ކާށިދޫ ދާއިރާގެ ބައި އިލެކްޝަނަށް އެމްޑީޕީން ވާދަކުރާނީ ދޮންބިލެތް އަހުމަދު

dhonbileh-201-x-300

މިއަންނަ އެޕްރީލް މަހުގެ 14 ވާ ހޮނިހިރު ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ބައި އިލެކްޝަން ގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާނީ، އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ދޮންބިލެތް އަޙުމަދު ޙަލީމެވެ.

އެމްޑީޕީގެ ކާށިދޫ ދާއިރާގެ ރައީސްކަން ކުރައްވާ ދޮންބިލެތް އަޙުމަދު ޙަލީމަށް އެ ޕާޓީން ޓިކެޓް ދީފައި މިވަނީ އެ ދާއިރާގެ ބައި އިލެކްޝަން ގައި އެމްޑީޕީގެ ޓިކެޓްގައި ކުރިމަތި ލުމުގެ ފުރުސަތު މިދިޔަ ހޯމަ ދުވަހުގެ ހަވީރު 4 ގެ ނިޔަލަށް ހަމަވި އިރު، އެކަމަށް އެދިވަޑައިގެން ކުރިމަތިލައްވާފައިވާ ހަމަ އެކަނި ފަރާތަކީ ދޮންބިލެތް ކަމަށްވާތީ ކަމަށް އެމްޑީޕީން ބުނެއެވެ.

އެމްޑީޕީގެ ޓިކެޓަށް ދޮންބިލެތް އެދިވަޑައިގެންފައިވަނީ އެމްޑީޕީގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމުގެ ގަވައިދުގައި ބުނާ އެ ދާއިރާގެ މެންބަރުންގެ 10 ޕަސެންޓް ތާޢީދާ އެކުގައެވެ.

ދޮންބިލެތް އަޙުމަދު ޙަލީމަކީ ރައްޔިތުންގެ މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާގެ މެންބަރުކަން ވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން އޭނާ އަކީ ސިޔާސީ ދާއިރާ އާއި، ޚާއްސަކޮށް ކުޅިވަރުގެ ދާއިރާއަށް އަގުހުރި ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ.