އަވަސް އިންތިޚާބެއް ނުބާއްވައިފިނަމަ އިންސާފުގެ ދަތުރުގެ މުޒާހަރާ ފުޅާވެ ރާއްޖޭގެ ހުރިހާ ކަންކޮޅު ތަކެއްގައި އަދުގެ ސަރުކާރާއި ދެކޮޅު ހަރަކާތްތަކެއް ހިންގަންޖެހިދާނޭ ކަމަށް ތުޅާދޫ އެމްޑީޕީ އޮފީހުން ބުނެފި

baa-atoll-tthulhaadhoo-muzaahara

އަވަސް އިންސާފްވެރި އިންތިޚާބެއް ނުބާއްވައިފިނަމަ އިންސާފުގެ ދަތުރުގެ މުޒާހަރާ ފުޅާވެ ރާއްޖޭގެ ހުރިހާ ކަންކޮޅު ތަކެއްގައި އަދުގެ ސަރުކާރާއި ދެކޮޅު ހަރަކާތްތަކެއް ހިންގަންޖެހިދާނޭ ކަމަށް ތުޅާދޫ އެމްޑީޕީ އޮފީހުން ބުނެފިއެވެ.

” ކުރީގެ ނައިބު ރައީސް ވަހީދުއަށް އަޅުގަނޑުމެން މި ގޮވާލަނީ ވަގުތުން ވަގުތަށް ވެރިކަމުން އިސްތިޢުފާދެއްވާ ސުލްހަވެރިކަމާއެކު، އަވަސް އަދި އިންސާފުވެރި އިންތިޙާބެއް ބާއްވާދިނުމަށެވެ. ނޫންނަމަ އިންސާފުގެ ދަތުރުގެ މުޒާހަރާ ފުޅާވެ ރާއްޖޭގެ ހުރިހާ ކަންކޮޅު ތަކެއްގައި އަދުގެ ސަރުކާރާއި ދެކޮޅު ހަރަކާތްތަކެއް ހިންގަންޖެހުމަކީ އެކަށީގެންވާ ކަމެއްކަމުގައި ދަންނަވަމެވެ.” ތުޅާދޫ އޮފީހުން ނެރުނު ނޫސް ބަޔާނުގައި ވެއެވެ.

އަދި މިހާރުގެ މި އަނިޔާވެރި ބާޢީ ސަރުކާރުން އެމްޑީޕީގެ ލޮބުވެތި ރައްޔިތުންނަށް ކުރަމުންގެންދާ ލާއިންސާނީ އަނިޔާތައް ތުޅާދޫ އެމްޑީޕީ މެންބަރުން ވަރަށް ހަރިކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ވެސް މި ނޫސް ބަޔާނުގައި ވެއެވެ. އަދި “އިންސާފުގެ ދަތުރުގެ މުޒާހަރާގެ ބައިވެރިންނާއެކު އަޅުގަނޑުމެން މިތިބީ އަތާއަތް ގުޅުވާލައިގެން ” ކަމުގައިވެސް ދަންނަވަމެވެ. އެބޭފުޅުންނިކުމެވަޑައިގެން މަސައްކަތްކުރައްވަމުން އެގެންދަވަނީ، ދިވެހިރާއްޖޭގެ ދުސްތީރީ ނިޒާމުގެ ތެރެއިން ގެއްލިގެންދިޔަ ޙައްގެއް ހޯދުމުގައިކަމަށް ވެސް އެ ނޫސް ބަޔާނުގައި ވެއެވެ.

“ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ އިސްލާހްކޮށް ޤާނޫނުން ރައްޔިތުންނަށް ބާރުތަކަކާއި، އިޙްތިޔާރުތަކެއް ލިބިދީ މިނިވަންކަމާއި އިންސާފް ނުލިބިފައިވާތީ، އެމްޑީޕީ އިން ފެށި އިންސާފުގެ ދަތުރުގެ މުޒާހަރާ އަށް އަޅުގަނޑުމެން ފުރިހަމައަށް ތާޢީދުކުރާ ވާހަކަވެސް ދަންނަވަމެވެ.” ތުޅާދޫ އެމްޑީޕީ އޮފީހުން ނެރުނު ނޫސް ބަޔާނުގައި ވެއެވެ.