މެންބަރުންގެ ޚިޔާލު: މާޒީވެދިޔަ އަނިޔާވެރި ވެރިކަން ރައްޔިތުން ނިކުމެ ބަދަލުކުރީ މިނިވަންކަން ބޭނުންވާތީ

އެކެއް ޕޮއިންޓް އެކެއް

zuvaanunge-muzaahara

ރައްޔިތުން ނުހަނު ލޯބިވާ ރައްޔިތުންގެ އިޙުސާސްތަކަށް ގަދަރުކުރާ ރައްޔިތުންގެ ރައީސް މުޙައްމަދު ނަޝީދު ވެރިކަމަށް ގެނައީ ރައްޔިތުންނެވެ. 30 އަހަރުގެ އަނިޔާވެރި ވެރިޔާ ބަދަލުކުރީ ރައްޔިތުން އަޅުވެތިކޮށްގެން މެނުވީ ވެރިކަން ކުރަން ނޭނގުނީތީއެވެ. ޒުވާނުން ހަލާކުކޮށް ގައުމުގެ ޢަދުލު އިންޞާފް މުށުތެރެއަށް ލާ ގައުމުގެ އިޖްތިމާޢީ ފޭރާން ބާލުވައި، ޣައިރުމުސްލިމް ޢުޞޫލުތަކަށް ސްކޫލްތަކުގެ ދަރިވަރުން ހާނުވައި، ގައުމަށް ލިބޭ އިގްތިޞާދީ އެންމެހައި ފައިދާ، ރައްޔިތުންނަށް ދިނުމުގެ ބަދަލުގައި ވެރިމީހާ އާއި، އޭނާގެ އައުވާނުންނަށް ދިނީތީއެވެ. ރައްޔިތުން ބިމުގައި ވަޅުޖަހައިގެން 30 އަހަރުވަން ދެން ގަޟާޙަޖަށް ކޮށް އެކަމުގެ ސަބަބުން ބޮޑެތިބަލިތަކާ ކުރިމަވެތިވެ، ސާފު ބޯފެނުން ދިވެހިން މަހުރޫމް ކޮށްލީތީއެވެ. އިސްލާމީ ގައުމެއްގެ ނަން ދައްކައިގެން ބޭރުން މިސްކިތް އަޅަން ދޭ ފައިސާއިން އިން ގަބުރުމަތީގައި މެނުވީ މިސްކިތް އަޅާފައިނުވާތީއެވެ.

އިސްލާމްދީން މިގައުމުން ފޮހެވެމުން ދަނިކޮށް މާތްﷲ މިގައުމަށް މިންވަރު ކުރެއްވި ހެޔޮރަޙުމަތަކީ މައުމޫނުގެ ވެރިކަން ނިމުމަކަށް ގެނެސް ދެއްވުމެވެ. މިގައުމުގެ ދީނީ ދަންނަބޭކަލުން ޖަލުތަކަށްލައި، އެބޭފުޅުންގެ ތުނބުޅިތައް ސޯސްޖަހައިގެން ބާލައި، އިލްމުވެރިންގެ ބަސް މިގައުމުގައި ހިންގިޔަނުދީ ހިފެހެއްޓީތީ އެވެ. ޒުވާނުންޖަލުތަކަށްލައި، އެތައްޒުވާނުން މަރައި، ސިޔާސީ ވާހަކަދައްކަވާ ސިޔާސީ މުފައްކިރުން ނުކުޅެދޭމީހުންނަށް ހަދަމުން ދިޔައީތީއެވެ. މިގައުމުގެ ތަރައްގީ ވަޅުޖައްސައި ރައްޔިތުންނަކީ ސަރުކާރަށާއި މުއްސަނދީންގެ ގާތަށް ގޮސް ސަލާންޖަހާ ބަޔަކަށް ހެދީތީއެވެ. ރައްޔިތުން އަޅުވެތިކޮށް ދުލާ ގަލަމުގެ މިނިވަންކަން ހިފެހެއްޓީތީއެވެ.

މިއަދު ސިފައިންގެ ނުވަތަ ފުލުސް މީހަކާ ދިމާލަށް ބާޣީއެކޭ ބުނުމަކީ ރައްޔިތުމީހާއަށް ގާނޫނު އަސާސީން ލިބޭ މިނިވަންކަމުގެ ތެރެއިން ހުއްދަވެގެންވާ ކަމެކެވެ. ނަމަވެސް މިހާރު ފުލުހަކާ ދިމާލަށް ބާޣީއެކޭ ބުނެފިނަމަ ތަޅާމަރާ ބިޑިއަޅުވާ ހަދަމުންދާ މަންޒަރުވެސް އެބަފެނެއެވެ. ރައީސްނަޝީދާ މުޚާތަބުކޮށް ހުތުރު ނަންނަން ކިޔަމުންދިޔައިރު އެމަނިކުފާނުގެ ވެރިކަމުގައި ހައްޔަރުކުރީ ކާކުހެއްޔެވެ. ރައްޔިތުން ބޭނުމީ މިނިވަންކަމެވެ. މައުމޫނުގެ ވެރިކަމުގައި ރައްޔިތުން ޢަޅުވެތި ކުރުވި މާޟީ މިގައުމުގެ ރައްޔިތުން ބޭނުމެއްނޫނެވެ.

ބާޣީ ވަޙީދު އެހިންގަނީ މައުމޫނީ ނިޒާމުގެ ވެރިކަމެކެވެ. ބާޣީވަޙީދުއެވެ. މަނިކުފާނަކީ ދިވެހި ރައްޔިތުން ދަންނަ ބޭފުޅެއް ނޫނެވެ. އަދި ރައްޔިތުންގެ ހިތްތަކުގައި މަނިކުފާނާމެދު އެއްވެސް ލޯތްބެއް އޮތީ އެއްވެސް ނޫނެވެ. ރާއްޖޭގެ ގިނަ ރައްޔިތުން ތިބީ ތިޔަ ބާޣީވެރިކަމާ ދެކޮޅަށެވެ. ރައްޔިތުންގެ އަޑު ނައައްސަވާ ފިލައިގެން ކިހާދުވަހަކު ވެރިކަމުގައި ހުންނެވިދާނެކަމަށް އުންމީދު ކުރެވޭތޯއެވެ. މަނިކުފާނު ވެރިކަން ތިޔަހޯދިގޮތަށް ތިވެރިކަމުން ބާލާއިރު ދެންވާނޭ ގޮތަކާމެދު ވިސްނާލާފައި އިންނަވާށެވެ. ރައްޔިތުންގެ ޕްރެޝަރު މަތިވަމުން މިދާގޮތަށް ދާނަމަ ހުރިހާ ބާޣީން ހަވަރުން ހިފާނޭކަމީ ޝައްކެތް ވެސް ހުރިކަމެއްނޫނެވެ. ގައުމީމަސްލަޙަތަށް ވުރެ މައުމޫނާއި އޭނާގެ ޢައުވާނުންގެ ސަލާމަތުގައި ކިހާދުވަހެއްވަންދެން މަނިކުފާނަށް ހުރެވިދާނެތޯއެވެ. ކޮންމެ ފެށުމަކަށް ނިމުމެއްވާކަމީ ދެބަސް ވެވެން ނެތްކަމެކެވެ. އެދުވަސް އޮތީ މާދުރެއްގައެއް ނޫނެވެ. 07 ފެބުރުއަރީގެ އަނިޔާވެރިކަމަކީ ރައްޔިތުން މަޢާފް ކުރާނޭ ކަމެއް ކަމުގައި ނުބައްލަވާށެވެ. އޭގެބަދަލު ރައްޔިތުން ހިފާނެއެވެ. ރައްޔިތުންގެ ވެރިކަން ފޭރިގަނެ ރައްޔިތުންގެ ލޮލަށް ބޮލަށް ގަޔަށް އަރުވާކަށް ރައްޔިތުން ބޭނުމެއްނޫނެވެ. ރައްޔިތުން މިހިނދު ކެތްކުރަމުން އެދަނީ ރައްޔިތުންގެ އަޑު އަހާތޯއެވެ. ނަމަވެސް ވަކިހިސާބަކުން ދެންވާނީ އެއްކަލަ ކުރިން މިދެންނެވިގޮތެވެ. މިނިވަންކަމަށްޓަކާ ރައްޔިތުން މިއަދު ތިބީ ފުރާނަވެސް ދޫކުރުމަށް ކެތްމަދުވެފައެވެ.