ރާއްޖޭގައި އަވަސް އިންތިޚާބެއް ބޭއްވުމަށް ބައިނަލްއަޤްވާމީ ދުނިޔެއިން ގޮވާލަމުން އެގެންދަނީ ރާއްޖޭގައި މިހާރު މިއޮތީ ބަޣާވާތަކުން ގެނެސްފައިވާ ވެރިކަމެއްކަމަށް އެފަރާތްތަކުން ޤަބޫލު ކުރާތީ ކަމަށް ރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ ކެބިނެޓްގެ ފޮރިން މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
އިންސާފުގެ ދަތުރުގެ ނަމުގައި މާލޭ ލޮނުޒިޔާރަތްކޮޅު އިންސާފުގެ މައިދާނުގައި އެމްޑީޕީން ބާއްވަމުންދާ ސިލްސިލާ މުޒާހަރާގައި ރޭ ވާހަކަ ދައްކަވަމުން ނަސީމް ވިދާޅުވީ ބައިނަލް އަޤްވާމީ ޤައުމުތަކުން ބަލައިގަންނާނީ ސަރުކާރުތައް އެކަނި ނޫން ކަމަށާއި ބަލައިގަންނާނީ މުޅި ދައުލަތްކަމަށެވެ. އެހެންކަމުން ދިވެހިރާއްޖެވެސް ދައުލަތެއްގެ ގޮތުގައި ބަލައިގަންނަނީ ޤައުމެއްގެ ގޮތުގައި ބަލައިގަތުމަށް ކަމަށް ނަސީމް ވިދާޅުވިއެވެ. އެގޮތުން ދައުލަތެއް ހިންގޭނީ ރައްޔިތުން އިންތިޚާބު ކުރާ ރައްޔިތުންގެ ވެރިކަމެއް އޮވެގެން ކަމަށް ބޭރުގެ ފަރާތްތަކުން ޤަބޫލު ކުރާނެ ކަމަށާއި އެފަދަ ވެރިކަމެއް ނެތްތަންތަނަށް އެފަދަ ވެރިކަމެއް ގެނައުމަށް ބައިނަލްއަޤްވާމީ ދުނިޔެއިން މަސައްކަތް ކުރާނެ ކަމަށް ނަސީމް ވިދާޅުވިއެވެ.
ނަސީމް ވިދާޅުވީ އެގޮތުން ރާއްޖޭގައި މިހާރު މިއޮތީ ރައްޔިތުން އިންތިޚާބުކުރި ރައްޔިތުންގެ ވެރިކަމެއް ނޫންކަމަށާއި މިހާރު މިއޮތީ ފޭރިގަނެފައިވާ ޣައިރުޤާނޫނީ ވެރިކަމެއްކަމަށް ބޭރުގެ ފަރާތްތަކުން ޤަބޫލު ކުރާ ކަމަށެވެ. އެކަން ޤަބޫލުކުރާ ކަމުގެ ހެއްކަކީ ރާއްޖޭގައި އަވަސް އިންތިޚާބެއް ބޭއްވުމަށް ބައިނަލްއަޤްވާމީ ދުނިޔެއިން ގޮވާލުން ކަމަށް ނަސީމް ވިދާޅުވިއެވެ.
“މިއީ ސައްޙަ ވެރިކަމެއް ވިއްޔާ ކީއްވެތޯ އަވަސް އިންތިޚާބެއް ބާއްވަން ގޮވާލަންވީކީ. އިންތިޚާބެއް ބާއްވަން އެގޮވާލަނީ މިއީ ބަޣާވާތަކުން ގެނެސްފައިވާ ސަރުކާރަކަށް ވާތީ” ނަސީމް ވިދާޅުވިއެވެ.
ނަސީމް ވިދާޅުވީ ރާއްޖޭގައި އަވަސް އިންތިޚާބެއް ބޭވުމަށް ބޭރުގެ ހުރިހާ ފަރާތްތަކުންވެސް އެހީތެރިވާނޭ ކަމަށާއި އިރާދަކުރެއްވިއްޔާ ލަސްތަކެއް ނުވެ އެފަދަ އިންތިޚާބެއް ބޭއްވިގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.