ނޫސް ބަޔާން: ސުލްހަވެރި އިހްތިޖާޖީންގެ އިތުރު ބަޔަކު ގާނޫނާ ހިލާފަށް ހައްޔަރުކޮށްފި

* މިއީ މި ޕާޓީގެ ނަންބަރު 27/02/2012 އިނގިރޭސި ނޫސް ބަޔާނުގެ ދިވެހި ތަރުޖަމާއެވެ

mdp-logo-150-x-157

9 ފެބްރުއަރީ 2012 ގައި ޕޮލިސް ކޮމިޝަނަރ އަބްދުﷲ ރިޔާޒް ވިދާޅުވިފަދަ “މީހުން ޖެހިލުންވާ، ބިރުގަންނަ މުއައްސަސާއަކަށް” ދިވެހިފުލުހުންގެ މުއައްސަސާ ހެދުމަށް ކުރެވޭ މަސައްކަތާއި ދެކޮޅަށާއި، އަދި ދިވެހިރާއްޖެ އަސްކަރީ ބާރުވެރިކަމެއްގެ ދަށަށް ހިނގައިދާނޭކަމުގެ ބިރުއޮތްކަން ފާހަގަކޮށް އެކަމާ ދެކޮޅަށް ރައްޔޮތުން ތިބީ ހައްޔަރުކޮށް، ބަންދުކުރިއަސް، ތެދުވާން ތައްޔާރަށްކަމަށް ދައްކުވައިދޭ ސުލްހަވެރި އިހްތިޖާޖެއް، ލޮނުފެނާއި ޕެޕަރ ސްޕްރޭގެ އެހީގައި މިއަދު ރަޔަޓު ފުލުހުންނާއި ސިފައިން ރޫޅާލައިފިއެވެ.

މިއިހްތިޖާޖުގައި، އަންހެނުން ހިމޭނޭގޮތަށް، ސަތޭކައެއްހާ މީހުން ބައިވެރިވިއެވެ. ރަމްޒީ ނިޝާނެއްގެގޮތުން ކޭބަލް ޓައި އަތުގައި ބަނދެގެން އެމީހުން ހައްޔަރުކޮށްދިނުމަށް އެދުމަށްޓަކައި އިހްތިޖާޖީން މިސްރާބުޖެހީ ފުލުހުންގެ މައި މަރުކަޒަށެވެ. އިހްތިޖާޖީންގެ ހަރަކާތްތައް ހުރީ ސުލްހަވެރި މަގުންކަމުގައި ވީނަމަވެސް، ރައީސް އޮފީސް ދޮށުން ރަޔަޓު ފުލުހުންނާއި ސިފައިން އެމީހުންނަށް ހުރަސްއަޅައި، އަނިޔާވެރިކަން އިސްކޮށް، ލޮނުފެނާއި ޕެޕަރ ސްޕްރޭގެ ހަމަލާއަކުން އިހްތިޖާޖީން ފައްސާލިއެވެ.

ތިން އަންހެނުނާއި އިތުރު ބަޔަކު އެމީހުން ހައްޔަރުކޮށްފައިވެއެވެ. ބަގާވާތައްފަހު ދެއްވި ފުރަތަމަ ނޫސް ކޮންފަރެންސްގައި “މީހުން ޖެހިލުންވާ، ބިރުގަންނަ މުއައްސަސާއަކަށް” ފުލުހުން ހައްދަވާނޭކަމަށް އައު ޕޮލިސް ކޮމިޝަނަރ ވިދާޅުވި ވިދާޅުވުމަށް ރިއާއަތްކުރައްވާ ބައިނަލްއަގުވާމީ ކަންކަމާބެހޭ އެމްޑީޕީގެ ތަރުޖަމާނު ހާމިދު އަބްދުލް ގަފޫރު ވިދާޅުވީ، “ރައްޔިތުން މައިތިރިކޮށް ހިފެހެއްޓުމަށްޓަކައި ހައްޔަރާއި އަނިޔާގެ ބިރުވެރިކަން އެމީހުން ބޭނުންކުރާނެ” ކަމަށެވެ.
“މިހާރު އަޅުގަނޑުމެނަށް މިފެނިގެންދަނީ އިންސާނީ ހައްގުތަކުގެ ތެރޭގައި ވަރަށް އިސްސަފުގައި ހިމެނޭ އެއްވެއުޅުމުގެ މިނިވަންކަމާއި، ހިޔާލުފައުޅުކުރުމުގެ މިނިވަންކަމަށް، ވަރަށް ސާފުކޮށް، ވަރަށް ރޭވުންތެރިކޮށް ވިސްނައިގެން އަރައިގަންނަމުން ގެންދާތަން. މިއަދުގެ އިހްތިޖާޖަކީ، އިހްތިޖާޖީންނަށް ބިރުދެއްކުމަށްޓަކައާއި، ހައްޔަރުކޮށްފައި ބޭތިއްބުމަށްޓަކައި ވަރަށް ފައުޅުކަންބޮޑުކޮށް ދިވެހިރާއްޖޭގެ އަދުލުގެ ނިޒާމު ނާޖާއިޒުގޮތުގައި ބޭނުންކުރަމުން ގެންދާދިއުމާ ދެކޮޅަށް ކުރި ރަމްޒީ އިހްތިޖާޖެއް. އަދި، މިކަން ރަމްޒީގޮތުން ރައްޔިތުންނަށް ހާމަކޮށްދިނުމަށްޓަކައި ހަމަ ތިއްބާ، ސަރުކާރުން ނިކުމެ މިކަން ސާބިތުވާގޮތަށް އަނެއްކާވެސް ހަމަ ގޮށްމުށުގެ ބާރާއި އަނިޔާވެރިކަން އިސްކޮށް އިހްތިޖާޖު ރޫޅާލައި، ގާނޫނާ ހިލާފު އިތުރު ހައްރުކުރުންތަކެއް ކޮށްފި. ސަރުކާރާއި، ފުލުހުންނާއި، ސިފައިންނާއި އަދުލުގެ ނިޒާމުގައި ހިމެނޭ ބައެއް ފަރާތްތަކާ ގުޅިގެން ގާނޫނާހިލާފު މިފަދަ ހައްޔަރުކުރުންތައް މިފޮރުވަނީ ގާނޫނީ ވަރަށް ތުނި ފަށަލައެއްގެ ނާޖާއިޒު ބޭނުންކޮށްގެން. ދިވެހިރާއްޖޭގެ އަދުލުގެ ނިޒާމުގެ ތެރޭގައި ވަރަށް ކޮރަޕްޓު ޖަޖުންތަކެއް ތިބިކަމީ ފައުޅުކަން ބޮޑުކަމެއް. ހަމަ އަނެއްކާވެސް އަޅުގަނޑުމެނަށް މިފެންނަނީ މިއީ ބޮޑުވެގެންވާ ހަގީގަތެއްކަން،” ހާމިދު ވިދާޅުވިއެވެ.

އަދި، “ސިފައިންގެ މައްޗަށް ކަނޑައެޅިއޮތް ގާނޫނީ އިމުން ބޭރުން އާންމު މަސްލަހަތުގެ ތެރެއަށް ސިފައިންގެ ބަޔަކު ވައްދައިގެން އެމުއައްސަސާގެ ގާނޫނީ އިންނަގާލަމުން ގެންދާތަން އަނެއްކާ މިއަދުވެސް އިތުރަށް ފެނިއްޖެ،” ކަމަށްވެސް ހާމިދު ފާހަގަކުރެއްވިއެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް