ނޫސް ބަޔާން: ޓޫރިޒަމް އިންޑަސްޓްރީން ސަރުކާރަށް ގަނޑުކޮށް ލިބޭން އޮތް 135 މިލިއަން ޑޮލަރު ދައްކަން ނުޖެހޭ ގޮތަށް ބާޣީ ސަރުކާރުން ނިންމި ނިންމުމަށް އެމްޑީޕީން ދެކޮޅުހެދުމުގެ ބަޔާން

mdp-logo

ޓޫރިޒަމް ޤާނޫނަށް ގެނެވުނު ދެވަނަ އިސްލާހުގެ ދަށުން ޓުއަރިސްޓް ރިސޯޓްތައް ކުއްޔަށް ދެވިފައިވާ މުއްދަތުވަނީ 7 މާޗު 2012ގެ ނިޔަލަށް އިތުރުކުރުމުގެ ފުރުސަތު ދެވިފައެވެ. މިޤާނޫނުގެ ދަށުން އެމް.ޑީ.ޕީގެ ސަރުކާރުން މުއްދަތު އިތުރުކޮށްދީފައިވަނީ 50 އަހަރުގެ މުއްދަތަށް އެއްކޮށް ފައިސާ ދައްކާ ފަރާތްތަކަށެވެ. މިގޮތުގެ މަތިން 25 ފަރާތަކުން މިހާތަނަށް ފައިސާ ދައްކަވާފައިވެއެވެ. އަދި އިތުރު 90 ފަރާތަކުން މުއްދަތު އިތުރުކުރުމަށް އެދިލައްވާފައިވާކަން އެމްޑީޕީން ފާހަގަ ކުރަމެވެ.އަދި ދައުލަތުގެ ޓްރެޝަރިއަށް ވަންނާނެ ގާތްގަޑަކަށް 135 ޔޫއެސް މިލިއަން ޑޮލަރެވެ.

މިހާރުގެ ބާޣީ ސަރުކާރުން 27 ފެބުރުއަރީގައި ނެރެފައިވާ ސަރކިއުލާރއަކުން ވަނީ މުއްދަތު އިތުރުކުރުމުގެ ފައިސާ ގަނޑުކޮށް ދައްކަން ނުޖެހޭ ކަމަށް ނިންމާފައެވެ. އެއީ ދަށުކޯޓުގެ ހުކުމަކާ އެއްގޮތަށް ކަމުގައިވެސް އެސަރކިއުލާރގައި ބުނެފައިވެއެވެ. އެގިވަޑައިގަންނަވާނޭ ފަދައިން ދަށުކޯޓަކުން ކުރެވިފައިވާ ހުކުމްވަނީ އެމްޑީޕީ ސަރުކާރުން އިސްތިއުނާފު ކުރަން ހުށަހަޅާފައެވެ. އެހެންނަމަވެސް ވަރަށް ޒިންމާދާރުކަން ކުޑަގޮތެއްގައި އެއިސްތިއުނާފުވަނީ މިހާރުގެ ބަންޑާރަ ނައިބުގެ އޮފީހުން ހުއްޓުވާފައެވެ.

އަޅުގަނޑުމެން އިސްތިއުނާފު ކުރަން ހުށަހެޅީ މިހާރު ފައިސާ ދައްކަވާފައިހުރި 25 ފަރާތަށް ދައްކަވާފައިވާ ފައިސާ ސަރުކާރުން އެފަރާތްތަކަށް އަނބުރާ ރައްދުކޮށްދޭން ޖެހޭނެތީ އެފަރާތްތަކަށް އަދުލު އިންސާފު ހޯދައި ދިނުމުގެ ގޮތުންކަމަށް އެމަޑީޕީ ސަރުކާރުގެ ޓުއަރިޒަމް މިނިސްޓަރ ވިދާޅުވިއެވެ. އަދި ގަނޑުކޮށް ފައިސާ ނެގުމަކީ އިންވެސްޓްމަންޓް ވެލިއު މަތިވާނެކަމެއް ކަމުގައި އެމްޑީޕީ ސަރުކާރުން ދެކެމެވެ. ގަނޑުކޮށް ފައިސާ ދެއްކުމަށް އިންކާރުކުރައްވަނީ ބަޣާވަތް ގެންނަން ބައިވެރިވި ބައެއް ވިޔަފާރިވެރިން ދައުލަތަށް ދައްކަންޖެހޭ ފައިސާއިން ބަރީއަވެ ދިވެހިރައްޔިތުންނަށް ހިދުމަތް ދިނުމަށް ދިވެހި ދައުލަތުގެ ބަޖެޓްން ވަންނާންހުރި އާމްދަނިއަށް ބެލުމެއްނެތި ކަމުގައި އެމްޑީޕީ އިން ދެކެމެވެ. އަދި ބާޣީސަރުކާރުން ފައިސާ ދައްކަން ހަދާ މުއްދަތަކީވެސް 25 އަހަރު ހަމަވާ ތާރީހްކަމުގައި ހަމަޖެއްސުމަކީވެސް ރައްޔތުންނަށް ލިބެންވާ އާމްދަނިއަށް ބެލުމެއްނެތި ނިންމާފައިވާ އިޚްލާސްތެރިކަމެއް ނެތް ނިންމުމެއްކަން އެމްޑީޕީން ފާހަގަކުރަމެވެ.


ބަޔާން ނެރުނީ: ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ސެކްރެޓޭރިއަޓް