ނޫސް ބަޔާން: ޤާނޫނީ ހަމަތަކުން ބޭރުން އެމްޑީޕީ ސަޕޯޓަރުން ހައްޔަރުކުރުން

mdp-logo

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ރައްޔިތުންނާ މެދު ޤާނޫނާ ޚިލާފަށް ޢަމަލުކުރާތީ އާއި ރައްޔިތުންނަށް އަނިޔާކުރާތީ އެކަމާ އިހްތިޖާޖް ކުރުމުގެ ގޮތުން 3 މާޗް 2012 ދުވަހު ނުކުތް ގިނައަދަދެއްގެ މީހުން އެދުވަހު އިރުއޮއްސި 6:30 އިން ފެށިގެން ފުލުހުންވަނީ ޤާނޫނާ ޚިލާފަށް ހައްޔަރުކޮށްފައެވެ. މިގޮތުން ހައްޔަރުކޮށްފައިވާ މީހުންގެ މައުލޫމާތު ހޯދުމަށް މިޕާޓީގެ ލޯޔަރު ފުލުސްއޮފީހަށް ދިއުމުން އެމައުލޫމާތު ވަނީ 4 މާޗް 2012 ދުވަހުގެ 1:30 ވަންދެން ހިފަހައްޓާފައެވެ. އަދި، ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވިފައިވާ މީހުންނަށް ޤާނޫނުއަސާސީއިން ކަށަވަރުކޮށްދޭ ޤާނޫނީ ވަކީލެއްގެ އެހީތެރިކަށް ލިބިދިނުމުގެ ޙައްޤުން އެމީހުންވަނީ މަޙްރޫމުކޮށްފައެވެ.

މީގެ އިތުރުން، ފުލުހުން ހައްޔަރުކުރިކަމުގެ މައުލޫމަތު މިޕާޓީއަށް ލިބިފައިވާ މަދު މީހުން ބަންދުކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަން ކަނޑައަޅުއްވައިދެއްވުމަށް އެދި މިޕާޓީގެ ލޯޔަރުން ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހެޅުމަށް މަސައްކަތްވަނީ ކޮށްފައެވެ. މިގޮތުން، 3 މާޗް 2012 ދުވަހުގެރޭ 10:50 އިން ފެށިގެން ކްރިމިނަލް ކޯޓުގެ ރަޖިސްޓަރާރއަށް ތަކުރާރުކޮން ގުޅުމުންވެސް ފޯނު ނުނެންގެވިކަމާއި، ކްރިމިނަލް ކޯޓުގެ އިސްޤާޟީގެ ފޯނު ނިންވާލައްވާފައި އޮތްކަމާއި، އުއްތަމަ ފަނޑިޔާރުވެސް ފޯނަށް ޖަވާބު ނުދެއްވިކަން މިޕާޓީން ހިތާމަޔާއެކު ފާހަގަކުރަމެވެ. ސުޕްރީމް ކޯޓުން ބެއްލެވި އަބްދުﷲ ޔާމީން އާއި ޤާސިމް އިބްރާހީމް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ހައްޔަރުކުރި މައްސަލަ ބެއްލެވި ޤަޟިއްޔާގައި، މިބާވަތުގެ މައްސަލަތައް ކޮންމެ ހިނދެއްގައިވެސް ބެލޭނޭ ނިޒާމެއް ކްރިމިނަލް ކޯޓުގައި ޤާއިމުކޮށްފައި އޮންނަންވާނެކަމަށް ކަނޑައަޅުވާފައި އޮވެ، މިފަދަ ނިޒާމެއްގެ ދަށުން ޣައްސާނު މަޢުމޫނާއި މުޙައްމަދު ޖަމީލު އަޙްމަދާއި ފަނޑިޔާރު އަބްދުﷲ މުޙައްމަދުގެ މައްސަލަތަށް ހިނދުން ހިނދަށް ކްރިމިނަލް ކޯޓުންނާއި ދިވެހިރާއްޖޭގެ ހައި ކޯޓުންނާއި ދިވަހިރާއްޖޭގެ ސުޕްރީމް ކޯޓުން ބައްލަފައި ވީހިނދުވެސް، ގިނަ އަދަދެއްގެ އާދައިގެ ދިވެހި ރައްޔިތުންތަކެއް މައްސަލަ ހުށަހެޅުމަށް ކްރިމިނަލް ކޯޓުގެ ރަޖިސްޓްރާ ޢަލީ އާދަމްވަނީ ރޭގަނޑު ކޯޓު ހުޅުވައިދިނުމަށް އިންކާރުރައްވާފައެވެ. އަދި، ޤަނޫނާ ޚިލާފަށް ހައްޔަރުކުރެވޭ އާދައިގެ ރައްޔިތުންގެ މައްސަލަތަށް ނުރަސްމީ ގަނޑީގައި ކޯޓަށް ހުށަހެޅުމަށް ރޭވުމެއްގެ ތެރެއިން ރަޖިސްޓްރާރ ޢަލީ އާދަމް ތަކުރާރުކޮށް ހުރަސް އަޅުމުންދާކަން މިޕާޓީން ފާހަގަކުރަމެވެ.

މިކަންކަމަށް ރިޢާޔަތްކުރާއިރު، ފުލުހުންގެ މުއައްސަސާއާއި އަދުލު އިންސާފު ޤާޢިމުކުރުމުގެ ނިޒާމު ލާމެހި ގުޅިގެން، ރައްޔިތުންގެ ޙައްޤުތަށް ނިގުޅައިގަންނަމުން ދާކަމަށް ތުހުމަތުކުރެވޭނޭ ޖާގަ އެބައޮތްކަމަށް މިޕާޓީން ދެކެމެވެ. އަދި، ސިޔާސީ މަސްރަހު ހަލަބޮލިވެފައިވާ މިދަނޑިވަޅު، ޤާނޫނުއަސާސީ އާއި ޤާނޫނުތަކުން ދިވެހިރައްޔިތުންނަށް ލިބިދޭ ރައްކާތެރިކަން ލިބިދިނުމަށް ދަޢުލަތުގެ މުއައްސަސާތަކުން ކުރަންޖެހޭ އެންމެހައި މަސައްކައްތަށް ތައައްސަބުން އެއްކިބާވެތިބެ، ޤާނޫނުގައި ބަޔާންވެގެންވާގޮތުގެ މަތީން ހަމަހަމަކާއެކު ކުރުމަށް އެނބުރި ވާޞިލުވުމަށް އެމުއައްސަސާތަކަށް މިޕާޓީން ގޮވާލަމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް