގެ މައިދާނުގައި ފެށި މި ޙަރަކާތަކީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިޔަށްދާ ގޮތަށް އެ ސްޓައިލަށް ހިންގާ ޙަރަކާތެކެވެ. އެ ގޮތުން 77 ދާއިރާއިން ކޮންމެ ދާއިރާއަކުން 3 އަންހެން މެންބަރުން ބައިވެރިވާ ގޮތަށް ބޭއްވި މި ޙަރަކާތް ފައްޓަވައިދެއްވީ ރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދެވެ. އަދި ރިޔާސަތު ބެލެހެއްޓެވީ އެމްޑީޕީގެ “މަންމަ” ، ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީއެވެ.

މި ޙަރަކާތް ފައްޓަވައިދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ދިވެހި އަންހެނުންނަކީ އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ބާރުވެރި، ހިއްވަރުގަދަ ޒިންމާދާރު ބައެއްކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖެއަށް ގެނެސްފައިމިވާ ބަޣާވާތާ ދެކޮޅަށް ދިވެހި އަންހެނުން ދައްކަމުންދާ ހިއްވަރަށް ސާބަސްދެއްވައި، އަންހެނުންގެ އަޒުމާއި، ފަންވަރު އެއީ ދުނިޔެއިން ވެސް ނުފެންނާނޭ ފަދަ ނަމޫނާއެއް ކަމަށް ވިދާޅުވިއެވެ.

ރޭގެ މި ޙަރަކާތުގައި ރާއްޖޭގެ އިންތިޚާބީ 77 ދާއިރާއިން ބައިވެރިވި އަންހެނުންވަނީ ބަޣާވާތާމެދު އެފަރާތްތަކުން ދެކޭގޮތް ހާމަކުރައްވައި، އާންމުންނާއި މުޚާޠަބުކޮށް ވާހަކަދައްކަވާފައެވެ. އަދި ޑިމޮކްރަސީ ސައްލާގެ މަންދޫބުންގެ ސުވާލުތަކަށް ރައީސް ނަޝީދުގެ ސަރުކާރުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއަރޒް އައްޝައިޚް ޙުސައިން ރަޝީދު އަޙުމަދު އާއި މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އަލްއުސްތާޛް ޙަސަން ލަތީފާއި، ރައީސް ނަޝީދުގެ ލީގަލް ސެކްރެޓަރީ އަލްއުސްތާޛާ ޙިސާން ޖަވާބުދެއްވިއެވެ.

އަންހެނުންގެ ޑިމޮކްރަސީ ސައްލާގެ ދެވަނަ ސައްލާ އޮންނާނީ ގދ.ތިނަދޫގައި ކަމަށް ވެސް ރޭގެ ޖަލްސާގައި ވަނީ އިޢުލާންކޮށްފައެވެ.

ޖަޕާނަށް ކުރިމަތިވި ގެއްލުން ބޮޑު ސުނާމީ އަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް ރޭގެ ޖަލްސާގައި އެއް މިނެޓްގެ ހަމަހިމޭންކަމުގެ ސުކޫތެއް ގެނައެވެ.