ނޫސް ބަޔާން: ޅަފަތުގައި އޮތް ރާއްޖޭގެ ޑިމޮކްރަސީ ހިމާޔަތްކުރުމަށް ހައްޔަރުވުމަށް ނިކުތުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

mdp-logo

ދިވެހިރާއްޖޭގައި މިހާރު އުފެދިފައިވާ ސިޔާސީ ހަލަބޮލިކަމާ ގުޅިގެން ސުލްހަވެރި ގޮތުގައި ހިނގަމުން އަންނަ ޙަރަކާތްތައް ހުއްޓުވުމަށް ދިވެހި ފުލުހުންނާއި ދިފާޢީ ބާރުތަކުން ހުރަސް އަޅަމުން އަންނާތީވެ އެކަމާ އިޙްތިޖާޖުކޮށް ޅަފަތުގައި އޮތް ރާއްޖޭގެ ޑިމޮކްރަސީ ހިމާޔަތްކުރުމަށް ހައްޔަރުވުމަށް ނިކުތުމަށް ދިވެހިރާއްޖޭގެ އިންތިޚާބީ ރައީސް މުޙަންމަދު ނަޝީދު އިލްތިމާސްކުރައްވައިފިއެވެ. އެމަނިކުފާނު މިފަދައިން އިލްތިމާސްކުރެއްވީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ލޮނުޒިޔާރަތްކޮޅުގައި އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ އިންސާފްގެ ދަތުރުގެ 15 ވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފުރަތަމަ ރިޔާސީ ކެންޑިޓޭޓް 11 ނޮވެމްބަރ 2008 ގައި 5 އަހަރު ދުވަހުގެ ދައުރަކަށް އިންތިޚާބުކޮށް މަޤާމުގެ ވާޖިބު އަދާކުރައްވަމުން ގެންވަދަނިކޮށް 7 ފެބްރުއަރީ 2012 ގައި ފުލުހުންނާއި، ސިފައިންގެ މަދު ބަޔަކު ހިންގި ޣައިރުޤާނޫނީ ބަޣާވާތުގައި، މިޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވަނީ އެ މަޤާމުން ދުރުކޮށްފައެވެ.

އެކަމާއި ގުޅިގެން އެމްޑީޕީ ގައުމީ މަޖިލީހުންވަނީ ސުލްހަވެރި ސިޔާސީ ހަރަކާތަށް ނުކުތުމަށް ނިންމާފައެވެ. ގައުމީ މަޖިލީހުގެ ނިންމުމާއެކު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ މެމްބަރުން މަގުމަތީ ސުލްހަވެރި ހަރަކާތެއް ކުރިއަށް ގެންދަވަނިކޮށް ސަލާމަތީ ބާރުތަކުން ވަނީ މިދެންނެވި ސުލްހަވެރި އެއްވުން އަނިޔާވެރި ގޮތަކަށް، ހާލަތާ ނުބައްދަލު މިންވަރަށް ބާރުގެ ބޭނުންކޮށް ފުރާނައަށް ގެއްލުންވާވަރަށް އަނިޔާކޮށްފައެވެ.

ފުލުހުންގެ އަމަލުތައް މިގޮތަށް ހުރިނަމަވެސް، އެކެއް އަނެކެއްގެ ކިބައިން ހިތްވަރުލިބި ބިރު ފަހަނައަޅައި، އަނެއްކާވެސް ދިވެހި ރައްޔިތުން މިޣައިރު ޤާނޫނީ ބަޣާވާތުގެ ސަރުކާރާއި ދެކޮޅަށް މަގުމަތީގައި ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގާތާ ތިން ހަފަތާއަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. ރައްޔިތުންނަށް ބިރުދައްކައިގެން ސުލްހަވެރި ސިޔާސީ ހަރަކާތް ހުއްޓުވާލުމަށް ސިފައިންނާއި ފުލުހުންވަނީ ދިވެހި ރައްޔިތުންގެ ތެރެއިން އެތަކެއް ބަޔަކަށް އަނިޔާކޮށް، މިހާތަނަށް 244 މީހަކު ހައްޔަރުކޮށްފައެވެ. މީގެތެރެއިން ބައެއް މީހުންވަނީ މިހާރު ދޫކޮށްލާފައެވެ.

ދައުލަތުގެ ތިން ބާރުގެތެރެއިން މިހާރު ތަޣައްޔަރު ނުވެ އޮތް ހަމައެކަނި ބާރުކަމަށްވާ ޤާނޫން ހަދާ މަޖިލީހަށް، ރިޔާސީ ބަޔާން އިއްވުމަށް ޑރ.މުހައްމަދު ވަހީދު ވަޑައިގަތުމުން އެކަމާއި އިހްތިޖާޖްކޮށް ދިވެހިރައްޔިތުންގެ ތެރެއިން އެތައް ހާސް ބަޔަކު މަގުތަކަށް ނުކުތެވެ. އެދުވަހުވެސް ފެނިގެންދިޔައީ ޚުދުމުޚްތާރު ދިގު 30 އަހަރުވެސް ފެނިފައިނުވާ މިންވަރަށް ރައްޔިތުންނަށް ބިރު ދައްކާ، ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ޚިޔާލުފާޅުކުރުމާއި އެއްވެ އުޅުމުގެ ހައްގަށް ހުރަސް އަޅާ އެހައްގުތައް ހަނިކޮށް، 67 މީހަކު ހައްޔަރުކުރެވި، 61 މީހެއް ބަންދުގެ މުއްދަތު އިތުރުކުރިތަނެވެ.

މިއަދު ދިވެހި ފަސްގަނޑުން ފެނިގެންމިދަނީ ކުރީގެ ޚުދުމުތާރު ދިގު 30 އަހަރުވެސް، ޒަމާނީ ޑިމޮކްރަސީ ރާއްޖެއަށް ގެންނަން ބޭނުންނުވި މީހުން ގެންގުޅުނު އަނިޔާވެރި އާދަކާދަތައް އިއާދަވާ މަންޒަރެވެ. އަނިޔާވެރިކަން ދުވަހެއް ދުވަހަކަށް ބޮޑުވި ނަމަވެސް، ޑިމޮކްރަސީ މިރާއްޖޭގައި ގާއިމްކުރުމުގެ މަތިވެރި އަޒުމުގައި ދިވެހިން ނުކުތުމުގެ ނަތީޖާއަކީ، މިއަދު ދިވެހިން މުގުރަކަށް، ކަރުނަ ގޭހަކަށް، ޕެޕަރސްޕްރޭއަކަށް، އަނިޔާކަށް ކުޑަކޮށްވެސް ޖެހިލުމެއްނުވެއެވެ. ކިތަންމެ ގިނަ ބަޔަކު ހައްޔަރުކުރި ނަމަވެސް، ޑިމޮކްރަސީގެ ހައްގުގައި މަސައްކަތްކުރާނެ މީހުން މަދެއް ނުވާނެއެވެ.

އެހެންކަމުން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން މިގޮވާލަނީ މިޕާޓީގެ އެންމެ އިސް ލީޑަރ އަދި ރާއްޖޭގެ އިންތިޚާބީ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވާފައިވާ ފަދައިން، އެކެއް އަނެކެއްގެ ކިބައިން ހިތްވަރުލިބި، ބިރު ފަހަނަ އަޅާ، ޅަފަތުގައި އޮތް ރާއްޖޭގެ ޑިމޮކްރަސީ ހިމާޔަތްކުރުމަށް ހައްޔަރުވުމަށް ނިކުތުމަށެވެ.

އަދި ރާއްޖޭގެ ސިޔާސީ މަޝްރަހު ފިނިކުރެވޭނެ ހަމައެކަނި ގޮތަކީ، ބަޣާވާތުގެ ލީޑަރުން ޣައިރު ގާނޫނީގޮތުގައި އައްޔަންކޮށްފައިވާ ވެރިޔާ، ރައީސް މުހައްމަދު ނަޝީދުގެ ރަނިންމޭޓް ޑރ.މުހައްމަދު ވަހީދު ހަސަންމަނިކު މިހާރުން މިހާރަށް އިސްތިއުފާ ދެއްވުން ކަމަށް މި ޕާޓީން ދެކެމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް