އެމްޑީޕީގެ އިސް މެންބަރުންތަކެއް ފުލުސް އޮފީހަށް ހާޒިރުކޮށްފި

ނުރައްކާތެރި ބަޣާވާތަކުން ރާއްޖޭގެ ފުރަތަމަ ޑިމޮކްރެޓިކް ވެރިކަން ފޭރިގަތުމަށް ފަހު އެމްޑީޕީގެ އިސް މެންބަރުންނާއި އާންމު މެންބަރުންނަށް ބިރުދެއްކުމަށް ފަށާފައިވާ ސިލްސިލާއެއް ކަމަށް ގިނަ ބަޔަކު ބުނާ، އެމްޑީޕީގެ މެންބަރުން ފުލުސް އޮފީހަށް ހާޒިރުކުރުމުގެ ސިލްސިލާގެ ދަށުން މިއަދު، ރައީސް ނަޝީދުގެ ކެބިނެޓްގެ ޑިފެންސް މިނިސްޓަރ ތޮލްހަތު އިބްރާހީމް ކަލޭފާނު ފުލުސް އޮފީހަށް ހާޒިރުކޮށްފިއެވެ.

ތޮލްހަތު އިބްރާހިމް ކަލޭފާނު މިއަދު ފުލުސް އޮފީހަށް ހާޒިރުކުރީ، ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމުގައި ހުންނަވަނިކޮށް، ގާޒީއެއްގެ ސުލޫކީ މައްސަލައެއްގައި ޖޭއެސްސީއަށް ދޭން ކެރުނު އަދަބު ކަމަށްވާ، ކުރިމިނަލް ކޯޓުން އެހެން ކޯޓަކަށް ބަދަލުކުރަން ނިންމާފައިވާ، އަބްދުﷲ ގާޒީ ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށަށް ގެންދިޔަ މައްސަލައާ ގުޅިގެން ހިނގަމުންދާ ތަހުގީގަށެވެ.

މިއަދު 30: 2 ހާއިރު ޕޮލިހަށް ހާޒިރު ކުރުމުން ތަހުގީގުގައި ތޮލްހަތު ބޭނުންކުރެއްވީ ހަނު ހުރުމުގެ ފުރުސަތެވެ. އެހެންކަމުން އޭގެ 15 މިނިޓް ފަހުން ތޮލްހަތުވަނީ ދޫކޮށްލާފައެވެ.

ރައީސް އޮފީހުގެ ކުރީގެ އަންޑަ ސެކްރެޓަރީ އިބްރާހިމް ރަޝީދު (ހޯރަ އިއްބެ) އިއްޔެ ފުލުސް އޮފީހަށް ހާޒިރުކޮށްފައިވާއިރު، ރައީސް ނަޝީދުގެ އެގްޒެކެޓިވް ސެކްރެޓަރީ މުހައްމަދު ޒިޔާދު (ޒިޔައްޓޭ)އަށްވެސް ވަނީ ޕޮލިހަށް ހާޒިރުވުމަށް ޗިޓް ފޮނުވާފައެވެ.