ރައީސް ނަޝީދު މާލެއަތޮޅު ގާފަރަށާއި ކާށިދޫއަށް ވަޑައިގެންފި

ރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މާލެ އަތޮޅުގެ 2 ރަށަކަށާއި، ނ.މާފަރަށް ފެއްޓެވި ދަތުރުފުޅުގައި މިއަދު ކ.ގާފަރާއި ކާށިދޫއަށް ވަޑައިގެންފިއެވެ.

ގާފަރާއި ކާށިދޫން ވެސް ރައީސް ނަޝީދަށް ވަރަށް ހޫނު މަރުހަބާއެއް ވަނީ ކިޔާފައެވެ. އެގޮތުން ކާށިދޫގައި ދެސަފަކަށް ގިނައަދަދެއްގެ ބަޔަކު ވަރަށް ދުރަށް އެތުރިފައިވާއިރު، މުޅި ބަނދަރުމަތި އޮތީ ޒީނަތްތެރި ކޮށްފައެވެ. އަދި މިރޭ އޮންނަ ޖަލްސާއަށްވެސް އެރަށް ވަނީ ވަރަށް ބޮޑަށް ޒީނަތްތެރި ކޮށްފައެވެ. މަރުހަބާ ދެންނެވުމަށް ނިކުތް މީހުންގެ ތެރޭގައި ދެޖިންސުގެ ހުރިހާ އުމުރުފުރާއެއްގެ މީހުން ހިމެނެއެވެ.

ރައީސް ނަޝީދު މަރުހަބާ ދެންނެވުމަށް އެއްވެތިބި މީހުންނާ ސަލާމް ކުރައްވަމުން ހިންގަވާފައި ވަޑައިގެންނެވިއިރު ދިޔައީ މާއުކަމުން. އަދި ރައީސް ނަޝީދާއި ވަފުދުގެ އެންމެހާ ބައިވެރިންގެ ކަރުގައި ވަނީ މާފައްޗެއް އަޅުވާފައެވެ.
އެއްވެސް ވަރަކަށް އިދިކޮޅު ޝުޢޫރެއް އެއްވެސް ބަޔަކު ފާޅުކޮށްފައެއް ނުވެއެވެ.

ކާށިދޫއަށް ވަޑައިގެންނެވުމުގެ ކުރިން ގާފަރަށް ވަޑައިގެން އެރަށުގައި ރައީސް ނަޝދު ވަނީ ދޮރުން ދޮރަށް ހިންގަވާފައެވެ.