މެންބަރުންގެ ޚިޔާލު: އިންޤިލާބަކަށްވުރެން މި ޤައުމަށް އަދިވެސް ރަނގަޅީ ރައްޔިތުންގެ ބަހާއި އެއްގޮތަށް ސަރުކާރުން ޢަމަލުކުރުމެވެ.

freedom-parade

ހަޤީގަތުގައިވެސް ވެރިކަމެއްގެ އެންމެހާ ބާރުތައް އުފުލިގެން އަންނަނީ ރައްޔިތުންގެ ކިބައިންކަން ދިވެހިންނަށް ހިތުގެ އަޑިން ޤަބޫލުކުރެވުނީ، ފުރާފުރިހަމަނުވިއަސް، ގިނަ ސިޔާސީ ޕާޓީތަކެއް ވާދަކުރި ރިޔާސީ އިންތިޙާބެއްގައި މިނިވަންކަމާއެކު ތިމާގެ ވޯޓު ލުމުގެ ނަޞީބު 2008 ވަނަ އަހަރު ދިވެހިރައްޔިތުންނަށް ލިބުނީތީއެވެ. ރަނގަޅު ވެރިމީހާ ރައްޔިތުންނަށް އިޙްތިޔާރުކުރެވުނީ ވޯޓު ލާ ކަރުދާހުގައި ފުރަތަމަ ފަހަރަށް އެއް ނަމަށްވުރެން ގިނަ ނަންތައް ހިމެނިފައިވާކަމުން ނެވެ. ރައްޔިތުންގެ ބަހުގެ އަގުގެ މަތިވެރިކަމާއި ރައްޔިތުންގެ ބާރު، އިހްސާޞްވީ މިނިވަންކަމާއެކު ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ޤައުމުގެ ހިންގުމުގައި އައު ނިޒާމެއް ތަޢާރަފްކުރެވި، ކުދި ކުދި އާބާދީ ތަކުގައިވެސް ރައްޔިތު މީހާގެ މައްޗަށް ބަސްބުނާ ވެރިންނަކީ ސީދާ ރައްޔިތުންގެ ވޯޓަކުން ހޮވަންޖެހޭ ބަޔަކަށް ވުމުންނެވެ. ސިޔާސީ ނިޒާމާއި، ވެރިކަމުގެ ނިޒާމު ހަރުދަނާ ކުރެވެމުންދާކަން އެނގެނީ މިނިވަން މުސްތަޤިއްލު މުއައްސަސާތަކާއި ތިންބާރު ވަކިވެފައިވާ ދަޢުލަތެއްގެ ސިފަ 2008 ގެ ދިވެހި ޖުމްހޫރިއްޔާ ފެހި ޤާނޫނު އަސާސީން ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާތީއެވެ. މިހުރިހާ ކަމެއް މިރާއްޖޭގެ ގިނަ ރައްޔިތުން ކުރުމަށް ނިކުތީ، ރައީސް ނަޝީދުގެ ލީޑަރޝިޕްގެ ދަށުންނެވެ. ވުމާއެކު، ރައްޔިތުންނަށް ގިނަ ހެޔޮކަންތައް ގެނެސްދޭނެ ސިޔާސީ ނިޒާމެއް މި ޤައުމުގައި ބައްޓަން ކުރުވުމަށް ރައީސް ނަޝީދު ބުރަ މަސައްކަތްތަކެއް ކުރިކަން މިއަދު މިރާއްޖޭގެ ގިނަ ރައްޔިތުން ޤަބޫލުކުރެއެވެ. ވަގުތާއި ހާލަތާއި ގުޅޭގޮތުން އައި ބަދަލެއްކަމަށް ބައެއް ބޭފުޅުން ޤަބޫލުކުރައްވައެވެ. އިންސާނީ ޙައްޤުތަކުގެ އަޑު ރާއްޖޭގައި ފުރަތަމަ ފަހަރަށް އުފުލިގެން ދިޔައީ ރަސްމީ ގޮތުން 2003 ކަމުގައިވީނަމަވެސް، އެއަށްވުރެން ކުރިންވެސް، އިންސާނީ ހައްޤުތައް އުފުލުމަށާއި ހިމާޔަތް ކުރުމަށް ރައީސް ނަޝީދާއި އަދި އެމް.ޑީ.ޕީ ގެ އިސް އެކްޓިވިސްޓުން މަސައްކަތް ކޮށްފައިވާކަން ދިވެހި ތާރީޙުގެ ޞަފްހާތައް ހެކި ދެއެވެ.

ޖުމްހޫރީވެރިކަމެއް ދިގު ތާރީޙަކަށް މައުމޫނަށް ކުރަން ދިނުމަކީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ކުރެވުނު ވަރަށް މޮޔަ ކަމެއްކަމަށް މިއަދު އަޅުގަނޑުމެންނަން އެނގިގެން ދަނީ، ސިޔާސީ ހަލަބޮލިކަން މިޤައުމަށް ކެނޑިނޭޅި ގެނައުމަށް މައުމޫނޫ މަސައްކަތްކޮށް، މިފަދަ ކޮންމެ ދަނޑިވަޅެއްގައި މައުމޫނު ޤައުމުން ގެއްލިގެން ދާތީއެވެ.

ދިވެހިރާއްޖޭގައި ދެންކުރެވޭނީ ރައްޔިތުން ބޭނުންވާ ރައްޔިތުންގެ ވެރިކަމެކެވެ. ނަމަވެސް، ކުރިން ކުރެވެމުން އައީ ނުފޫޒުން ކުރެވޭ މަދު ބައެއް ބޭނުންވާއި ހުދުމުޙުތާރު ވެރިކަމެކެވެ. އެއީ، އެދުވަސްވަރުގެ ކަތީބުންނާއި، އަތޮޅުވެރިންނާއި، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލިހަށް ކަނޑައަޅާ މެމްބަރުންގެ ވެރިކަމެވެ.

ކޮންމެއަކަސް، ސިޔާސީ ހަލަބޮލިކަމުގައި ޤައުމު މިއަދު “ނޭވާ” ލަމުންދާއިރު، ޤައުމުގެ އިޤްތިޞާދީ، އުމްރާނީ ތަރައްޤީ އަދި އިޖްތިމާޢީ ފޭރާން ގެއްލިގެން ދާ ގޮތަށް ސިޔާސީ ފަރާތްތަކުގެ ހަރަކާތްތައް ބެހެއްޓުމީ ފަރުދީ ގެއްލުމަކަށްވުރެން މި ކުޑަ ކުޑަ ޖަޒީރާ ޤައުމަށް ވެވޭ ބޮޑު ޙިޔާނާތެއް ކަމަށް ދެކެމެވެ. ޤައުމުގެ ރައްޔިތުން އަޑު އުފުލަނީ އަވަސް އިންތިހާބަކަށެވެ. ބޭނުންވަނީ، ތިމާގެ މައްޗަށް އަމުރުކުރާ ވަލިއްޔުލްއަމުރަކީ ތިމާގެ ބައިވެރިކަމާއެކު، ހޮވި މީހެއްކަން ކަށަވަރުކުރުމެވެ. 2008 ވަނަ އަހަރު ވޯޓުލީވެސް 5 އަހަރުގެ ރިޔާސީ ދައުރަކަށެވެ. ވުމާއެކު، މިއަދު އަދި ކޮންމެ ގޮތަކަށް މިހާރުގެ ސަރުކާރު އުފެދިފައި އޮތަސް، ޤައުމުގެ އެންމެހާ ކަންތައްތައް ހަމަ މަގަށް އެޅުވުމަށް ރައްޔިތުންނަށް ރައްޔިތުންގެ ބަސް ބުނުމުގެ ފުރިހަމަ މިނިވަންކަން އަވަސްގޮތެއްގައި އިންތިހާބެއްގެ ތެރެއިން ދިނުމުގެ މުހިއްމުކަން ގިނަ ބަޔަކު ޤަބޫލުކުރެއެވެ. ނޫނީ، ސަރުކާރަށް ޤައުމު ނުހިންގޭވަރަށް ބޮޑެތި ގެއްލުންތަކެއްވެ ބޭރުދުނިޔޭގެ ޤައުމުތަކުން ރާއްޖެއާއި އޮންނަ ސިޔާސީ އަދި ހާރިޖީ ގުޅުންތައް ހީނަރުވެ، ބޭރުގެ އެހީތައް މިޤައުމަށް ހުއްޓިގެން ހިނގަދާނެތީއެވެ. ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ގެއްލިގެން މިދާ ދަނޑިވަޅުގައި، މި ރާއްޖެ އެކުވެރިދަޢުލަތުންނާއި، ކޮމަންވެލްތު އިން އެކަހެރި ކޮށްލާފާނޭ ބިރުވެސް މިހާރު އެބަ އޮތެވެ. ބަޣާވާތަކުން އުފެދޭ އެއްވެސް ސަރުކާރަކަށް އެއްވެސް އެހީއެއް ނުދެވޭނެކަމަށް އެމެރިކާގެ ޤާނޫނު އަސާސީގައި ލިޔެވިފައިވެއެވެ. އަދި އިނގިރޭސި ވިލާތުންވެސް މިކަން ޤަބޫލުކުރަނީ ހަމަ މިފަދައިންނެވެ.

ޑިމޮކްރަސީގެ ހަމަތައް ޤަބޫލުނުކުރާ ޤައުމުތަކަށް އެކުވެރި ދަޢުލަތުގައި އާއި ކޮމަންވެލްތް އޮފް ނޭޝަންސް ގެ މެމްބަރަކަށް ނުވެއެވެ. އިމްޕޯޓަށް ބަރޯސާވެފައިވާ ދިވެހިރާއްޖެއަށް ކައިރި ޤައުމުތަކާއި ވިޔަފާރީގެ ގުޅުން ބަދަހި ނުކޮށް އޮތުމަކީ ކުރެވޭނެ ކަމެއް ނޫނެވެ؟ ދިވެހިރާއްޖެވަނީ، ބަނޑުހައި ހޫނުކަމާއި، އިޤްތިޞާދީ އަޑިގުޑަން ތައް ދިވެހިރާއްޖޭގެ ތާރީޙުގައި އެކި ދުވަސް ތަކުގައި ތަޖްރިބާ ކޮށްފައެވެ. މިއަދުގެ މި ސިޔާސީ ހަނގުރާމައަށްފަހު، ކުރިއަށް އޮތް ހަނގުރާމަވެސް މިހާރުވަނީ ޢިޢުލާނު ކޮށްފައިއެވެ. އެއީ ދީނީ ހަނގުރާމައެވެ.

މިހުރިހާ ކަމަކަށްވުރެންވެސް، އެންމެ ބިރުވެރި، ކަންބޮޑުވާކަމަކީ މި ރާއްޖޭގެ ދާޙިލީކަންތައް ދިވެހިން އަމިއްލައަށް ހައްލުނުކުރެވުމުން، ބޭރުގެ ފަރާތްތަކުން މި ލޮބުވެތި ޤައުމުގައި “ހަންފަތުރައި” ޒަމާނީ އިސްތިޢުމާރަކުން މި ރާއްޖޭގެ ފަސްގަޑު އިސްތިޢުމާރުކުރެވި، ދިވެހި ދިދައާއި ދިވެހި ބަހާއި، ދިވެހި އާދަކާދައާއި ޝަޤާފަތް ތާއަބަދަށް އުވިގެން ދިއުމެވެ. މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރިކަމުގެ ނިޢުމަތް މި ޤައުމުން ފުހިވިގެން ގޮސް، ދީނީ މިނިވަންކަން މި ޤައުމުގައި ތަޢާރަފް ވުމެވެ.

ސިޔާސީ ހަސަދާއި ވާދަވެރިކަމުން މި ޤައުމު ސަލާމަތްކޮށް ރައްޔިތުން ބޭނުންވާ ގޮތް، ރައްޔިތުން އުފުލާ އަޑާއި އެއްގޮތަށް ކުރެވޭނެ ގޮތެއް ހޯދުކަމީ މިކަމަށް އޮތް ހަމައެކަނި ހައްލުކަމަށް އަޅުގަނޑަށް ޤަބޫލުކުރެވެން ފަށާފިއެވެ. ދަޢުލަތެއް ސިފަ ދަޢުލަތަށް ލިބެނީވެސް ރައްޔިތުން ތިބޭތީއެވެ. ވުމާއެކު، ދިވެހި ދަޢުލަތުން ރައްޔިތުން ބޭނުންވާ ގޮތް ހެދެން ޖެހޭނެއެވެ. މިއީ މި ދިވެހި ޤައުމުގައިވާ “ޅަފަތުގެ ޑިމޮކްރަސީގެ ސަބަބުން” ވީ ގޮތޭ ސިޔާސީ ފަރާތްތަކުން ކިޔައި މަޑުން ތިބެވޭކަށެއް ނެތެވެ. އިންޤިލާބު ތަކަކީ ތަހައްމަލު ކުރަން އުދަގޫ އެތައް ވޭން ތަކެއް ބަރުދާސްތުކުރަން ޖެހޭ އެއްޗެއްކަން ދުނިޔޭގެ ތާރީޙުން ފާހަގަކޮށްލެވޭ އިންޤިބާލު ތަކުގެ ނަތީޖާތައް ދައްކުވައިދެއެވެ. ވީމާ، ހައްލަކީ އިންޤިބާލެއްވެސް ނޫނެވެ. ރައްޔިތުންގެ ބަހެވެ.

މަގުމަތިން ވެރިކަން ބަދަލުކުރުމުގެ ވިސްނު ވެގެންދާނީ، އަންނަން އޮތް ޖީލުތަކުގެ މުސްތަޤުބަލް ވީރާނާ ކޮށްލުންކަން ކަށަވަރެވެ. ޤައުމެ ދުލުން މިދުވަސްވަރު ގޮވާ ތާއަބަދުގެ ގޮވެއްޔަކީ ދާހިލީ ހަމަޖެހުމާއި ސުލްހަމަސަލަސް ކަމާއި ދާޙިލީ ހަމަޖެހުމެވެ.