ރައީސުލްޖުމްހޫރިއްޔާ އިސްތިއުފާ ދެއްވަން ވަޑައިގެންނެވިއިރު، ކާރުކޮޅުގެ ބޭރުގައި ސިފައިން ބޫޓުންތަޅައި އިޝާރާތުން ހަޑިހުތުރު މަންޒަރުތައް ދައްކާފައިވޭ- ދާންދޫ ދާއިރާގެ މެންބަރު މުހަންމަދު ރިޔާޒް

atifisal-11-2-2012-140

ރައީސުލްޖުމްހޫރިއްޔާ އިސްތިއުފާ ދެއްވަން ވަޑައިގެންނެވިއިރު، ކާރުކޮޅުގެ ބޭރުގައި ސިފައިން ބޫޓުންތަޅައި އިޝާރާތުން ހަޑިހުތުރު މަންޒަރުތައް ދައްކާފައިވާ ކަމަށް ހުސްވި ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު ބަޣާވާތަކުން ވެރިކަން ބަދަލުކުރި އިރު، އެދުވަހުގެ ގިނަ ވަގުތުތައް ރައީސް ނަޝީދުގެ އަރިހުގައި ހޭދަކުރެއްވި ދާންދޫ ދާއިރާގެ މެންބަރު މުހަންމަދު ރިޔާޒް ވިދާޅުވެއްޖެއެވެ.

އިންސާފްގެ މައިދާނުގައި ރޭ ވާހަކަ ދައްކަވަމުން ރިޔާޒް ވިދާޅުވީ އެދުވަހު ސަލާމަތީ ބާރުތަކުން ހިންގީ ބަގާވާތެއްކަމަށާއި އެއީ ބަގާވާތަކަށް ނުވާނަމަ، ދެން ބަގާވާތެއް ނުހިނގާނެކަމަށެވެ.

އެދުވަހު ސިފައިންގެ ބަންޑާރަކޮށީގައި ހިންގާދިޔަކަންތައްތައް ރައްޔިތުންނާއި ހިއްސާކުރައްވަމުން ރިޔާޒް ވިދާޅުވީ އަސްކަރިއްޔާތެރިއަށް ވަންއިރު އެތަނުން ފުރަތަމަވެސް ދިމާވީ ކަމިޝަނަރ އޮފް ޕޮލިސް އަހްމަދު ފަސީހް ކަމަށާއި ނުކިޔަމަންތެރިކަން ދައްކަމުންދިޔަ ފުލުހުންނަށް އިޝާރަތްކުރައްވާ އެމީހުން ހުވަޔާއި ހިލާފްވެފައިވާތީ އެއީ ފުލުހުން ނޫންކަމަށާއި ބަޣާވަތްކޮށްފައިވާތީ، ހައްޔަރުކުރުން ނޫންގޮތެއް ނެތްކަމަށް ފަސީހް ވިދާޅުވިކަމަށް ރޭގެ ޖަލްސާގައި ރިޔާޒް ވިދާޅުވިއެވެ. އަދި އެމީހުން ހައްޔަރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ މަސައްކަތްކުރައްވަމުން ދިޔަކަމަށާއި، ނުކިޔަމަންތެރިވެ ބަގާވަތް ކުރަމުންދިޔަ ފުލުހުން ހައްޔަރުކުރާނެކަމަށް އެކި ގަޑީތައް ސިފައިން ދެމުންދިޔަކަމަށްވެސް ރިޔާޒް ވިދާޅުވިއެވެ.

“ބައިގަޑީއިރުތެރޭގައި އެކަން ކުރާނަމޭ އެއްގަޑީއިރުތެރޭގައި އެކަން ކުރާނަމޭ. ދެގަޑިއިރުތެރޭ އެކަން ކުރާނަމޭ. އެމީހުންގެ ވިސްނުމަކަށް އޮތީ އިރުއަރާ އަލިވިލި، އެތަނަށް މީހުން ގިނަވެގެން އެކަން ނުވާނެ ގޮތްތަކެއްވުން. ފުރަތަމަ އެތަނަށް ސަފުތަކެއް ނެރުން އެއަށް ފަހު އެނބުރި އެސަފުތައް އައިސް އަސްކަރިއްޔާ ތެރެއަށްވަނީ. ރައީސް ވިދާޅުވި ކިހިނެތްހޭ ވީ. އެމީހުންބުނި އެތާ ތިބި މީހުންއަތުގައި މުގުރުވެސް އެބަހުއްޓޭ. ޓިއަރގޭސް ވެސް އެބަހުއްޓޭ. އެމީހުން ވަރަށް ގަދަ އަށް ތަޅާނެއޭ. އަދި އެތާ އެބަތިއްބޭ ތިމަންނާމެންގެ މިތާތިބި ކުދިން އިންދެގެން އުޅޭ މީހުންވެސް. މިކަހަލަ ފީކަޅާ ވާހަކަތަކެއް ދެއްކީ ގަބޫލުކުރަން އުނދަގޫވާހަކަތަކެއް ދެއްކީ. އެހިސާބުން އަޅުގަނޑަށް ގަބޫލުކުރެވިއްޖެ މިސިފައިންނަށް އެފުލުހުން ނުނެގޭނެކަން”. ރޭ އިންސާފުގެ މައިދާނުގައި ވާހަކަދައްކަވަމުން ރިޔާޒް ވިދާޅުވިއެވެ

ރިޔާޒް އިތުރަށް ވިދާޅުވީ އެބޭފުޅުން ބަނޑޭރިކޮށީގައި ތިއްބަވަނިކޮށް މާރިޔާއާއި އީވާގެ އިތުރުން ބައެއް އެހެން ބޭފުޅުންވެސް ޖުމްހޫރީ މައިދާނަށް ވަޑައިގަތުމުން ވަރަށް އަނިޔާވެރިކޮށް ފުލުހުން ކުރިމަތިލައި ތަޅާ އަނިޔާދިން މަންޒަރު ފެނިވަޑައިގެންނެވިކަމަށެވެ. އަދި އެވަގުތު ރައީސުލްޖުމްހޫރިއްޔާވެސް އެތަނަށް ވަޑައިގެން އަދި އެތަނުގައި ތިބި ސިފައިންގެ އޮފިސަރުންވެސް ކޮމާންޑުކުރަމުންދިޔައީ ޖުމްހޫރީ މައިދާނަށް ބާޣާވާތް ކުރަމުންދިޔަ އެފުލުހުން ހައްޔަރުކުރުމަށް ކަމަށް ރިޔާޒް ވިދާޅުވިއެވެ. އަންނަން އޮތްޖީލްތަކަށްޓަކާ މިގައުމު ސަލާމަތްކުރުމަށް އާދޭހާއެކު ރައީސް ނަޝީދު ތަކުރާރުކޮށް އެދިވަޑައިގަންނަވަމުން ދިޔަކަމަށާއި އެވަގުތު އެކަން ކުރުމަށް ނުކުތް ސިފައިންގެ ހަތަރު މީހަކަށް ފުލުހުން ވަރަށް އަނިޔާކުރިކަމަށްވެސް ރިޔާޒް ވިދާޅުވިއެވެ. ފަހުން ސިފައިން އެތެރެއަށް ވަތްއިރު ހަތަރު މީހަކު ބަޣާވާތް ކޮށްގެން ތިބި ފުލުހުންނާއި ގުޅިފައިވާކަމަށާއި ފެންނަމުންދިޔައީ އެފުލުހުންނާއި ބައިވެރިވެގެން މަރުހަބާކިޔާ ހިތްއުފާކޮށް ސަމާސާކުރަމުންދިޔަ މަންޒަރުކަމަށްވެސް ދާންދޫ ދާއިރާގެ މެންބަރު ރިޔާޒް ވިދާޅުވިއެވެ.

“ބޭރަށް އޭރު ނުކުތުމަށް ފަހު ސިފައިންގެ އެތެރެއަށް އެނބުރި ވަތް މީހުންގެ ތެރެއިންވެސް ގިނަ ބަޔަކު ބޭނުންވީ އަލުން އަނބުރާ ދޮރުން ނުކުމެ ބަގާވާތުގައި ބައިވެރިވާން. ރައީސުލްޖުމްހޫރިއްޔާ އަރިހުގައި އޭރު އޭރިއާ ކޮމާޑަރަކަށް ހުންނެވި އިބްރާހިމް ދީވިދާޅުވީ، ސަރ ވަރަށް ދެރައޭ. ބޭރަށް ނުކުތް މީހުންގެ ތެރެއިން ގިނަ ބަޔަކު ބޭނުންވެއޭ އަލުން އަނބުރާ ބަގާވާތުގައި ބައިވެރިވާން މިއީ ވިދާޅުވި ބަސްފުޅު. ރައީސް ވިދާޅުވި ކިތައް މީހުންހޭ. އިބްރާހިމްދީ ވިދާޅުވި ތިރީހަކަށް ސިފައިންނޭ، ތިމަންނަ އެމީހުން ބިޑިއަޅުވާ ހައްޔަރުކުރަނީއޭ. ރައީސް ވިދާޅުވި ހައްޔަރުކޮށްގެން ނުވާނެއޭ ބިޑިވެސް އަޅުވައިގެން ނުވާނެއޭ. އެމީހުން ގާތުގައި ބުނާށޭ އަލުން އަބުރާ ބޭރަށް ނުނެރޭނަމޭ. މަޑުމަޑުން ރީތިކޮށްތިބޭށޭ.”
ރިޔާޒް ވިދާޅުވީ އެވަގުތު ސިފައިންގެ ތެރެއިން މީހުން މަދުވާތީ ޑިފެންސް މިނިސްޓަރ ބޭނުންވީ ކަޅުތުއްކަލާކޮށިން ފަންސާސް ސިފައިން ގެނަން ކަމަށާއި އެކޮމާންޑުކުރި ބޭފުޅަކަށް ފޯނުން ގުޅާފައި ވަރަށް ސާފްކޮށް އެތަނުން ފަންސާސް ސިފައިން އައުމަށާއި ވަދެވަޑައިގަންނަވަންޖެހޭނީ ހުކުރު މިސްކިތާއި ދިމާ ދޮރުންކަމަށް އެންގިނަމަވެސް އެތަނުން އައި ސިފައިން އަމަލުކުރީ އެގޮތައް ނޫންކަމަށް ރިޔާޒް ވިދާޅުވިއެވެ. އަދި ބޭންޖަހާފައި އައިސް އެފަންސާސް ސިފައިން ބަގާވަތްކުރަމުން ދިޔަ ސިފައިންނާއި ފުލުހުންނާއި ގުޅުނު މަންޒަރު ވީޑިއޯތަކުން ފެންނަން އެބަހުރިކަމަށްވެސް ރިޔާޒް ވިދާޅުވިއެވެ.

“އެއަށް ފަހު އިބްރާހިމްދީ އަނެއްކާވެސް އައިސް ރައީސް އަށް ދަންނަވަނީ ރައީސް ތިމަންނާމެން ދޮރު ވަރުގަދަކުރަންޖެހެއޭ. ދޮރު ފަޅާފައި ބޭރުގައި ތިބި މީހުން ވަދެފާނެއޭ. ތިމަންނަ ޖެހޭނީ އެދޮރު ފަޅާފައި ވަންނަ ސިފައިންނާއި ފުލުހުން ގަޔަތް ބަޑިޖަހާށޭ. ރައީސް ވިދާޅުވި އެއްވެސް ދިވެހި ރައްޔިތެއް ގަޔަތް ބަޑި ޖަހައިގެން ނުވާނެއޭ. ބަޑީގައި އަތްވެސް ލައިގެން ނުވާނެއޭ. ބަޑިޖަހައިގެން މިރާއްޖޭގައި ވެރިކަމުގައި ހުންނާކަށް ތިމަންނާ ބޭނުމެއް ނޫނޭ. މިއަދު ސިފައިންގޭގައި ހުންނެވި ޝިޔާމަށް ދެންނެވި ސިފައިންގެ ހުރިހާ އާމަރީތައް އަލުން ޗެކްކުރާށޭ. އެތަންތަން ރަނގަޅަށް ތަޅުލެވިފައި ހުރިތޯ ބަލާށޭ. ޝިޔާމް ފޯނުން އެގުޅިތަނަކަށް ގުޅާފައި ވިދާޅުވި އާމަރީތައް ހުރީ ބަރާބަރަށޭ. ބަޑިއެއް ނުނެގޭނެއޭ. ދެން އެއަށް ފަހު އަޅުގަނޑުމެންނަށް މައުލޫމާތު ލިބުނީ ސިފައިންގެ އެކިތަންތަނުގައި ހުރި ބަޑިތައް އެބޭފުޅުން ގެންގުޅުނުކަމުގެ މައުލޫމާތު. ކޯސްޓްގާރޑުން ގެނައި ބަޑިތަކެއް ނުވަތަ އެންތަނަކުންވެސް ގެނައި ބަޑިތަކެއް އެތަނަށް ވައްދާމަންޒަރު ފޮޓޯތަކުން މިހާރު އެހެރީ ފެންނަން.” ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒް އަދި ވިދާޅުވީ ގިރިފުށީގައި ތިބި ސިފައިން މާލެ ގެނައުމަށް ވިލާގެ ލޯންޗެއް އެކޮޅަށް ދާ ޚަބަރު ވެސް ސެންޓަރަލް ކޮމާންޑާ ދެއްވިކަމަށާއި ސިފައިންގެ އެއްވެސް މީހަކު އެލޯންޗަށް ނޭރުމަށް އަންގާފައިވާނެކަމަށް އިބްރާހިމްދީ ވިދާޅުވިއިރު، ވިލާގެ ލޯންޗެއް ދިޔަ ދިޔުމާއިމެދު ސުވާލު އުފެދޭކަމަށް ރިޔާޒް ވިދާޅުވިއެވެ. އަދި އައްޑޫގައި ތިބި ސިފައިންނާއި ފުލުހުން އެކުވެގެން އައްޑޫގައި ބަޣާވަތްކުރަން ނުކުންނަންކަމަށާއި އަލުން އަނބުރާ ފޯނުކޮށްފައި އެއީ ދޮގެކޭ އައްޑު އަތޮޅު އޮތީ ރަނގަޅަށޭ އިބްރާހީމްދީ ވިދާޅުވިކަމަށްވެސް ރޭގެ ޖަލްސާފައި ރިޔާޒް ވިދާޅުވިއެވެ. އަދި އެވަގުތުވެސް ޓީވީ މޯލްޑިވްސް ހިފަން އަންނަ ވާހަކަ އެކިއެކި ފޯނުކޯލްތަކުން ޑިފެންސް މިނިސްޓަރަށް ތަކުރާރުކޮށް އަންނަމުންދިޔަކަމަށާއިނަމަވެސް ކަޅުތުއްކަލާކޮށިން ނެރެގެން ގެނައި ސިފައިން ބަޣާވާތާއި ބައިވެރިވީތީ އެތަނުން ސިފައިން ނެރެގެން ގެނެވޭކަށް ނެތް ރިޔާޒް ވިދާޅުވިއެވެ.

ގާތުން އެމަންޒަރުތައް ފެނިވަޑައިގެންނެވި ދާންދޫ ދާއިރާގެ މެންބަރު ވިދާޅުވީ ބަލަންތިއްބާ ޓިވީ މޯލްޑިވްސްގެ ތަޅުގޮއްވާލައިގެން އެތަން ހިސޯރުކުރިކަމަށާއި އެއަށްފަހު ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޖިނާގެ އިތުރުން ބައެއް އެހެން އޮފިސަރުންނަށްވެސް ވަރަށް އަނިޔާކުރުމަށް ފަހު، ރަހީނުކޮށްގެން ދޫނިދުއަށް ގެންދިޔަ ޚަބަރު އިބްރާހީމް ދީދީ ރައީސްއަށް އެރުވިކަމަށް ރިޔާޒް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ އެންމެ ފަހުވަގުތު ވެސް ސިފައިންގެ އެންމެ އާދައިގެ ކުދިންނާވެސް ބައްދަލުކުރެއްވި ކަމަށާއި މިހާރު ޔޫޓިއުބްގައި އެހެރަ ވީޑިޔޯތައް އޭގެ އަޑާއެކު ބައްލަވާލައްވައިފި ނަމަ ވަރަށް ރަނގަޅަށް މިއީ ބަޣާވާތެއްކަން އެނގޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

“އެހެންނަމަވެސް ވީޑިޔޯ އެލީމީހަކު އެހެރީ އޭގެ އަޑުކަނޑާލާފައި. އިސްތިއުފާ ދިނުމުގެ ކުރިންވެސް ބައްދަލުކޮށްފައި ވިދާޅުވަނީ ތިޔަކުދިން ކޮށްގެން ތިޔަތިބީ ރަނގަޅުކަމެއް ނޫނޭ، ތިޔައީ ބަގާވަތެކޭ. މިރާއްޖޭގެ ރައްޔިތުންނަށްޓަކާ ތިޔަހެން ހަދަން ހެޔޮނުވާނެއޭ. މައްޗަށްތިއްބެވި ވެރިންނާއެކު ގައުމު ސަލާމަތުގެ އައްސޭރިއަކަށް ގެންގޮސްދިނުމަށް މަސައްކަތްކުރާށޭ. އަދިވެސް ވިދާޅުވި ތިމަންނާއެކީގައި މިމަސައްކަތުގައި ބައިވެރިވުމަށް ތިބީކޮންބައެއް ހެއްޔޭ. ސިފައިންގެ ސަފުގެ މެދުގައި ހުރި ކުއްޖެއްގެ މޭމަތީގައި އިންނަން ކިޔާފައި ރައީސް ވިދާޅުވި ކިހިނެތްތޯއޭ ތިމަންނަ ހަދަންވީ. އޭނާ ބުނި ތިމަންނަ ބޭނުންވަނީ ރައީސް އިސްތިއުފަ ދޭށޭ. ސަފުގެ ކުރީގައި ހުރި ކުއްޖެއްގެ، ހަނދާންވާގޮތުން ޕްރައިވެޓެއްގެ ނަން ކިޔާފައި ރައީސް ވިދާޅުވީ ތިމަންނަ ކިހިނެތްހޭ ހަދަންވީ، ތިމަންނައާއެކު ކާކުހޭ ހުންނާނީ، ހުންނާނަންހޭ. އެންމެ ކުއްޖަކު ބުނީ ތިމަންނަ މިހުރީ މަނިކުފާނަށްޓަކާ އެންމެ ފަހު ލޭތިއްކާޖެހެންދެންވެސް ތެދުވާގޮތަށޭ. އެވަރުންވެސް ރައީސް ދޫކޮށެއްނުލައްވާ، ވިދާޅުވި ތިމަންނަ އިސްތިއުފާ ދެއްވުމަށް ބޭނުންވާ މީހުން އަތްމައްޗަށް ނަންގަވާށޭ، އެތަނުގައި ތިބި އަށްޑިހަ ޕަސެންޓް މީހުން އަތްމައްޗަށް ނެގި. އެވަރުންވެސް ބަޣާވާތަކަށް ނުވޭތޯ!”
އެދުވަހު ބަންޑާރަކޮށީގައި ހިނގާދިޔަ ކަންތައްތައް ހިއްސާކުރައްވަމުން ރިޔާޒް ވިދާޅުވީ އެތަނުން ނުކުމެވަޑައިގެންނެވިއިރު، ނާޒިމް ސިފައިންގެ ތެރެއިން ހިންގަވާފައި ވަޑައިގަންނަވާކަމަށާއި އެވަގުތުވެސް ތިރީހަކަށް ފުލުހުން އޭނާއަށް ސަޕޯޓްކޮށް އަޑުގަދަކޮށް މަސައްކަތްކުރަމުންދިޔަކަމަށެވެ. އަދި އެތަނުން ކަނެއްގައި ސިފައިން ކާމިޔާބުވެއްޖެކަމަށް ބުނެ ލަވަކިޔާ ބޮޑު ބެރުޖަހަމުން ދިޔަ މަންޒރުވެސް ފެނުނުކަމަށް ރިޔާޒް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އިސްތިއުފާ ދެއްވަމުން އޮފީހަށް ވަޑައިގެންނެވިއިރު، ފަހަތްޕުޅުން ކާރެއްގައި ރިޔާޒްވެސް ދިޔަކަމަށާއި އެވަގުތުވެސް ކާރުގެ ބޭރުގައި ސިފައިންގެ މީހުން ބޫޓުންތަޅައި، ހަޑިހުތުރު އަމަލުތައް އިޝާރާތުން ދައްކަމުންދިޔަކަމަށް ވެސް ރިޔާޒް ވިދާޅުވިއެވެ. އަދި އޭގެކުރިން ސިފައިންނަކީ އެހާ އަޚްލާގީ ފެންވަރު ދަށް ބައެއްގެ ގޮތުގައި ދުވަހަކުވެސް ހިތަށް ނާރާކަމަވެސް އޭނާ ވިދާޅުވިއެވެ.

“ރައީސުލްޖުމްހޫރިއްޔާ ރައީސް އޮފީހަށް ވަޑައިގެންފަހުން މުޅި އެއޮފީސް ކޮންޓްރޯލްކުރަމުންދިޔައީ ނާޒިމްއާއި ރިޔާޒްގެ އިތުރުން އެފް.އޭ، މި 3 މީހުން. ރައީސް އިސްތިއުފާދިން ފަހުން އެނބުރި ވަޑައިގެން ފަހުން، އެކޮރިޑޯގެ އެއްފަރާތަކަށް ޖެހިލާފައި، ނާޒިމް ވިދާޅުވީ ރައީސް ނަޝީދަށް ދަންނަވާށޭ، ރާއްޖޭގެ ރައްޔިތުން މިހާރުތިބީ ވަރަށް ބޮޑަށް ރުޅި އައިސްފައޭ، ރިޔާޒް ބުނީމަ ބުނާގޮތެއް ރައީސް ހައްދަވާނެކަމަށް. އެބޭފުޅުން ވިދާޅުވި ރައީސް ގެއަށް ވަޑައިގަންނަވަންޖެހޭނީ ކާރުގައިކަމަށް. ރައީސް އެވަގުތު ވިދާޅުވި ތިމަންނަ މިދޭތެރޭގައި ހިނގާފައި އުޅޭތާ ތިން އަހަރު ވެއްޖެއޭ، އެހެންވީމަ މިއަދުވެސް ދާނީ ހިނގާފައޭ. ހިނގާފައި ނުކުމެ ގެއަށް ވަޑައިގެންނެވީ، ދެން އަޅުގަނޑުވެސް އެގޭގައި ދިހަވަރަކަށް މިނެޓް އިނދެފައި ގެއަށް އައީ، އަނެއްދުވަހު އަޅުގަނޑަށް އެނގުނީ އެމަނިކުފާނަށް އެނބުރި ގެއަށް ވަޑައިގެންނެވުނީ އިރުއޮއްސި ހައެއް ވެސް ޖެހިފަހުންކަން. އެތާނގައި ބަންދުކޮށްފައި ބަހައްޓައިގެން އެމީހުން ބޭނުންވީ އެމަނިކުފާނުގެ އަރިހުން ބައެއް މައުލޫމާތު ހޯދުމަށް، މިއީ ބަޣާވާތެއް ނޫންކަމަށާއި ރައްޔިތުންނަށްޓަކާ އެމަނިކުފާނު އިސްތިއުފާދެއްވީކަމަށް. އެހެންނަމަވެސް އެކަންކަން ނުކުރެވެނީސް އެމަނިކުފާނަށް ހެޔޮއެދޭ ބަޔަކާއެކު އެތަނުގެ ވަލުދޮރާށިން ނުކުމެ ވަޑައިގެން ޔާގޫތުގެއަށް ވަޑައިގެންނެވުނީ. އަޅުގަނޑަކަށް ނޭނގޭ ތެދެއްކަމެއް ދޮގެއްކަމަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެމަނިކުފާނު ރައްކާތެރިކަމާއެކު ގެއަށް ގެންދެވި 2 ސިފައިންގެ މީހުން ދޫނިދޫއަށް ގެންސްގޮސްފައިވޭ. އަދި އެމަނިކުފާނު މުލިއާގޭގައި ބަހައްޓާފައި ޕެރަޑައިސްއިން ވިލާގެ ލޯންޗެއްގައި ދެ ބްރިފްކޭސް ރާ ގެނެސް އެތަނަށް ވެއްދި މަންޒަރު އިންޓެނެޓްގައި އެހެރީ ފެންނަން. ބަޣާވާތުގައި ބައިވެރިވި މަދުބަޔަކު މިރާއްޖޭގައި މިކަން ނުބެލިދާނެކަމަށް ހީނުކުރައްޗޭ. މިކަން އަޅުގަނޑުމެން ބަލާނަމޭ. އިންސާފްގެ ކުރިމައްޗަށް އެމީހުން ގެންނާނަމޭ. ” ރިޔާޒް ވިދާޅުވިއެވެ.