އިއްޔެގެ މުޒާހަރާ އިން ފުލުހުން ހައްޔަރުކުރި މީހުންގެ މައްޗަށް ކޯޓުން މުއްދަތު ޖަހާފައިވަނީ ރާވައިގެން ކަމަށް ބެލެވޭ- ގާނޫނީ ވަކީލު އަހުމަދު ޢަބުދުﷲ އަފީފް

mdp-muzaahara

އިއްޔެގެ މުޒާހަރާ އިން ފުލުހުން ހައްޔަރު ކުރި މީހުންގެ މައްޗަށް ކޯޓުން މުއްދަތު ޖަހާފައިވަނީ ގާނޫނީ ހަމަތަކާ މުޅިންޚިލާފަށް ކަމަށާއި، މުއްދަތު އިތުރުކުރަން ދިޔަ ފުލުސް މީހާއާއި ގާޒީއާ ދެފަރާތުގެ ސިއްރު ވާހަކަތަކަކަށްފަހު ގާނޫނަކަށް ގަވާޢިދަކަށް ބެލުމެއްނެތި އާންމު އުސޫލުތަކާއި، ހަމަތަކާއި މުޅިން ޚިލާފަށް ކަމުގައި އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމުގެ މެންބަރ އަލްއުސްތާޒް އަހުމަދު ޢަބުދުﷲ އަފީފު މިރޭ ވިދާޅުވެއްޖެއެވެ.

މިރޭ އެމްޑީޕީ އޮފީހުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން އަހުމަދު ވިދާޅުވީ ކޯޓުން ރޭ މުއްދަތު ޖަހާފައިވާ އެއްވެސް މީހަކު ހައްޔަރުގައި ބެހެއްޓޭނެ އެއްވެސް ހެއްކެއް ޤަރީނާއެއް ފުލުހުންނަށް ދެއްކިފައިނުވާއިރު، މިކަން ހިންގާފައިވަނީ މުއްދަތު ޖެހި ފަނޑިޔާރާ ފުލުހުންގެ ފަރާތުން މީހުންގޮވައިގެން ކޯޓަށް ދިޔަ މީހާއާ ދެމީހުންގެ ސިއްރު ވާހަކަތަކަށްފަހު ސިއްރު ރޭވުމެއްގެ ދަށުންކަމަށް ގަބޫލޫކުރެވޭ ކަމުގައިވެސް އަޙުމަދު ވިދާޅުވިއެވެ.

ފުރަތަމަ ފަނޑިޔާރު ޖަހަމުންދިޔައީ 5 ދުވަސް ކަމަށާއި، ދެވަނަ ފަނޑިޔާރު ޖަހަމުންދިޔައީ 3 ދުވަހުގެ މުއްދަތެއްކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ހަމައެހެންމެ އެއްވެސް ހަމައެއް ނެތި ހިތުހުރިގޮތަކަށް މުއްދަތު ޖަހަމުންދާތީ އެމްޑީޕީގެ ގާނޫނީ ޓީމުން އެކަމާމެދު އިހުތިޖާޖު ކުރަމުން ދިޔަކަމަށާއި، އަނެއްކާވެސް އިތުރު ގާޟީއެއް ގެންނަވާ އެގާޒީ 2 ދުވަހުގެ މުއްދަތު ޖަހަމުން ދިއުމާ ވިދިގެން ކުރިން 5 ދުވަސް ޖެހި ގާޒީ އާއި ވަކީލުންގެ ޓީމުން ބައްދަލުކޮށް ކޯޓުގެ މިތަފާތުކުރުންތަކާ މެދު ވާހަކަދެއްކުމުން އަނެއްކާ 3 ދުހަށް ބަދަލުކޮށް ކުރުދޮށީގައި މުއްދަތު ޖަހާ ނިންމާލީކަމުގައި ވެސް އެމްޑީޕީގެ ޤާނޫނީ ވަކީލުންގެ ޓީމުން ވަނީ ބުނެފައެވެ.

ކޯޓުން މުއްދަތު ޖަހާފައިވާ އެއްވެސް މީހަކު އިތުރަށް ބަންދުގައި ބެހެއްޓޭނެ އެއްވެސް ހެއްކެއް ފުލުހުންނަށް ދެއްކިފައި ނުވާއިރު ކުރިމިނަލް ކޯޓުން މިކަންކޮށްފައިވަނީ ޒާތީ ކަމެއްގެ ގޮތުގައި ބެލެވޭނެފަދަ ގޮތަކަށް ކަމުގައި އެމްޑީޕީގެ ގާނޫނީ ޓީމުންވަނީ ބުނެފައެވެ.

އެހެންކަމާއެކު މި މައްސަލަ މާދަމާ ހައިކޯޓަށް ވައްދާނެކަމަށާއި، ހައިކޯޓުން މިކަމަށް އިންޞާފްވެރި ނިޔާއެއް އިއްވާނޭކަމަށް އުންމީދު ކުރައްވާކަމުގައިވެސް އެމްޑީޕީގެ ގާނޫނީ ޓީމުންވަނީ ބުނެފައެވެ.

އިއްތިހާދުގެ މުޒާހަރާތަކުގައި މާލޭގައި ވަރަށް ނުރައްކާތެރި ޖަރީމާތައް ހިންގާފައިވީ ނަމަވެސް ހެއްކާއެކު ފުލުހުން ކޯޓަށް ޙާޟިރުކޮށްފައިވާ މަދުމީހަކަށް މެނުވީ ގާޒީ މުއްދަތު ޖަހާފައި ނުވާކަމުން މިހާރު ކޯޓުން ކަންކުރަމުންދަނީ ވަރަށް ފާޅުކަން ބޮޑުގޮތެއްގައި ވަކިފަރާތެއްގެ މަސްލަޙަތު އިސްކޮށްގެން ކަން ވަރަށް ސާފްކޮށް އެނގޭކަމުގައި ވެސް ވަކީލުންގެ ވާހަކަފުޅުތަކުން ވަނީ ކަށަވަރުވެފައެވެ.

ރޭ އެމްޑީޕީގެ އެއްވުމުގައި ހައްޔަރުކުރި ފަސްދޮޅަހަށް ވުރެ ގިނަމީހުންގެ ތެރެއިން 5 ފަރާތެއް ފިޔަވައި އެހެން އެންމެން ވެސް ތިބީ ކޯޓުން އާންމު އުސޫލާ ޚިލާފަށް މުއްދަތު ޖަހާ އަދިވެސް ބަންދުކޮށްފައެވެ. އޭގެ ތެރޭގައި ރައީސް ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ޢަބްދުއްސައްތާރު ވެސް ހިމެނެއެވެ.