ދައުލަތުގެ ވެރިކަން ބަޣާވާތަކުން ބަޔަކުމީހުން ފޭރިގަނެގެން ތިބޭތިބުން ގަބޫލުކޮށްގެން ދުވަހަކުވެސް ނުތިބޭނަން- އަލްހާން

alhaan-fahumy

ދައުލަތުގެ ވެރިކަން ބަޣާވާތަކުން ބަޔަކުމީހުން ފޭރިގަނެގެން ތިބޭތިބުން ގަބޫލުކޮށްގެން ދުވަހަކުވެސް ނުތިއްބަވާނޭ ކަމަށާއި، އަދި އެގޮތަށް ތިބޭނެކަމަށް އެއްވެސްބަޔަކު އުންމީދުކޮށްގެން ވެސް ނުވާނެކަމަށް އެމްޑީޕީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އިންސާފުގެ މައިދާނުގައި ވާހަކަފުޅު ދައްކަވަމުން އަލްހާން ވިދާޅުވީ ބަޔަކު މީހުން ބަޣާވާތަކުން ވެރިކަން ފޭރިގެން ތިބޭ ތިބުން ބަލަން އެމްޑީޕީ ނޯންނާނޭ ކަމަށެވެ. އަދި ރާއްޖެއަށް ބަޣާވާތެއް ގެނެސް އެމީހުން ހިންގި ޖަރީމާއަކީ ދިވެހި ގައުމާއި ރައްޔިތުންނާއި އެމީހުންގެ ޢާއިލާއާ ދެކޮޅަށް ހިންގި ކަމެއް ކަމަށް ވެސް އަލްހާން ވިދާޅުވިއެވެ.

ރާއްޖެއަށް ބަޣާވާތެއް ގެނެސް ރައްޔިތުން 5 އަހަރުގެ ދައުރަކަށް އިންތިޚާބުކޮށްފައިވާ ރައީސް ވެރިކަމުން ދުރުކުރީ ޣައިރުގާނޫނީ އަމުރުތައް ކުރާތީކަމަށް މި ބަޣާވާތުގައި ބައިވެރިވި ސިފައިންނާއި ފުލުހުންދާތީ ވާހަކަތަކަށް ރައްދު ދެއްވަމުން އަލްހާން ވިދާޅުވީ އެފަދަ އަމުރެއް އެމީހުންގެ މައްޗަށް ކޮށްފި ކަމަށްވާނަމަ އެމީހުންނަށް އޮތީ އެއަމުރަކަށް ތަބާނުވުން ކަމަށް އޭނާ ވިދާޅުވިއެވެ.

“ޣައިރު ގާނޫނީ އަމުރަށް ކިޔަމަންވާން ފުލުހުންނަށްވެސް އަދި ސިފައިންނަށްވެސް ނުޖެހޭނެ. އެހެންނަމަވެސް ޣައިރުގާނޫނީ އަމުރެއް ކުރިކަން ފުލުހަކަށް ނުވަތަ ސިފައިންގެ މީހަކަށް ގަބޫލު ކުރެވޭ ހިނދު ޢަމަލުކުރަންޖެހޭ ހަމައެކަނި ގޮތަކީ އެ ޣައިރު ގާނޫނީ އަމުރަކަށް ކިޔަމަންތެރި ނުވުން.” އަލްހާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ފުލުހުންނާއި ސިފައިންގެ ވެރިންގެ ފަރާތުން އެފަދަ އަމުރު ތަކުރާރުކޮށް އައި ކަމަށްވިޔަސް ނުކުމެ ރައްޔިތުން އިންތިޚާބު ކޮށްފައިވާ ސަރުކާރު ބަދަލުކުރުމުގެ ޙާލަތަށް އައިސްގެން ނުވާނެ ކަމަށެވެ. އަދި އެފަދަ ޙާލަތެއް އޮވެގެންވެސް ނުވާނެ ކަމަށެވެ.

ބަޣާވާތެއްކޮށްގެން ވެރިކަން ފޭރިގަތުމާ ދެކޮޅަށް ސުލްހަވެރިކަމާއެކު އިޙްތިޖާޖްކުރަމުންދާ ރައްޔިތުންނާ ދެކޮޅަށް ފުލުހުންނާއި ސިފައިން އެކަށީގެން ނުވާ ބާރުގެ ބޭނުންކުރުމާ ދެކޮޅަށް ވެސް އަލްހާން ވާހަކަފުޅު ދެއްކެވިއެވެ.

“ބަޔަކު މީހުން ބަޣާވާތެއް ކޮށްގެން ވެރިކަމަށް ސަވާރުވީމާ އެކަމަށް އިހުތިޖާޖު ކުރަން ނިކުންނަ ނިކުތުމުގައި އަޅުގަނޑުމެންގެ ގައިގައި ތަޅައި އަނިޔާކޮށް ހެދުމަކީ ދިވެހިފުލުހުންނާއި ސިފައިން ކޮށްގެންވާނެ ކަމެއްނޫން. އަޅުގަނޑުމެންގެ ރައްޔިތުން އެއްވެސް ކަހަލަ ހަމަނުޖެހުމެއް ނުހިންގާގޮސް މަޑުމަޑުން ތަނެއްގާ އިށީނދެތިބޭ ތިބުމުގައި އެމީހުންގެ ބޮލަށް ފެންޖަހާ ގަޔަށް ބޮލަށްއަރާ ހެދުމަކީ ދިވެހިފުލުހުންނާއި ސިފައިން ކޮށްގެންވާނެ ކަމެއްނޫން” އަލްހާން ވިދާޅުވިއެވެ.

ދިވެހިފުލުހުންނާއި ސިފައިން ވިސްނަންވީ އެމްޑީޕީ ސަރުކާރުގައި ކިތައް މީހުން ހައްޔަރު ކުރަން ޖެހުނުތޯއާއި، އަނިޔާކުރަން ޖެހުނުތޯ އާއި، ކިތައް މީހުންގެ ގައިގާ ތަޅަން ދިވެހިސަރުކާރުން އަމުރުކުރިތޯ ކަމަށް އަލްހާން ވިދާޅުވިއެވެ.

މީގެ އިތުރުން ދިވެހި ސިފައިންނާއި ފުލުހުން ރަނގަޅަށް ވިސްނާލީމާ އެމީހުންނަށް ބޮޑު ޖަރީމާ ހިންގިއްޖެކަން ވިސްނޭނޭ ކަމަށް ވެސް އަލްހާން ވިދާޅުވިއެވެ.