މި އަހަރުގެ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހާއި ގުޅުވައިގެން ޑިމޮކްރަސީއާ، ސިޔާސީ ހަރަކާތްތަކުގައި އަންހެނުންގެ ހިއްސާ އިތުރުކޮށް، ޤައުމަށް ދިމާވެފައިމިވާ ސިޔާސީ މައްސަލަތައް ހައްލުކުރުމުގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ގެ ފުވައްމުލަކު އަންހެނުންގެ ރޫޙުގެ ފަރާތުން ވަރަށް ޚާއްސަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.
މި ހަރަކާއްތަކުގެ ތެރޭގައި 7 މާރޗް ވާ ބުދަ ދުވަހުގެރޭ 8.30 ގައި ފުވައްމުލަކު އެމް.ޑީ.ޕީ ހަރުގޭގައި ބާއްވާ އަންހެނުންގެ ޖަލްސާ އަކާއި، 8 މާރޗް ވާ ބުރާސްފަތި ދުވަހު ހަވީރު 4.00 ގައި އެމްޑީޕީ އޮފީސް ކުރިމަތިން ފެށޭ އަންހެނުންގެ މުޒާހިރާ އެއް ހިމެނެއެވެ. އަދި ހަމައެއާއެކު 10 މާރޗް ވާ ހޮނިހިރު ދުވަހު، އަންހެނުންނާއި އެކަބަލުންނަށް ސަޕޯޓުކުރައްވާ ބޭފުޅުންގެ ވަރަށް ޚާއްޞަ ވެހިކަލް ބުރެއްވެސް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މި ވެހިކަލްބުރު ފެށޭނީ އެ ދުވަހު ހަވީރު 4.00 ގައި އެމްޑީޕީ އޮފީސް ކުރިމަތިންނެވެ.
މިހަރަކާތްތަކުގައި އިންތިޚާބު އަވަސްކުރުމަށް ގޮވާލުމާއި މިހާރު މިއޮތް ބާޣީ ސަރުކާރާ ދެކޮޅަށް އަޑު އުފުލުމުގެ ގޮތުން ތަފާތު ޝުޢޫރުތައް ފާޅުކުރަމުން ގެންދާނެއެވެ.
އެހެންކަމުން މި ހަރަކާތްތަކުގައި ޑިމޮކްރެސީއަށާއި އެމްޑީޕީއަށް ތާޢީދު ކުރައްވާ އެންމެހާ ފަރާތްތަކުން ބައިވެރިވެވަޑައިގެންދެއްވުމަކީ ފުވައްމުލަކު އަންހެނުންގެ ރޫޙުގެ ވަރަށް ބޮޑުއެދުމެކެވެ.
6 މާރޗް 2012