ނޫސް ބަޔާން: 1 މާރޗްގެ ސުލްހަވެރި އިހުތިޖާޖާއި ގުޅިގެން ފުލުހުން އެމްޑީޕީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ހައްޔަރުކޮށްފައި ވާތީ އެކަން ކުށްވެރިކުރުން

mdp-logo

ބަޣާވާތެއްގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ މަޤާމާއި ޙަވާލުވެ ހުންނެވި ޑރ. މުޙައްމަދު ވަހީދު ޙަސަން މަނިކު ރާއްޖޭގެ ޤާނޫނު ހަދާ މަޖިލީހަށް ވަޑައިގެން އެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވުމަކީ މިހާރު ރާއްޖޭގައި އޮތް ހަމައެކަނި ޤާނޫނީ މުޥައްސަސާ ކަމަށްވާ ރައްޔިތުންގެ މަޖިލިސް ތަޣައްޔަރުވުން ކަމަށް މި ޕާޓީން ދެކޭތީ، ބާޣީ ރައީސަކު ރިޔާސީ ބަޔާން އިއްވުމާއި ދެކޮޅަށް ރައްޔިތުންގެ މަޖިލީސް ކައިރީގައި ސުލްހަވެރިކަމާއެކު މި ޕާޓީގެ އެތައް ހާސް މެންބަރުން އިޙްތިޖާޖް ކުރަމުންދަނިކޮށް، އާންމު ގޮތެއްގައި ފުލުހުން ރީތި މިސާލެއް ދެއްކި ނަމަވެސް މި ސުލްހަވެރި އިޙްތިޖާޖުގެ ތެރެއިން 67 މީހަކު ހައްޔަރުކޮށްފައިވާތީ އެކަން މި ޕާޓީން ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.

އެމްޑީޕީގެ ސަޕޯޓަރުން ސުލްހަވެރި ކަމާއެކު މަޖިލިސް ކުރާގެ ކައިރީގައި ކުރަމުންދިޔަ އިޙްތިޖާޖުގައި ހައްޔަރުކުރި 67 މީހުންގެ ތެރެއިން 61 މީހަކު ކޯޓު އަމުރުގެ ދަށުން، އަދި ވެސް ހިފަހައްޓައި، އެފަރާތްތަކުގެ ޢާއިލާތަކަށް އެފަރާތްތަކާ ގުޅޭގޮތް ނުވެ، އެ އާއިލާތަކުން ދަނީ އިންތިހާޔަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ބައެއް އާއިލާތަކަށް ވަނީ ނަފްސާނީ ގޮތުން ވަރަށް ބޮޑަށް އަސަރުކޮށްފައިކަން ވެސް މި ޕާޓީން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ.

އެމްޑީޕީގެ ސުލްޙަވެރި އިޙްތިޖާޖް ގައި ހައްޔަރުކޮށްފައިވާ އެންމެން ހައްޔަރުކޮށްފައިވަނީ އިޙްތިޖާޖުކުރަމުން ދިޔަ ސަރަހައްދުގައި ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރުމުން ކަމަށް ފުލުހުން ބުނަމުން ދިޔަ ނަމަވެސް އޭގެ ތެރެއިން ބައެއް މީހުން ހައްޔަރުކޮށްފައިވަނީ އެ ސަރަހައްދުން ނޫންކަން ވެސް މި ޕާޓީން ފާހަގަކުރަމެވެ. އަދި ކުށެއްނެތް އެތައް ބަޔަކު ހައްޔަރުކޮށް، އެއްވެސް ހެއްކެއް ޤަރީނާއެއް ނެތް ޙާލަތުގައި އެ ފަރާތްތައް ބަންދުގައި ބޭތިއްބުމުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކޮށްފައިވުމީ، މީގެ ކުރިން މިފަދަ ޙާލަތްތަކުގައި ޢަމަލުކުރަމުން އައި އުސޫލާއި ޚިލާފަށް، ކްރިމިނަލް ކޯޓުން ކޮށްފައިވާ ކަމެއްކަން މި ޕާޓީ ނުހަނު ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ.

އެމްޑީޕީން “އިންސާފްގެ ދަތުރުގެ” ނަމުގައި އަދުލު އިންސާފްގެ ދާއިރާ މިނިވަންކުރުމަށް ގައުމީ ކެމްޕެއިނެއް ފަށާފައި މިވަނީ ވެސް ޒަމާނުއްސުރެ ” އެހެން ނަމަވެސް … ” އޭ ވިދާޅުވެ ބޭއިންސާފުން ރާއްޖޭގެ ޝަރުޢީ ދާއިރާއިން ޙުކުމް ކުރަމުން ދިއުމާއި، ނުޙައްޤުން އެތައް ބަޔަކަށް ބޮޑެތި އަދަބު ދެވެމުންދާތީ އެފަދަ ޢަމަލުތައް ހުއްޓުވައި ޝަރުޢީ ދާއިރާ އަކީ ރައްޔިތުންގެ އިތުބާރާއި، ލޯތްބާއި އިޙްތިރާމް ލިބިފައިވާ ދާއިރާއަކަށް ހެދުމުގެ މަޤްޞަދުގައިކަން މި ފުރުސަތުގައި ފާހަގަކުރަމެވެ.

އެހެން ކަމުން ފުލުހުންގެ ހައްޔަރުގައި ތިބި އެމްޑީޕީގެ ހުރިހާ ސަޕޯޓަރުންނާއި، ކަމާއި ނުބެހޭ މީހުން ވެސް މިހާރުން މިހާރަށް ދޫކޮށްލުމަށް، ފުލުހުންގެ މުޥައްސަސާއަށް ގޮވާލަމެވެ. އަދި ފުލުހުންގެ ތަޙްޤީޤްތައް ކުރިޔަށް ގެންދިއުމަގަޔާއި، ކޯޓުތަކުން ޝަރީޢަތް ހިންގުމުގައި ވެސް ޒާތީ ތަޢައްސުބުން އެއްކިބާވެ އަދުލުވެރިކަމާއި، އިންސާފްވެރިކަމާއި، ހަމަހަމަ ކަމާއެކު މަސައްކަތް ކުރުމަށް ރާއްޖޭގެ ޝަރުޢީ ކޯޓުތަކަށާއި، ފުލުހުންގެ މުޥައްސާސާއަށް މި ޕާޓީން ގޮވާލަމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް