ތިމަރަފުށީ ދާއިރާގެ ބައި އިލެކްޝަނަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރުމަށް މުސްތަފާގެ އިތުރުން އަޙުމަދު ޝަފީގު ވެސް ކުރިމަތިލައްވައިފި

ތިމަރަފުށީ ދާއިރާގެ ބައި އިލެކްޝަނަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރުމަށް އެ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު މުސްތަފާ (ތިމަރަފުށީ މުސްތަފާ) ގެ އިތުރުން ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ އަޙުމަދު ޝަފީގު ވެސް ކުރިމަތިލައްވައިފިއެވެ.

މި ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓްގައި ރައްޔިތުން މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރުކަމަށް ވާދަކުރެއްވުމަށް ބޭނުންފުޅުވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއި ވަނަވަރުގެ އިތުރުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭ އެންމެހައި ލިޔެކިޔުންތައް، އެމްޑީޕީގެ ސެކްރެޓޭރިއަޓަށް ހުށަހަޅަން ހަމަޖެހިފައިވާ ސުންގަޑި ކަމަށްވާ މިއަދު ހަވީރު 4:00 ގެ ކުރިން 2 ފަރާތަކުން ކުރިމަތިލައްވާފައިވާތީ، އެފަރާތްތަކުގެ ލިޔެކިޔުންތައް ފުރިހަމަ ކަމަށް ވާނަމަ ޕްރަމަރީއަކަށް ދާން ޖެހޭނޭ ކަމަށް އެމްޑީޕީން ބުނެއެވެ.

މި ފަދަ ޕްރައިމަރީއެއް ބާއްވަން ޖެހިއްޖެ ޙާލަތެެއްގައި އެ ޕްރައިމަރީ އޮންނާނީ 3 މާރޗް 2012 ވާ އަންގާރަ ދުވަހު ކަމަށް ވެސް އެމްޑީޕީން ބުނެއެވެ. އަދި އެ ޕްރައިމަރީ ކުރިޔަށްދާނީ އެމްޑީޕީގެ އިންތިޚާބާއި ބެހޭ ކޮމިޓީގެ ބެލުމުގެ ދަށުން ކަމަށް ވެސް އެ ޕާޓީން ބުނެއެވެ.