ކުޅުދުއްފުށީގައި ބާޣީ ސަރުކާރާ ދެކޮޅަށް ވެހިކަލް ބުރެއް ބާއްވައިފި

ބ.ތުޅާދޫ އާއި ގއ.ކޮލަމާފުށީގައި ވެސް މިއަދު ބާޣީ ސަރުކާރާ ދެކޮޅަށް ހިނގާލުމެއް ބޭއްވި

611

ބާޣީ ވަހީދުގެ ސަރުކާރު ގަބޫލުނުކުރާ ކަމަށް ބުނެ އެ ސަރުކާރާ ދެކޮޅަށް ކުޅުދުއްފުށީގައި މިއަދު ހަވީރު ވެހިކަލް ބުރެއް ބާއްވައިފި އެވެ.

އެމްޑީޕީގެ ރަންރީނދޫ ކުލައިން ޒީނަތްތެރިކޮށްފައިވާ ގިނައަދަދެއްގެ ވެހިކަލާއި އެކު މި ވެހިކަލްބުރު ފަށާފައިވަނީ ކުޅުދުއްފުށީ އަމީރު އަމީން ސްކޫލު ކައިރިން ބަންޑާރަމައިދާނުން ނެވެ.

މިވެހިކަލް ބުރުގައި އެތައް ސަތޭކަ ބަޔަކު ބައިވެރިވެ ބާޣީ ވަހީދުގެ ސަރުކާރާ ދެކޮޅު ޝުއޫރުތަކެއް ފާޅުކުރަމުން ދިޔައެވެ. އެ ގޮތުން ބާޣީ ވަޙީދުގެ އިސްތިއުފާ އަށާއި، އަވަސް އިންތިޚާބަކަށް ގޮވާލައި، ބާޣީ މިލިޓަރީ ސަރުކާރުގެ ފުލުހުންނާއި ސިފައިން ދިވެހި ރައްޔިތުންނަށް ކުރަމުންދާ އަނިޔާތައް ހުއްޓުމަށާއި، ރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ ފަހަތުގައި އަބަދުވެސް ދެމި ތިބޭނޭ ކަމަށް މި ވެހިކަލް ބުރުގެ ބައިވެރިން ޝުޢޫރުފާޅުކުރަމުން ދިޔައެވެ.

މިވެހިކަލް ބުރު ނިންމާލާފައިވަނީ އަމީރު އަމީން ސްކޫލުގެ ހުޅަނގުން އޮންނަ ހުސްބިމަށެވެ.

މީގެ އިތުރުން އެމްޑީޕީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން އުޅޭ ބ.ތުޅާދޫ އާއި ގއ.ކޮލަމާފުށީގައި ވެސް މިއަދު ބާޣީ ސަރުކާރާ ދެކޮޅު ހިނގާލުންތައް ވަނީ ބާއްވާފައެވެ. ކޮލަމާފުށީގައި ހިނގާލުން ބޭއްވީ އެމްޑީޕީ އަންހެން މެންބަރުންނެވެ.