މިއަދު ރިޔާސީ ބަޔާން އިއްވާފައި ނޫނީ ގެއަށްނުދާން ގަދަފައިވިއްދި ބާޣީ ރައީސަކަށް ރިޔާސީ ބަޔާނެއް ނުއިއްވުނު

51

މިއަދު ރައްޔިތުންގެ މަޖިލިސް ހުޅުވާ ޖަލްސާގައި، ރިޔާސީ ބަޔާން އިއްވާފައި ނޫނީ ގެއަށްނުދާން ގަދަފައި ވިއްދި ބާޣީ ރައީސް ޑރ.މުޙަންމަދު ވަޙީދު ޙަސަން މަނިކު ރިޔާސީ ބަޔާން ނުއިއްވައި ގެއަށްދާން ޖެހިއްޖެއެވެ.

މިއަދު ހެނދުނު 9.45 ގައި ބާޣީ ރައީސް ރިޔާސީ ބަޔާން އިއްވަން މަޖިލީހަށް ދިޔަ އިރު އެމްޑީޕީގެ މަޖިލިސް މެންބަރުން ދިޔައީ މަޖިލީހުގައި ބާޣީ ޖަހާފައިވާ ޕްލަކާރޑްތަކެއް ހިފައިގެން އެކަމާއި ދެކޮޅަށް އިޙްތިޖާޖްކުރަމުންނެވެ. އަދި އެމްޑީޕީގެ އެތައް ހާސް ސަޕޯޓަރުން ދިޔައީ މަޖީދިއްޔާ ކައިރިއަށާއި، އަލިކިލެގެފާނު މަގަށް އެއްވެ އަވަސް އިންތިޚާބެއް އިޢުލާންކުރުމަށް ގޮވަމުންނެވެ.

އެ ގޮތުން މަޖީދިއްޔާ ކައިރީގައި ކުނާ އަޅައިގެން އެމްޑީޕީގެ އަންހެން މެންބަރުން އިޙްތިޖާޖް ކުރަމުންދިޔައިރު، އަލިކިލެގެފާނު މަގާއި، ވުޑްއެޕަލް ކައިރި އަދި ރީފްސައިޑް ކައިރިއަށް އެއްވެ އެމްޑީޕީގެ ފިރިހެން މެންބަރުން ދިޔައީ އަޑުގަދަކުރަމުންނެވެ.

ނަމަވެސް ދިވެހިރައްޔިތުންގެ އިލްތިމާސްތަކާއި ގޮވާލުންތަކަށް ބީރު ކަންފަތެއްދީ ބާޣީ ރައީސް ދިޔައީ ސިފައިންގެ އެހީތެރިކަމާއެކު ނަމަވެސް ރިޔާސީ ބަޔާން އިއްވާފައި ނޫނީ ގެއަށް ނުދިއުމަށް މަސައްކަތްކުރަމުންނެވެ. އެ ގޮތުން އެމްޑީޕީގެ 2 މެންބަރުން ކަމަށްވާ މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑަ) އާއި، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙުމަދު ޢީސާ ސިފައިންގެ އެހީގައި ޗެންބަރުން ބޭރަށް ވެސް ނެރުނެވެ. ނަމަވެސް އެ ބޭފުޅުން ވަނީ ފަހުން އަނެއްކާ ވެސް މަޖިލީހަށް ވަދެވަޑައިގެން އެމްޑީޕީގެ މަޖިލިސް މެންބަރުންގެ އިޙްތިޖާޖްގައި ބައިވެރިވެފައެވެ.

މިގޮތުން އެތައް މަސައްކަތެއް ކޮށް، 50 އާއި ގާތްކުރާ އަދަދަކަށް އެމްޑީޕީގެ މެންބަރުން ދޫނިދޫއަށް ގެންގޮސްގެން ވެސް ބާޣީ ވަހީދަށް މިއަދު ރިޔާސީ ބަޔާން އިއްވޭ ގޮތް ނުވުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވަނީ މިއަދުގެ ޖަލްސާ ކެންސަލްކުރައްވާފައެވެ.

” ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދާނީ ގަދަ ބާރުންތޯ، ވާހަކަ ދައްކައިގެންތޯ އަޅުގަނޑު ވިސްނިން. އަޅުގަނޑަށް ވިސްނުނީ ވާހަކަ ދައްކައިގެން ހައްލުކޮށްގެން ކަމަށް މިކަން ކުރިއަށް ދާނީ. ވަކި ކަހަލަ ނުރައްކަލެއް މަޖިލީހަށް އޮތް ނަމަ، ވަކި މުއްދަތެއްގެ ނިޔަލަށް މަޖިލީހުގެ ބައްދަލުވުން ލަސްކޮށްލުމުގެ ބާރު މަޖިލީހުގެ ރައީސަށް ލިބިގެންވޭ. އެހެންވެ، އެ ބާރުގެ ދަށުން މިއަދުގެ ޖަލްސާ ނުބާއްވަން ނިންމައިފިން. އަދި މި ޖަލްސާ ބާއްވާނެ ތާރީހެއް ފަހުން ދަންނަވާނަން.” މިއަދުގެ ޖަލްސާ ކެންސަލްކުރިކަން ހާމަކުރައްވަމުން ޢަބްދުﷲ ޝާހިދު ވިދާޅުވިއެވެ.

މިކަމާ ގުޅިގެން އެމްޑީޕީގެ މެންބަރުންވަނީ ސޯސަން މަގުގައި އުފާފާޅުކޮށްފައެވެ. އަދި މިހާރު ވެސް އެމްޑީޕީގެ މަޖިލިސް މެންބަރުންނާއި އާންމު މެންބަރުންދަނީ “އިންސާފުގެ މައިދާނުގައި” އުފާފާޅުކުރަމުންނެވެ.