ނޫސް ބަޔާން: ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް، 8 މާރޗް 2012 ގެ ހަރަކާތްތަކާ ބެހޭ ގޮތުން އެމްޑީޕީގެ އަންހެނުންގެ ރޫހުން ނެރޭ ބަޔާން

mdp-logo-150-x-157

އެމްޑީޕީގެ އަންހެނުންގެ ގޮފި، “އަންހެނުންގެ ރޫޙު” ގެ ފަރާތުން މިއަހަރުގެ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ޚާއްސަ ޕްރޮގްރާމެއް ކުރިއަށް ގެންދިޔުމަށް ނިންމައިފިއެވެ. މި ޕްރޮގްރާމްގެ ހަރަކާތްތައް 5 މާރޗްވާ ހޯމަ ދުވަހުގެ ރެއިން ފެށިގެން ކުރިއަށް ދާނެއެވެ. މި ހަރަކާތްތަކުގައާއި 8 މާރޗް 2012 ވާ ބުރާސްފަތި ދުވަހު މާލޭގައި އޮންނަ ޚާއްސަ އިވެންޓުގައި އަމަލީގޮތުން ބައިވެރިވެވަޑައިގެންދެއްވުމަށް އެދިވަޑައިގަންނަވާ ޑިމޮކްރެސީއަށާއި އެމްޑީޕީއަށް ތާއިދު ކުރާ އެންމެހާ ދިވެހި އަންހެން ބޭފުޅުންނާއި އެމްޑީޕީގެ އަންހެން މެމްބަރުންނަށް، އަންހެނުންގެ ރޫޙުގެ ފަރާތުން ދައުވަތު އަރުމެވެ.

އަދި މި ޕްރޮގްރާމްގައި ބައިވެރިވެވަޑައިގަންނަވާ އަންހެންބޭފުޅުން ވީ އެންމެ އަވަހަކަށް މާލެވަޑައިގެންދެއްވުމަށް އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ފަރާތުން އެދެމެވެ. މި މައުލޫމާތު ވީހާ ގިނަ އަންހެންބޭފުޅުންނާއި ހިއްސާ ކުރުމަށް އަންހެނުންގެ ރޫޙުން އެމްޑީޕީގެ އެންމެހާ ގޮފިތަކުގެ ރައީސުން އަދި ނައިބު ރައީސުންނާއި މިހާރު މިގެންދަނީ ފޯނުން ގުޅާ ދަންނަވަމުންނެވެ. އަދި އަތޮޅުތަކުގައި ތިއްބެވި އެމްޑީޕީގެ މެމްބަރުންގެ ތެރެއިން މިކަމުގައި އިސްވެ ޙަރަކާތްތެރިވެދެއްވުމަށް އެދިވަޑައިގަންނަވާ އަންހެން ބޭފުޅުން ހެނދުނު 10.00 ން ހަވީރު 4.00 އާ ދެމެދު ނަމަ 3340044 ނަންބަރު ފޯނުން އެމްޑީޕީގެ އޮފީހަށް އަދި ހަވީރު 4.00 ން ރޭގަނޑު 10.00 ދެމެދު ނަމަ 7410069 ނަންބަރު ފޯނާއި ގުޅުއްވައި އަންގަވާލަދެއްވުން އެދެއެވެ.

މިއަހަރުގެ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހަކީ 8 މާރޗް 2012 ވާ ބުރާސްފަތި ދުވަހެވެ. މިއަހަރުގެ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ ޝިޔާރަކީ “ކަނެކްޓިންގ ގާރލްސް، އިންސްޕަޔަރިން ފިއުޗަރޒް” އާދެ، “އަންހެނުންގެ ގުޅުމުން މުސްތަގްބަލް އުޖާލާކުރުން” މި އެވެ.

ބަޔާން ނެރުނީ: އެމްޑީޕީގެ އަންހެނުންގެ ރޫޙް