މަޖިލީހުގެ މަސައްކަތް ފެށުމާއެކު ޖީއެސްޓީ 4 ޕަސެންޓަށް ކުޑަކުރުމަށް ވެރިކަން ބަދަލު ކުރި މީހުން ހުށަހަޅާނެ: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފެށި މަސައްކަތް ހިނގައިގަތުމާއެކު ޖީއެސްޓީ 6 ޕަސެންޓުން 4 ޕަސެންޓަށް ކުޑަކުރުމަށް ވެރިކަން ބަދަލުކުރި ފަރާތްތަކުން ހުށަހަޅުއްވާނެ ކަމުގައި ރާއްޖޭގެ އިންތިޚާބީ ރައީސުލް ޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ކ. ކާށިދޫއަށް ކުރެއްވި ދަތުރުފުޅުގައި ރޭ އެރަށުގައި އެމްޑީޕީން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ވެރިކަން ބަދަލުކުރީ މަދު ވިޔަފާރިވެރިންތަކެއް އެމީހުންގެ އަމިއްލަ މަސްލަހަތަށް ކަމަށާއި އެވިޔަފާރިވެރިންނަކީ އެމީހުންގެ މުއްސަނދިކަމުން ބައެއް އުނިވެ ރައްޔިތުންނަށް އެއިން ބައެއް ލިބެން އެދޭ ބައެއް ނޫންކަމަށެވެ. އެގޮތުން ޖީއެސްޓީއަކީ ރައްޔިތުންގެ އެތައް ކަމެއް ކޮށްދިނުމަށް އެހީތެރިވާ ވަސީލަތެއް ކަމަށާއި ނަމަވެސް ވެރިކަން ބަދަލު ކުރި ވިޔަފާރިވެރިން އެކަން ހުއްޓުވާލަން ނުވަތަ އެއަދަދު ކުޑަކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ރައީސް ނަޝީދު ވިދާޅުވިެވެ.

ނަޝީދު ވިދާޅުވީ އެކަން ކުރުމަށްޓަކައި މަޖިލިސް ހުޅުވުމުން ޖީއެސްޓީ 6 ޕަސެންޓުން 4 ޕަސެންޓަށް ކުޑަކުރުމަށް އެވިޔަފާރިވެރިން ހުށަހަޅުއްވާނެކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ވެރިކަން ބަދަލުކުރީ އެވިޔަފާރިވެރިންނަށް ލިބޭ ފައިދާތަކުން ބައެއް ނަމަވެސް މަދުވެ ރައްޔިތުންނަށް އެފައިސާ ލިބޭތީ ކަމަށާއި އަމިއްލަ މަސްލަހަތަށްޓަކައި ކަމަށެވެ. އެގޮތުން ރިސޯޓުތަކުގެ މުއްދަތު އިތުރު ކުރުމަށް ގަނޑުކޮށް ދައްކަން ހަމަޖައްސާފައިވާ ފައިސާއަކީ ރައްޔިތުންނަށް ވަރަށްގިނަ ކަންތައް ކުރެވޭގޮތަށް ރާވާފައިވާ ފައިސާއެއް ކަމަށާއި ނަމަވެސް ވެރިކަމަށް އާދެވުމާއެކު އެކަން ބަދަލުކޮށް ބަހާލައިގެން ފައިސާދެއްކޭނެގޮތަށް މިހާރު ހަދާފައިވާތީ އެކަމަށްވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވިެވެ.

ރައީސް ނަޝީދު ވަނީ ގަދަކަމުން ވެރިކަން ވައްޓާލިގޮތްވެސް ކާށިދޫގެ ރައްޔިތުންނާ ހިއްސާ ކުރައްވާފައެވެ.