ކޮކަޑި ކެއި މީދާ ވާރޭފެން ބޮއިގެން ދިރުނުގޮތަށް އަޅުގަޑުމެން މިތިބީ ދިރިފަ – ސިވާސް
ހުރިހާކަމެއްގެ ހަގީގީ ހައްލަކީ އަވަސް އިންތިޚާބެއް ބޭއްވުން – ޝިޔާމް
“ބަޣާވާތާއި ދެކޮޅަށް” މި ޝިއާރުގެ ދަށުން ގއ. މާމެންދޫ އެމްޑީޕީގެ މެންބަރުން އެރަށު ބަނދަރު ސަރަހައްދުގައިޚާއްސަ ޖަލްސާއެއް ބާއްވައިފި އެވެ.
ރޭ ގއ.މާމެންދޫގައި ބޭއްވި މިޖަލްސާގައި ވާހަކަފުޅު ދެއްކެވީ މަތިދެކުނު ސަރަހައްދުގެ ގައުމީ އިދާރާގެ ވެރިޔާ އާއި، ދާންދޫ ދާއިރާގެ އަތޮޅުކައުންސިލްގެ ދެ މެންބަރުންނާއި، މާމެންދޫ އެމްޑީޕީ ޔޫތު ގޮފީގެ ރައީސް އާއި އަދި އެމްޑީޕީގެ އާންމު ދެ މެންބަރުންނެވެ.
މި ގޮތުން މަތި ދެކުނު ސަރަހައްދުގެ ގައުމީ އިދާރާގެ ވެރިޔާ މުހައްމަދު ޝަރީފް ދެއްކެވި ވާހަކައިގައި 2008 ވަނަ އަހަރު ރައްޔިތުންގެ ސީދާ ވޯޓަކުން ވެރިޔަކު އިންތިޚާބުކުރީ ޒަމާނުއްސުރެ މިރާއްޖޭގައި އޮތް ހުދުމުހުތާރު ސަގާފަތް ނައްތާލަން ކަމަށް ވިދާޅުވިއެވެ. އެހެން ނަމަވެސް 3 އަހަރުފަހުން މިފެނުނީ އަނެއްކާ 30 އަހަރުގެ ފަހަތަށް މުޅިޤައުމު ވެއްޓިގެން ދިޔަމަންޒަރު ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިއަދު މިފެންނަނީ ޒަމާނުއްސުރެ މިރާއްޖޭގެ އަދުލު އިންސާފް ބޮއްސުންލާފައި އޮތުމުގެ ހަގީގީ ނަތީޖާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
“މިނާޒުކު ދަނޑިވަޅުގަ އެންމެން އެބަޖެހޭ މިޤައުމު ސަލާމަތްކުރަން. އެހެންވީމާ ޑިމޮކްރަސީ ގެންނަން ކުރި މަސައްކަތުގެ ދެގުނަ މިއަދު މިވަނީ ކުރަން ޖެހިފަ. މިކަމަށް ހުރިހާ މެންބަރުން ސާބިތުވެ ތިބުމަށް ގޮވާލަން.” ޝަރީފް ވިދާޅުވިއެވެ.
މި ޖަލްސާގައި ގއ.އަތޮޅު ކައުންސިލް މެންބަރު އިބުރާހިމް ޞާބިރު (ސިވާސް) ވިދާޅުވީ މިމަހުގެ 7 ވަނަ ދުވަހު ދިވެހި ފުލުހުންނާއި ސިފައިން ދިވެހިރައްޔިތުންނަށް އެދެއްވީ ވަރަށް ނުރައްކާތެރި މެސެޖެއް ކަމަށް ވިދާޅުވިއެވެ.
” އެމެސެޖަކީ މިރާއްޖެގެ ލޮބުވެތި ރައްޔިތުން އެމީހުންގެ ލޯތްބާއިއެކު ކިތަންމެ ބޮޑު އަޤުލަބިއްޔަތުން ވޯޓަކުން ވެރިއަކު އިންތިހާބުކޮށް ތަޚްތުގަ ބޭންދި ނަމަވެސް އެވެރިއަކީ ސިފައިންނާއި ފުލުހުން ހިތް ނޭދޭ ވެރިއަކު ނަމަ އެވެރިއަކު ވެރިކަމުގެ ތަޙްތުގަ ނުހުންނަވާނެ. މިނުރައްކާތެރި މެސެޖް މީގެ 15 ވަރަކަށް އަހަރު ކުރިޔަށް ތަރުޖަމާ ކޮށްލީމާ މި ނިކުންނަ އަނެއް މެސަޖަކީ، މިރާއްޖޭގަ ދެން އޮންނާނީ މިލިޓްރީ ވެރިކަމެކޭ. މިހާރުވެސް ވަހީދަށް ސީދާ ބާރު އެބަފޯރުވާ ސިފައިންނާއި ފުލުހުން.” ސިވާސް ވިދާޅުވިއެވެ. “ދެން އުފެދޭ ސުވާލަކީ މިއީ ދިވެހި ރައްޔިތުން އެދޭގޮތްހޭ؟ ނުވަތަ ބޭނުންވާގޮތްހޭ؟ ނުވަތަ މިހެން ވަރިހަމަ ކޮށްގެން ދިވެހި ރައްޔިތުން ތިބޭނެހޭ؟ މިސުވާތަކުގެ ޖަވާބު ނެރެން ޖެހޭނީ ދިވެހި ތާރީހްގެ ތެރެއިން.”
އެމްޑީޕީ މިހާރުމާވަރުގަދަ ކަމަށް ސިވާ ވިދާޅުވިއެވެ. އަދި “ކޮކޮޑި ކެއި މީދާ ވާރޭފެން ބޮއިގެން ދިރުނު” ގޮތަށް އެމްޑީޕީގެ މެންބަރުންނަށް އިތުރު ހިއްވަރެއް ލިބިފައިވާ ކަމަށް ސިވާގެ ވާހަކައިގައި ވިދާޅުވިއެވެ.
“ހީފުޅު ކުރެއްވީތޯ މިމަހުގެ 6 ވަނަ ދުވަހުގެ ރޭ އެމްޑީޕީ ހަރުގެ ސުންނާފަތި ކޮއްލާފަ 7 ވަނަ ދުވަހު ދިވެހިރާއްޖޭގެ ވެރިކަން ބާޢާވާތްކޮށް ވައްޓާލާފަ، 8 ވަނަ ދުވަހު އެމްޑީޕީގެ މެމްބަރުން ތަޅާސުންނާފަތި ކޮށްލާފަ 9 ވަނަ ދުވަހު މިޕާޓީގެ އިސްމީހުން ހިފާ ހައްޔަރުކުރަން ކޯޓްއަމުރު ނެރުނީމާ އެމްޑީޕީމަރުވީއޭ. ނޫން. ނޫން ހަމަހިލާ އެހެނެއްނުވާނެ. އެމްޑީޕީ މިހާރު މާ ވަރުގަދަ. މާ ވަރުގަދަ. ކޮކަޑި ކެއި މީދާ ވާރޭފެން ބޮއިގެން ދިރުނުގޮތަށް އަޅުގަޑުމެން މިތިބީ ދިރިފަ. މިދިރުމަކީ މީ ވަހީދުގެ ސަރުކާރަށް ކަނޑުމަތި އެޅުކަހަލަ ކަމެއް.” ގއ.އަތޮޅު ކައުންސިލްގެ ދާންދޫ ދާއިރާގެ ކައުންސިލް މެންބަރު ސިވާސް ވިދާޅުވިއެވެ.
އާދެ. ވެރިކަން ބަޣާބާތްކުރި ސަބަބާއި މެދު ވިސްނާލީމާ މިލިބެނީ 2 ޖަވާބެއް ކަމަށް ވެސް ސިވާ ވިދާޅުވިއެވެ. ފުރަތަމަ ޖަވާބަކީ 2013 ވަނަ އަހަރު އިންތިހާބަކުން ރައީސް ނަޝީދުގެ ވެރިކަން ބަދަލެއް ނުކުރެވޭނޭ ކަން ޔަޣިންވުން ކަމަށާއި، 2 ވަނަ ޖަވާބަކީ 2013 އަށް ރައްޔިތުންނަށް ވިއްކާނެ މެނިފެސްޓޯއެއް ބާގީނަށް ހަދަންނޭގުނީ ކަމަށް ސިވާ ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ގއ. އަތޮޅު ކައުންސިލްގެ ދާންދޫ ދާއިރާގެ ކައުންސިލް މެންބަރުކަން ކުރައްވާ އަޙުމަދު ޝިޔާމް ވިދާޅުވީ ބަޣާވާތުގެ ސަބަބުން ހުރިހާ ދެރައެއް ލިބުނީ އާންމު ރައްޔިތުންނަށް ކަމަށެވެ.
“ބާޤީންގެ ހައެއްކަ މީހުންވެގެން މުޅިރާއްޖެއާއި، ރާއްޖޭގެ ރައްޔިތުންނަށް އެދިނީ ވަރަށްބޮޑު ދެރައެއް. އެމްޑީޕީ ސަރުކާރުގެ މެނިފެސްޓޯ ވެއްޔާއި މޮޑެލީ. ތަރައްޤީގެ އެތައް މަޝްރޫއެއް ހުއްޓުމަކަށް ގެނައީ. މިކަމުގެ ސީދާއަސަރު ކުރާނީ ރައްޔިތުންނަށް.” ޝިޔާމް ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި ޝިޔާމް ވަނީ ފުލުހުންނާއި ސިފައިން ރައްޔިތުންނަށް ކުރަމުންދާ އަނިޔާކުރުން މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލައި ސިފައިންގެ ޚިދުމަތުގެ ގާނޫނުގެ ބައެއް މާއްދާތައް ވިދާޅުވެދެއްވާފައެވެ.
“މިހާރު މިރާއްޖޭގައި ސިފައިންނާއި ފުލުހުން އެމަލު ކުރަނީ ކަނޑައެޅިގެން މިދެންނެވި ގާނޫނުތަކާއި ޚިލާފަށް. ރައްޔިތުންގެ މުދާ ރޯކުރަނީ، މުދާހަލާކު ކޮށްލަނީ، ރައްޔިތުން ތަޅާއަނިޔާ ކުރަނީ ހަޑިހުތުރު ބަހުރުވައިން ރައްޔިތުންނާ މުހާތަބުކުރަނީ. މިއީ ހިތާމަހުރިކަމެއް. މި ހުރިހާކަމެއްގެ ހަގީގީ ހައްލަކީ މިއަދު އަވަސް އިންތިޚާބު.” ޝިޔާމް ވިދާޅުވިއެވެ.