ބާޣީންނަށް ރައްޔިތުންގެ ކުރިމަތީގައި އެއްވެސް ކަހަލަ ކަމެއް ކުރުމަކީ ފަސޭހަ ކަމެއް ނޫން – އަޙުމަދު ޢަބްދުﷲ

mdp-bodhu-muzaahiraa-19-2-2012-744އެމްޑީޕީގެ އިންސާފުގެ ދަތުރުގައި އަޙްމަދު ޢަބްދުﷲ ވާހަކަދައްކަވަނީ:- ފޮޓޯ:އަނދާ

ބާޣީންނަށް ރައްޔިތުންގެ ކުރިމަތީގައި އެއްވެސް ކަހަލަ ކަމެއް ކުރުމަކީ ފަސޭހަ ކަމެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު އަޙުމަދު ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އިންސާފުގެ މައިދާނުގައި ރޭ ވާހަކަފުޅު ދައްކަވަމުން އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ މެންބަރު ވިދާޅުވީ ބަޣާވާތަކުން ވެރި ކަމަށް އައިސްހުރި ބާޣީ ވަޙީދު ށ. އަތޮޅަށް ކުރި ދަތުރުން އެކަން ވަރަށް ރަނގަޅަށް ފެނިގެން ހިނގައްޖެ ކަމަށެވެ.

އަޙުމަދު ވިދާޅުވީ ބާޣީ ވަޙީދު ށ. އަތޮޅަށް ކުރި ދަތުރުގައި ދިޔަ ރަށްރަށަށް ދިޔައީ ސިފައިންނާއި ފުލުހުންގެ އެހީގައި ކަމަށެވެ. ތިމަންނައަށް ނުވަދިހަ ޕަސެންޓް ތާއީދު އޮތްކަމަށް ބުނާ މީހަކަށް ސިފައިންގެ އެހީގައި ރަށްރަށަށް އަރަން ނުޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި އެވަރުގެ ތާއީދެއްއޮތް ކަމަށްވާނަމަ ސިފައިންގެ ފާރެއް ރޭނުމަށްފަހު ރަށްރަށަށް އަރާއެރުން ހުއްޓާނުލެވިގެން އުޅެނީ ކީއްވެތޯ އޭނާ ސުވާލު ކުރެއްވިއެވެ. އެކަން އެގޮތަށްވަނީ އެއީ ބާޣީ އަކަށްވާތީ ކަމަށް ވިދާޅުވެ ޖަވާބުވެސް ދެއްވިއެވެ.

“ރާއްޖޭގެ އާބާދީގެ ތިންސަތޭކަ މީހުންއުޅޭ ރަށަކަށް ތިންސަތޭކަ ސިފައިންނާ އެއްކޮށް، ހަސަތޭކަ މީހުން އުޅޭ ރަށަކަށް ހަސަތޭކަ ސިފައިންނާއި ފުލުހުންނާއެކު، އެއަށްވުރެ ގިނަމީހުން އުޅޭ ރަށަކަށް އެއަށްވުރެ ގިނަ ޢަދަދެއްގެ ސިފައިންނާ އެއްކޮށްއަރާ، ތިމަންނާއަށް ނުވަދިހަ ފަސްޕަސެންޓް ތާއީދު އެބައޮތޭ ބުނަމުން ދާއިރު އަޅުގަނޑު ހިތަށްއަރަނީ އެ ތާއީދާއެކު ކީއްވެބާވައޭ ސިފައިންގެ ފާރެއް ރާނާފައި އަރާއެރުން ހުއްޓާނުލެވިގެން އުޅެނީ. އެއީ ބާޣީއަކަށްވާތީ. ބާޣީންނަކަށް ރައްޔިތުން ތިބޭ ތަނެއްގައި އަނގައިން ބުނާކަށް ނުކެރޭނެ. ބާޣީއަކަށް ރަށަކަށްއަރާ އަމިއްލަ މިނިވަން ކަމާއެކު ހިނގާބިގާކަށް ނުކެރޭނެ. ބާޣީއަކަށް އެނޫންވެސް ގޮތަކަށް ރައްޔިތުންގެ ކުރިމަތީގައި އެއްވެސް ކަހަލަކަމެއް ކުރުމަކީ ފަސޭހަ ކަމެއްނޫން” އަޙުމަދު ޢަބްދުﷲ ވިދާޅުވިއެވެ.

ބާޣީވަޙީދުގެ އަމިއްލަ ނަފުސުވެސް އޭނާއަކީ ބާޣާވާތަކުން ވެރިކަމަށް އައިސްހުރި ރަސްމީ ބާޣީއެއް ކަމަށް ގަބޫލުކުރާ ކަމަށް އަޙުމަދު ރޭ ވިދާޅުވިއެވެ.