މެންބަރުންގެ ޚިޔާލު: ބަޤާވާތާ ދެކޮޅަށް! މާޒީގެ ތެރެއިން ހިތްވަރު އާކުރުން!

ޢަލީ ފަހުމީ/އއ.ހިމަންދޫ

himandho2-big

މީގެ އަހަރުތަކެއްކުރިއެވެ. އއ ހިމަންދޫގެ ރައްޔިތުންނަކީ ދީނަށް ލޯބިކުރާ ރައްޔިތުން ތަކެއް ދިރުއުޅޭ ރަށެކެވެ. އިސްލާމްދީނަށް އުޅުމުގެ މިނިވަންކަމާއި ދީނީ ނަސޭހަތް އަޑުއެހުމުގެ މިނިވަންކަން ލިބިގެން ދިއުމުން ދީނީގޮތުން އޮޅުންއަރަފައިވާ އެތަކެއް ސުވާލުގެ ޖަވާބުތަކެއްލިބިގެން ދިއުމުން މާތްވެގެންވާ އިސްލަމްދީނާއި ރަސޫލާ މުހަންމަދުން ސައްލަﷲ އަލަހިވަސައްލަމްގެ ސުންނަތާ އެއްގޮތަށް އަޅުކަން ކުރުމުގެ ފުރުސަތު ލިބިގެން ދިޔައެވެ. އާދެ ހިމަންދޫގެ ރައްޔިތުން އިސްލާމްދީނަކީ އެންމެ ފުރަތަމަ ކަމަކަށް ހަދައި ރަސޫލާ އަންގަވާ ފައިވާ ގޮތަށް އަޅުކަން ކުރާނެ ފުރުސަތުތައް އިތުރުވިއެވެ. އެކަލާނގެ އަށް އަޅުކަން ކުރުމަށް ހާއްސަ ކޮށްފައިވާ މިސްކިތުގައެވެ.

އާދެ! އޭރުގާ ދިވެހިރާއްޖޭގެ ވެރިކަމުގައި ހުންނެވި މަޢުމޫނަކީ އިސްލާމްދީން ކުރިއަރުވަން ކުރެވުނު މަސައްކަތަށް ފާޅުކަން ބޮޑުގޮތުގައި ހުރަސްއަޅުއްވަމުން ގެންދިޔަ މީހަކަށް ވެފައި، އިސްލާމްދީނަށް އަޅުކަންކުރުމަށް ހިމަންދޫގެ ރައްޔިތުން ނުކުތުމުން، އެބައިމީހުން ނިކަމެތި ކުރުމުގެ ނަމުގައި ﷲއަށް އަޅުކަން ކުރުމަށް ޙާއްސަ ކުރެވިފައިވާ ހިމަންދޫގެ މިސްކިތުން އެބައިމީހުން ބޭރުކޮށް އެކަހެރި ކޮށްލިއެވެ. ނަމަވެސް އިސްލާމްދީނަކީ ނިކަމެތިންނަށް ޖާގަހުޅުވިފައިވާ ދީނަކަށް ނުވާތީ ދީނަށްލޯބިކުރި ހިމަންދޫ ރައްޔިތުން އެކަތިގަޑަކަށްވެ އަމިއްލަ ޚަރަދުގައި އަޅުކަންކުރާނެ މިސްކިތެއް އަމިއްލަ މީހެއްގެ ގޭގައި ބިނާކޮށް އެކަލާނގެއަށް އަޅުކަން ކުރަމުން ގެންދިޔައެވެ. މިގޮތަށް ދާންފެށުމުން މީސްތަކުންގެ މެދުގައި އިސްލާމްދީނުގެ ލޯބި އިހުނަށްވުރެ ބޮޑުވެ އިސްލާމީ ވަހުދަތު މުޅި ހިމަންދޫގައި ގާއިމުވާންފެށިއެވެ.

އާދެ! މިތަންބަލާކަށް ދިވެހިރާއްޖޭގެ ހުދުމުހުތާރު ވެރިމީހާއަކަށް ނުހުރެވުނެވެ. ކޮންމެ އަހަރެއްގެވެސް މާތްވެގެންވާ ރަމަޟާން މަހާއިދިމާކޮށް ތަފާތު އެކިބަހަނާތަކުގައި ހިމަންދުއަށް ފުލުހުންނާއި ސިފައިން އަރުވާ ބޮޑެތި ޖަރީމާތައް ހިމަންދޫގެ ރައްޔިތުންނަށް ކުރަމުންގެންދިޔައެވެ. ނަމަވެސް ހިމަންދޫގެ ރައްޔިތުން ތިބީ ﷲ އަށް އަޅުކަންކުރުން މަތީގައިވާތީ ކޮންމެ ފަހަރަކު ވެސް ﷲ އެބައިމީހުންނަށް ކެތްތެރިވާން ދަސްކޮށްދެއްވިއެވެ. މިގޮތުގައި އަހަރުތަކެއް ފާއިތުވަމުންދިޔައެވެ. ވެރިކަމުގެ އާރާއިބާރަށް އެކަމުގެސަބުން އަސަރުފޯރުވާނެހެން ހީވުމުން ހިމަންދޫގެ ގިނަ ރައްޔިތުން ނަކީ ކާފަރުންކަމާއި އެފަދަބަޔަކަށް މިގައުމުގައި އުޅޭން ޖާގަދެވިގެން ނުވާނެކަމަށް ބަލައި އެބައިމީހުންގެ ނަންތައް ލިޔެފައިވާ ލިސްޓެއް ތައްޔާރުކޮށް އެބައިމީހުން ހިފާ ހައްޔަރުކުރުމަށް ސަލާމަތީ ބާރުތަކުން ތައްޔާރުވާން ފެށިއެވެ. އާދެ! އެއީވެސް ރަމަޟާން މަހެކެވެ. ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކުން ހިމަންދުއަށް އަރައިގެން އައީ ހަނގުރާމައިގެ އެންމެހާބާރު ތަކާއެކުގައެވެ. ދީނަށް ލޯބިކުރާ މީހުން ހައްޔުކުރާށެވެ. ހިމަންދޫގެ އާބާދީ އަށްވުރެ ގިނަ ފުލުހުންނާއި ސިފައިންނެވެ.

އާދެ! ދީނަށް ލޯބި ކުރާ ހިމަންދޫގެ ރައްޔިތުން ﷲއަށް ޓަކައި ފައިތިލަ ސާބިތުކޮށްގެން ތިބީ އެކަލާނގެއަށް އަޅުކަން ކުރުމަތީ ދެމިތިބުމަށެވެ. ކުރިމަތިވާން އުޅޭ ބޮޑު މުސީބާތުން ސަލާމާތްވެވޭނެ ފިޔަވަޅު ވީ މިންވަރަކުން އަޅައިގެންނެވެ. ދިވެހި އަސްކަރިއްޔާއިން ހިމަންދުއަށް އަރައި އަސްކަރީ ހަނގުރާމަ އިއުލާންކުރިއެވެ. ﷲގެ މަގުގައި ފައިތިލަ ސާބިތުކޮށްގެން ތިބިމީހުން ސުލްހަވެރިކަމާއެކު ފުރާނައިގެ ރައްކާތެރިކަމާއެކީ ދެމިތިއްބައި އަސްކަރިއްޔާ އިން ބަރުހަތިޔާރާއެކީ އެމަދުމީސްކޮޅަށް ވަރުގަދަ ހަމާލާތަކެއް ދެމުންގެދިޔަ އިރުގައިވެސް ﷲ މަގުގައި ތިބި މުސްލިމުންނަށް ނަސްރުމިންވަރު ކުރެއްވިއެވެ. ގައުމުގެ ދިފާއީ ބަރުތަކާއި އަސްކަރީ ލަސްކަރު އަމާންދީ ފަހައްތަށް ޖެހުނެވެ.
އާދެ! ﷲގެ މަގުގައި ޖިހާދު ކުރުމަށް ނުކުމެތިބި މުސްލިމުން އެކަލާނގެ ދެއްވި ނަސްރުގެ މައްޗަށް ޝުކުރުގެ ސަޖިދައަށް ތިރިވެ ތިއްބައި އަސްކަރިއްޔާއިން އިހުނަށް ވުރެބޮޑު ލަޝްކަރަކާއިގެން އައިސް ކުއްލި ވަރުގަދަ ހަމާލާއެއްދިނެވެ. ޅަދަރިންނާއި ނިކަމެތި މައިންނަށްވެސް ބެލުމެއްނެތިއެވެ. ލާއިންސާނީ ބޮޑު ބަގާވާތެއް ހިންގައި ހިމަންދޫގެ ގިނަ ރައްޔިތުންތަކެއް ރަހީނުކޮށްގެން އިންސާނިއްޔަތާ ހިލާފު ގިނަ އަމަލުކެއް އެބައިމީހުންގެ މައްޗަށް ހިންގިއެވެ. މައިންނާއި ޅަދަރިން ޔަތީމުކޮށް، ހިމަންދޫގެ ރައްޔިތުންގެ މެދުގައި ނަފްސާނީ ބޮޑު ބިރުވެރިކަމެއްގެ ތެރެއަށް ގަންބުވާލިއެވެ. ﷲގެ މަގުގައި އަޅުކަން ކުރަމުންގެންދިޔަ މީހުންނީ މިދުނިޔެމަތީގައި ތިބި އެންމެ ނުރައްކާތެރި މީހުންނޭބުނެ އަދި ހިމަންދޫ އަކީ ޓެރަރިސްޓުން އުފައްދައި އެފަދަމީހުންއުޅޭ ތަނެކޭބުނެ ދުނިޔެއަށް ބޭޒާރުކޮށް ލާއިންސާނީ ބަދުނާމެއް އެބައިމީހުންގު ބޮލުގައި އެޅުވިއެވެ.

އާދެ! ކަމުގެ ހަގީގަތަށް ނުބަލައި ވެރިކަމުގެ ޖާހާ ލައްޒަތަށް ޓަކައި ކުރެއްވި އަމަލުތަކުގެ ސަބަބުން މިދުނިޔެމަތީގައި، ސައްތައިންސައްތަ މިރިވެތި އިސްލާމީ ގައުމުގެ ނަން ހަޑިކޮށް ދިވެހިރާއްޖެއަކީ ޓެރަރިޒަމަށް ވާގިދޭ ބައެކު އުޅޭ ތަނެއްކަމަށް އިއުލާނުކުރިއެވެ. އާދެ! ދިވެހި ރާއްޖޭގެ ނަން ބޭރުގެ މީޑިޔާގެ ކުރިމަތީގައި ކިލަބުކުރެވުނީ ނޭގުމެއްގެތެރާގައި ކަމަށް ބުނެ އިންކާރު ކުރަންފެށުމުގެ ނަތީޖާއަކީ ދިވެހި ގައުމުގެ ވެރިކަން ފޮރޮޅި އިންސާފު ގާއިމުވާންފެށުމެވެ. ނުހައްގުން އަނިޔާދެވުނު މީހުންނަށް ހައްގުގެ މަގަށް އެބުރި އައުމަށް ފުރުސަތުތައްދެވުމެވެ. ﷲ އެންގެވި މަގުން ނުކިޔަމަންތެރިކަން ދެއްކިމީހުންނަށް މިދުނިޔެމަތީގައި ވެސް ހައްގު އަދަބު ލިބޭނެކަން ކަށަވަރުވާންފެށީ ފާއިތުވެ ތިންއަހަރެއްހާ ދުވަހުގެ ތެރޭގައެވެ. ނަމަވެސް ވެރިކަމަށް ފެންބޮވާގެންފައި ތިބި ކިބުރުވެރިން މިއަމާން ތިންއަހަރުވެސް ބަގާވަތުގެ އެހީގައި އަނބުރާ ފަހަތައްޖެއްސިއެވެ. ކުރީގައި އޮތްހުދުމުހުތާރު ވެރިކަން ރައްޔިތުންގެ މައްޗަށް ގަދަކޮށް އަނިޔަވެރިކަމުގެ ވަޅުގަނޑަކަށް ދިވެހި ރައްޔިތުން ވާއްޓާލައިފިއެވެ.

އާދެ! މި ކަންކަމުން އިބުރަތް ހާސިލްކޮށް ހިމަންދޫގެ ރައްޔިތުން ދީނައްޓަކައިވީ ގުރުބާނީ މަތިން ހަދާންއާކޮށް ގައުމަށްޓަކައި ދީނަށްޓަކައި ކެރިގެން ތެދުވާންޖެހިފައިމިވާ ދަނޑިވަޅުގައި ފަސްއެބުރިދާމީހުންނީ ދެދުނިޔެއިންވެސް ގެއްލި ހަލާކުވެގެންދާ ބައެކަށްނުވުމަށް މިހާރުމިވާނީ ޖެހިފައެވެ. ދުނިޔެމަތީގައި އުޅޭ ކުޑަދުވަސްކޮޅު ހެޔޮގޮތުގައި ބޭނުންކުރަން މިހާރު މިވަނީ އަމަލީގޮތުން ދައްކާންޖެހިފައެވެ. ފަސްޖެހި ވަޑައިނުގެން އަމިއްލަ މަސްލަހަތު ދޫކޮށް ގައުމާއި ދީނަށް އިސްކަންދީނަށް އިސްކަންދީގެން މިހާރު މިހިންގަމުންދާ ބަގާވާތުން މިގައުމު ސަލާމަތްކުރުމަށް ދިވެހި ހުރިހާ އެންމެ ރައްޔިތުން ދެތުވާންޖެހިއްޖެއެވެ. އަމާންކަމާއެކީ އުޅުމީ ކޮންމެ ދިވެހި ފަރުދަކުވެސް އަދާކުރަންޖެހޭ ޒިންމާއެއްކަން ހަނދާންއާކުރަންޖެހިއްޖެވެ. އެކެއް އަނެކެއްގެ ކިބައިން ހިތްވަރު ހޯދައި ބިރުފަހަނަ އަޅައި ދާންޖެހިއްޖެވެ.