ތިމަރަފުށީ ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކުރެއްވި ތިމަރަފުށީ މުސްތަފާއަށް އެމްޑީޕީގެ ޗެއަރޕާސަން މަރުހަބާ ވިދާޅުވެއްޖެ

Reeko Moosa at London

ތިމަރަފުށީ ދާއިރާގެ ބައި އިލެކްޝަންގެ އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކުރެއްވި މުޙައްމަދު މުސްތަފާ (ތިމަރަފުށީ މުސްތަފާ) އަށް އެމްޑީޕީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު މަރުހަބާ ވިދާޅުވެއްޖެ އެވެ.

ކުރިން ވެސް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ގޮނޑި ފުރުއްވި މުސްތަފާގެ ސާބިތު ދަރަންޏެއް އޮތް ކަމަށް ބުނެ ސުވާލު އުފެދޭ ފަދަ ގޮތަކަށް އޭނާގެ ގޮނޑި ސްޕްރީމް ކޯޓުން ގެއްލުވާލުމަށް ފަހު އަލުން އެމްޑީޕީގެ ޕްރައިމަރީގައި ބައިވެރިވެވަޑައިގެން މުސްތަފާ އެ ގޮނޑިއަށް ވާދަކުރެއްވުމަށް ޓިކެޓް ހޯއްދެވުމާއި ގުޅިގެން މުސްތަފާއަށް މަރުހަބާ ވިދާޅުވެ އެމްޑީޕީ ވެބްސައިޓަށް ދެއްވި އިންޓަވިއުއެއް ގައި މޫސަ ވިދާޅުވީ، މުސްތަފާ އަކީ ތިމަރަފުށީ ދާއިރާގެ ރައްޔިތުންގެ ހައްގުގައި ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވަމުން ގެންދެވި ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެއްވޭ ބޭފުޅެއް ކަމަށެވެ. އަދި ތިމަރަފުށީ ދާއިރާގެ އެމްޑީޕީ މެންބަރުންގެ ބޮޑު އަޣްލަބިއްޔަތަކުން އަނެއްކާވެސް އޭނާ އެމަގާމަށް ވާދަކުރެއްވުމަށް ހޮވިވަޑައިގެންނެވި ކަމީ އެ ދާއިރާގެ ރައްޔިތުން މުސްތަފާ ބަލައިގެންފައިވާ މިންވަރުގެ ބޮޑުކަން ހާމަވާ ކަމެއް ކަމަށް ވިދާޅުވެ މުސްތަފާއަށް މަރުހަބާ ވިދާޅުވިއެވެ.

މީގެ އިތުރުން ކާށިދޫ ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ދޮންބިލެތް އަޙުމަދު ޙަލީމަށް ވެސް މޫސަ މަރުހަބާ ވިދާޅުވިއެވެ.އަދި ދޮންބިލެތް އަޙުމަދު ޙަލީމަކީ ވެސް ރާއްޖޭގެ އިސްލާޙީ ޙަރަކާތުގައި އެމްޑީޕީގެ ކުރީ ސަފުގައި ގައުމަށް އިޚްލާސްތެރި މަސައްކަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށާއި، ކާށިދޫ ދާއިރާގެ އެމްޑީޕީ ރައީސްގެ މަގާމުގައި ހުންނަވައިގެން ވެސް އެ ދާއިރާ އަށް އިޚްލާސްތެރި މަސައްކަތްތަކެއް ކޮށްދެއްވާ އެމްޑީޕީއަށް ވަފާތެރި ބެފުޅެއް ކަމުގައި ވިދާޅުވިއެވެ.

މީގެ އިތުރުން މުސްތަފާ އާއި ދޮންބިލެތް އަޙުމަދު ހަލީމަށް ގޮނޑިތައް ކާމިޔާބު ކުރުމަށް އެމްޑީޕީގެ ޗެއަރޕާސަންގެ ހައިސިއްތުން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކޮށް ވެދެއްވެން އޮތް ހުރިހާ އެހީތެރިކަމެއް ވެދެއްވާނޭ ކަމުގެ ޔަޤީންކަން އެ ފަރާތްތަކަށް އަރުވާ ކަމަށް ވެސް ފުލުހުންނާއި ސިފައިން ފެބްރުއަރީ 8 ގައި ދިން ލާއިންސާނީ ހަމަލާތަކުގެ ސަބަބުން ލިބިވަޑައިގެންނެވި ސީރިއަސް ޒަޚަމްތަކަށް ރާއްޖެއިން ބޭރުގައި ފަރުވާ ހޯދަމުންދާ މޫސަ ވިދާޅުވިއެވެ.