ޝަހީދާ
7 ފެބްރުއަރީ 2012 ވީ އަންގާރަ ދުވަހު މާލޭގެ ގުޅަކުޅޭ ފަސްގަނޑުގައި ހިންގި އުދުވާނީ އަމަލަކީ ރާއްޖޭގެ އިންސާފަށް ލޯބިކުރާ އެންމެހާ ފަރާތްތަކުގެ އިއްޒަތުއްނަފްސަށް ދިން ބޮޑު ގެއްލުމެއްކަމުގައި ބުނުމުން އެއީ ދޮގެކޭ ބުނެވޭނޭ އެއްވެސް މީހަކު ނުހުންނާނޭކަން ކަށަވަރުވާ ހާލު އަޅުގަނޑަށް ހަމަ މި އުޅެވެނީ އެ ނުބައި ޚާއިނުން އާއްމު ދިވެހި އެންމެހާ ރައްޔިތުން ނަށް ދިން، މި ބޮޑު ގެއްލުމާ ހަލާކު ސިފަ ކުރަން ދަތިކަމަކަށް ވެގެންނެވެ.
މިއީ ހަމަގައިމުވެސް އަޅުގަނޑަށް އެކަނި ދިމާވެގެން އުޅޭ ކަމެއް ނޫންކަން ކަށަވަރު ވަނީ، ކޮންމެ ދުވާލަކާ ރެއެއްގައި މާލޭގެ ލޮނު ޒިޔާރަތްކޮޅުގެ ތިންބާރު ވަކިކުރާ ސަރަޙައްދުން މިފެންނަ އެތައް ހާސް ދިވެހި ބައެއްގެ ނިކަމެތި ހާލު، ނިކަމެތި މަޖްބޫރީއާ ދޭތެރޭ ނަޒަރުހިންގާލުމުންނެވެ.
އެބައެއްގެ އެންމެހާ ޙައްގުތަށް ގެއްލުމުން މާޔޫސްވެ ހަދާނެ ނަހަދާނެއެއް ނޭނގި، ވާ ނުވާ އެއް ނޭނގި، އުޅޭ ނޫޅެވޭ އެއް ނޭގި ވަގުތުތަށް ކަނޑައްތު ކުރުމުގައި މަސްއޫލުވެ އުޅޭތަން ފެނުމުން ރާއްޖެއަށް މި ދިމާވި ނިކަމެތި، އަދި ފޫބައްދަން އެތައް އުދަގޫތަކަކާ ކުރިމަތިލާންޖެހިފައިވާ ހާލަތު އެއީ އިންސާފު ނޫންކަން އަޅުގަނޑަށް ހަމަ ގަބޫލުކުރެވޭތީ މިކަމަކީ ވަރަށް ދިގު ރާސްތާއެއްގެ ކަޑައްތުކުރުމެއްކަން ޔަގީނެވެ.
ދުރުން މާދުރުން ބަލާލުމުން، ފެނުމުން އެދައްކައި ދެނީ ދިރިއުޅުން މާޔޫސްވެ އަވަސް ހަމަޖެހުމަކަށް އިންތިޒާރު ކުރަމުންދާ، ހާސް ހާސް ނިކަމެތިކަން ވެރިވެފައިވާ މީސްތަކުންގެ ކެކުޅުމެވެ. އަދި ހަމަ އެއާ އެކު މަންޒަރުވެގެން ދަނީ، ހަމަޖެހުމެއް ލިބިދާނޭކަމަށް އުންމީދުކުރެވި އެމީހަކަށް ޖެހުނު ހާލަކައިގެން ލިބުނު ކުޑަ ފުދުންތެރި ކަމާއިގެން ލާ ތެޅޭ ތަނެވެ. ހަމަ ޖެހުން އަވަސްވޭތޯ އެވެ. އިންސާފު ލިބޭތޯއެވެ. ޙައްގު ހޯދޭތޯއެވެ. ދިރިއުޅުމުގެ އަސްލަށް ރުޖޫޢަ ވެވޭތޯއެވެ.ނަމަވެސް…
ކޮންމެ ދުވަހަކީ އާދުވަހެއްކަމަށް ވީ ނަމަވެސް، އެންމެހާ މީސްތަކުންގެ ދުވަސް ފެށޭނީ، މިއަދު ވާނީ ކިހިނެއްބާއޭ، ޚަބަރަކީ ކޮބައިބާއޭ، މަށަށް ކޮށްދެވޭނީ ކޮންކަމެއްބާއޭ، ދެން އޮތީ ކޮން ގޮތެއްބާއޭ ހިއްތަކަށް އަރާ ހާލުގައެވެ.
މިފަދަ ހާލަތުގައި ބައިބޯކޮށް ތިބޭ ބައެއްގެ ވަގުތުތައް ދުނިޔަވީ ކަންކަމުގަޔާއި އަޅުކަމުގައި މަސްއޫލް ވުމުގައި ހޭދަވާ ވަގުތު ފަދައިން ރޭވިގެން ކުރިޔަށްގެންދާ ހަރަކާތްތަކުގައި ވެސް ފޯރިއާ ޖޯޝް އަދި ގަދަފަދަ އަޒުމުގައި ބައިވެރިވެގެން ކުރިޔަށް ދާކަމުން ދެކެދެނެ ބައިވެރިވާ މީހުންގެ އަދަދު ދުވަހުން ދުވަހެއް ދަނީ ގިނަވަމުންކަން އެންމެންގެ ހިތް އެންމެ އުފަލުން ފާހަގަ ކުރުވައެވެ.
އިންސާފުގެ މައިދާން މާލޭގެ މަޖީދީމަގުން ދެކުނުން މާލެއަށް ފެތުރި ފުޅާވާވަގުތުތަކުގައި އެ ހަރަކާތްތަކުގައި ބައިވެރިވެ ފޯރީގައި މަސްއޫލްވާ އެންމެހާ އެންމެން ހަރު އަޑުންގޮވާ ގޮވެލިފަތި އެއީ އަޑު އަހައިފި އަދި އަޑު އެހި ބަޔަކު މުޅިން ހެން ޖޯސާ ފޯރީގައި ގޮވާ ފަތިތަކެއްކަމަށް ކޮންމެ ފަހަރަކު ނުވާކަންވެސް ފާހަގާ ކުރެވި، އެއީ ބައެއް ފަހަރު މުޅިން މާޔޫސްވެ، އަނެއް ބައިފަހަރު މުޅި އުންމީދު ގަ އަދި ހަމަ ގިނަފަހަރު ހިތްވަރުގެ ކޮޅުން ގޮވާ ފަތިވަރުކަން ފާހަގަ ކުރެވެއެވެ. އެ ބައި މީހުން ގޮވެލިފަތި ގޮވަމުން ގެންދާ އިރު އަޑު އަހާ މިޙާ އަށްއަދި އަޑު އިވުނު މީހާ ދޭ ޖަވާބުވެސް ދެރައެއް ނުމެނޫންމެއެވެ. ނުބައި ނުލަފާކަން ކޮށްގެން އުޅޭ މީހާޔަށް މުހާތަބުކޮށް ހަރު އަޑުން ހަޑިހުތުރު އަދި އެހާމެ ހުތުރު ބަހުން އޭނާއަށް ރައްދުވާގޮތަށް ގޮވުމުން އެއާ ގުޅުވާ އެ ގޮވަނީ، “”އޭނާ މަރާނޭ، އޭނާ ދަންޖައްސާށޭ، އޭނާ ކަތިލާށޭ، އޭނާ އުލު ބައިންދާށޭ، އޭނާ ރޯކޮށްލާށޭ، އޭނާ ކަނޑު ފައްތާށޭ، އޭނާގެ ހަންދަމާށޭ، އޭނާ ހަވަރަށް ދޭށޭ،”” މިފަދަ ހާލަތަށް ގައުމުގެ އާބާދީގެ ހަތަރު ބައިކުޅަ ތިންބައި ގޮވަމުން ފާޅުކަން ބޮޑުގޮތެއްގައި ހާމަކުރަމުން އެއޮއްގެން ގެންދަނީ ހަމަ ގައިމުވެސް ބައެއްގެ ހާލަތު ނުރަގަޅު ފައްތަރަކަށް ވައްޓާލުމުން ކަން ކަށަވަރުވެ ޔަގީނެވެ.
މިފަދަ ގޮތަކަށް އެއްފަހަރާ ނުލާހިކު ހަރުއަޑުން ބައެއްގެ ހަލާކަށް ނެތިދިއުމަށް ގޮވަމުންދާއިރު ބައެއް ފަހަރު ކައިރީގައި ޖެހިގެން ހުންންނަ މިއަޑުތަށް އަހާ މީހާއަށް ބުނެވެނީ ” “ތިޔަހެން ނުކިޔާށޭ، ތިޔައީކީ އަހަރުމެންގެ ޙައްގު ވޯޓުން އަހަރުމެން ހޮވި ލޯބިވާ ރައީސް ނަޝީދު ކުރައްވާނެ ކަންތައްތަކެއް ނޫނޭ، އެހެންވީމާ ރައީސް ނަޝީދު މި ރާއްޖޭގެ ވެރިކަމަށް އަހަރުމެން އަލުން ގެނައިމާ އެބާފުޅާ ކުރައްވާނެ ކަންތަކުގެ ވާހަކަ ގޮވާށޭ،. އެއީ އޭނާ ބާލާ، އޭނާ ހައްޔަރުކުރޭ، އޭނާ ޝަރިއްޔަތުގެ ކުރިމަށްޗަށް ގެންދޭ. އޭނާ ރަށުން ބޭރުކުރޭ، އޭނާ ޤައުމުން ބޭރުކުރޭ.” މިހެންނެވެ.
އަދިހަމަ މިފަދައިން އިންސާފުގެ މައިދާންނުން ރޭގަނޑުގެ ވަގުތުގައި ކުރި އަށްދާ ހަރަކާތުގައި މައިދާނުގެ ސަރަހައްދުގައި އެއްވެތިބޭ އެންމެނަށް މުހާތަބުކޮށް ވާހަކަ ގޮވާ ފަރާތްތަކުން ގޮވާ ގޮވުންތަކު ގައި ވެސް ހަމަ މި ކަހަލަ ގޮތަކަށް ބަސް ވިދާޅުވާ ބޭފުޅުން ނާ އެކު ތަންކޮޅެއް ލުއި ގޮތަކަށް ވިދާޅުވާ ބޭފުޅުންގެ ވިދާޅުވުންތައް ފާހަގަކުރެވެއެވެ. ގިނަ ގިނަ ފަހަރު ހެން ބައެއް ބޭފުޅުން ވިދާޅުވަނީ “ކަޅު އަނދިރި ރޭރެއަށް މާ، ކަޅު ހިލަތަކުގެ މަތީގައި ކަޅު ހިނިހިރޭ ހިރުން ވެސް ދެނެވޮޑިގަތުން މަތީވީ” އާއި، ” ޒާލިމުން އަނިޔާކުރާއިރު، ބައްލަވަން މިރުޞާދުގައި ޚާލިޤުލް ކައުނައިނި ވާކަން ނޭނގެނީތަ އަޖައިބެކޭ،” މިފަދައިން ޝުއޫރު ފާޅު ކުރައްވައެވެ.
އަޅުގަނޑަށް ހަމަ އިނގޭހާވެސް އެއްޗަކީ މިއެންމެނާއެކު އަޅުގަނޑު ޝާމިލުވެ އަބަދު ހުރެމެ ވެސް އަޅުގަނޑަށް އެބައިމީހުން އެ ގޮވާ ފަދައަކުން ކަންކުރަން ވިސްނުމަށް ނާންނަކަމެވެ. އަދި ހަމަ މި ނުބައި ނުލަފާ މީހުންގެ ގައިގާ އަޅުގަނޑުގެ އަތުން ޖަހާކަށް ބޭނުމެއްނޫނެވެ. ސަބަބަކީ މީހެއްގައިގައި ޖެހީމޭ ބުނާކަށް އެނުލަފާ މީހުންގެ ގައިގަ ޖަހަންވެސް ބޭނުން ނުވާތީއެވެ.
މައިދާނުގައި އެއްވެތިބި މީހުނާ މުޚާތަބު ކޮށް ބުނާ ބުނުމަށް، ގޮވާ ގޮވުމަށް ވިސްނާލާއިރު މި ލޮބުވެތި ދިވެހި ދަރީންނަށް ޖެހިފައިމިވާ އުދުވާނުގައި ހާލުގައި ޖެހިފައިތިބި ގިނަ ގިނަ އެތައް ބައެއްގެ ހާލަކީ ކޮބައިކަން ވިސްނާލަމާ ހިނގާށެވެ. އެބައި މީހުންގެ ހާލަކީ އެމީހުން އެތިބީ އެމީހުން ވަރަށް މިނިވަންކަމާއެކު ލީ ވޯޓު ގެއްލި އެވޯޓުން ހޮވި ލޯބިވާ ވެރިމީހާ ގެއްލި، އާއިލާ ދޫކޮށް މާލެ އަންނަންޖެހި، އަރާމު ތަންމަތި ގެއްލި، އަރާމު ނިދި ގެއްލި އަނބިފިރި ކަމުގެ ގުޅުމާ ދުރަށް ދާންޖެހި، ކާންބޯންކުރާ މަސައްކަތާ ދުރަށްދިއުމަށް މަޖުބޫރުވެ، މައިންބަފައިން، އެއްބަނޑު ތިމާގެ މީހާގެ ހާލުނުބެލި، ރައްޓެހި ރަހްމަތްތެރިންނާއެކު ހޭދަކުރާނެ ވަގުތު ނެތް ފަދަ ހާލަތެއްގައެވެ. ހޭބުއްދި ހަމަޔަށް ވިސްނާލަން އުދަގޫވާ ފަދަ ހާލަތެއްގައެވެ މި ހުރިހާ ކަމަކަށް ވުރެ އެންމެ ބޮޑު ވެގެންވާ ކަމަކީ އެބައިމީހުންނަށް ދިމާވެފައިވާ ފިކުރީ ހަނގުރާމައެވެ. ތަފާތު އެތައް ވައްތަރެއްގެ އެތައް އެތައް ދިމާލަކުން އައިސް އެއްވެ ތިބި ބައެއްގެ އެތައް ތަފާތުގެ ފިކުރީ ހަނގުރާމައެވެ.
ކަން މިހެން ހުރި ނަމަވެސް. ދުނިޔެ ދައުރުވާހާ ދުވަހަކު އިރު އަރާ އިރު އޮއްސި، ހަނދު އަރާ ހަނދު އޮއްސި، ދުވާލުގެ އަލިކަން ލިބި ރޭގަޑުގެ އަދިރިކަން ލެއްވި މަތިވެރި ފަރާތުގެ ކުޅަދުން ވަންތަކަމުގެ ބޮޑުކަން ހިތަށް އަރާ ހިތައް ލިބޭ ތަސައްލީގައި ކޮންމެ ދުވަހަކީ ވެސް ފޮނި އުންމީދުން ފުރިގެންވާ ދުވަހެކެވެ.
މިތުރުންގެ ހިތަށްދަތިކުރި ކަޅު ކޮންމެ ރެއެއްވެސް
ފިތުރަތުގެ އުސޫލުން ނިމެނީ ފަތިހަށެ އަމުދުން.