ނޫސް ބަޔާން: އެމްޑީޕީ އަންހެނުންގެ ރޫޙް ގެ ނޫސްބަޔާން

mdp-logo

މިޕާޓީގެ ޗެއަރ ޕާރސަންގެ ނާއިބު (އިދާރީ) ގެ މަޤާމުގައި މަސައްކަތް ކުރައްވަމުން ގެންދެވި މުޙައްމަދު އިމްތިޔާޒް (އިންތި) ވަނީ 29 ފެބްރުއަރީ 2012 ގައި މިޕާޓީ ދޫކުރައްވާ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފައެވެ.

އަދި އެޕާޓީއާ އޭނާ ގުޅިވަޑައިގަތުމަށްފަހު އެމް.ޑީ.ޕީގެ މެންބަރުންނާއި ގުޅުއްވާ އޭނާއާ، ބައިވެރިވެ، މިޕާޓީދޫކުރައްވާ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތުމަށް، މިޕާޓީގެ ބައެއްމެންބަރުންނަށް ދަންނަވަމުންގެންދަވާކަމުގެ މަޢުލޫމާތު މިޕާޓީގެ މެންބަރުންގެ ފަރާތުން އަޅުގަނޑުމެންނަށް ލިބެމުން އެބަދެއެވެ.

އިމްތިޔާޒު ޕާޓީ ދޫކުރައްވާ ވަޑައިގަތުމުގަ ޕާޓީއަށް ހިޔާނާތްތެރިވެވަޑައިގެން ޕާޓީގެ މުޙިއްމު މައުލޫމާތުތަކަކާ ޕާޓީގެ މިލްކިއްޔާތުގައިވާ ބައެއްތަކެތި އިމްތިޔާޒް ގެންދަވާފައިވާތީ މިމަޢުލޫމާތު އެމް.ޑީ.ޕީ ގެ މެންބަރުންނާ ޙިއްސާކުރުމަކީ މުނާސަބު ކަމެއްކަމުގައިދެކޭތީ އެމަޢުލޫމާތު ޙިއްސާކުރަމެވެ.

އިމްތިޔާޒް އެމް.ޑީ.ޕީގައި މަސައްކަތްކުރައްވަމުންގެންދެވިި ޗެއަރ ޕާރސަންގެ ނާއިބް- އިދާރީ، ގެ މަޤާމަކީ ހިލޭސާބަހަށް މަސައްކަތްކޮށްދެއްވާނެ ފަރާތަކުން ފުރާދެއްވުމަށް އެމް.ޑީ.ޕީން ހުޅުވާލާފައިވާ ޝަރަފުވެރި މަޤާމެކެވެ. އިމްތިޔާޒް، ޗެއަރ ޕާރސަންގެ ނައިބު އިދާރީގެ މަޤާމާއި ޙަވާލުވެލެއްވީ އުޖޫރައެއް ލިބިވަޑައިނުގަންނަވާނޭކަން އެނގިވަޑައިގެން ހުންނަވާ އެގޮތަށް އެއްބަސްވެވަޑައިގެންނެވެ. ނަމަވެސް ޕާޓީއިން ވަކިވެޑައިގެން ޕާޓީ ބަދުނާމުކުރުމުގެ ގޮތުން މިހާރު އޭނާދައްކަވާ ވާހަކަތަކުގެ ތެރޭގައި މުސާރަ ލިބިވަޑައިނުގަންނަވާކަމުގައި ވިދާޅުވެ ވާހަކަދައްކަވަމުންގެންދަވާކަމީ އޭނާކުރައްވަމުންގެންދަވާ ހުތުރު ޢަމަލެއްކަމުގައި އެމް.ޑީ.ޕީ އިންދެކެމެވެ.

މިޕާޓީގެ މެންބަރުންގެ ހިތްވަރާއި މަސައްކަތުގެ ނަތީޖާއެއްގެގޮތުން އެމް.ޑީ.ޕީގެ މެންބަރޝިޕް މީގެކުރިން ދުވަހަކުވެސް އިތުރުވެފައިނުވާމިންވަރަށް އިތުރުވެފައިވާ މިދަނޑިވަޅުގައި އެމް.ޑީ.ޕީ.ގެ ލީޑަރޝިޕުން އެދިވަޑައިގަންނަވަނީ ޕާޓީގެ މެންބަރޝިޕް އިތުރުކުރެއްވުމަށް އެމް.ޑީ.ޕީ.ގެ މެންބަރުން ތިކުރައްވާ މަސައްކަތުގައި ދޫދެއްވުމެންނެތި ކުރިއަށްވަޑަގަތުމެވެ. އަދި އެމް.ޑީ.ޕީގެ މެންބަރުން ޕާޓީއަށްޓަކާ ކޮށްދެއްވަމުންގެންދަވާ އިޙްލާސްތެރިމަސައްކަތްތައް، ނުހަނު އުފަލާއިއެކު ޕާޓީގެ ލީޑަރޝިޕްގެފަރާތުން ބަލައިގަނެ ޝުކުރުއަދާކުރައްވައެވެ.

އަދި އެމް.ޑީ.ޕީގެ އަންހެނުންގެ ރޫޙްގެ ފަރާތުން އެމް.ޑީ.ޕީގެ ތާޢީދު އިތުރުކުރުމުގެ ގޮތުން އަތޮޅުތަކުގައި ކައިރި މުސްތަޤްބަލެއްގައި ހަރަކާތްތެރިވަމުންގެންދިއުމަށް ހަމަޖެހިފައިވެއެވެ. މިމަސައްކަތަކާގުޅޭ އިދާރީމަސައްކަތްތައް މިހާރު ފަށައިގެން ކުރިޔަށް ގެންދާ ވާހަކަ ވެސް ދަންނަވަމެވެ.

ބަޔާން ނެރުނީ: އެމް.ޑީ.ޕީ. އަންހެނުންގެ ރޫޙްގެ ފަރާތުން ޝިޔާމާ އަޙްމަދު، ރައީސާ