އެމްޑީޕީގެ އަންހެން މެންބަރުންގެ ވަރަށް ފޯރިގަދަ ބައްދަލުވުމެއް އަނެއްކާ ވެސް ބާއްވައިފި

mdp-anhenunge-bahdhaluvun

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ވަރަށް ފޯރިގަދަ ބައްދަލުވުމެއް ރޭ ބާއްވައިފިއެވެ.

އެމްޑީޕީގެ އަންހެނުންގެ ރޫހުން އިންތިޒާމްކޮށްގެން ބޭއްވި މި ބައްދަލުވުމަށް ދޮށިމޭނާ މާލަމްފުރެންދެން މީހުން ހާޒިރުވެފައިވާ އިރު، އެމާލަމުގެ ގޮނޑިތައް ފުރިގެން އެހެން މާލަމްތަކުން ވެސް ގޮނޑި ގެންނަން ޖެހުނެވެ.

މި ޚާއްސަ ބައްދަލުވުމުގައި ވާހަކަދެއްކެވި، ރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ ކެބިނެޓްގެ އެޑިއުކޭޝަން މިނިސްޓަރ ޝިފާ މުޙައްމަދު ވިދާޅުވީ، “އަޅުގަނޑުމެން މިއަދު މި ރޮމުން މިދަނީ އަޅުގަނޑުމެންނަށް ހޮވިފައި މިވާ ބައެއްގެ ސަބަބުން”، ކަމަށާއި، ލިބެމުންދާ އަނިޔާތަކާ މެދު ކެތްނުކުރެވިގެން ކަމަށެވެ. އަދި “މިއަދު އަޅުގަނޑުމެންގެ މައްޗަށް ސަވާރުވެ މިތިބަ ބަޔަކު މިއަދު އަޅުގަނޑުމެންގެ އަންހެނުން ހިފާ އެބަ ހައްޔަރުކުރޭ. ޅަދަރިން ބިރުވެރިކަމުގެ ތެރެއަށް ވައްދަމުން އެބަ ގެންދޭ.” ޝިފާ އިތުރަށް ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވީ މިއަދު މިފެންނަނީ ސަރުކާރެއްގެ ސިފާގައި އެމީހުން ހިތްހަމަނުޖެހޭ ކޮންމެ ފަހަރަކު އަންހެނުންނާއި ކުޑަކުދިންގެ ގައިގައި ތަޅާ އަނިކާކުރާ މަންޒަރު. ނަމަވެސް ލޮލަށް ޖަހާ އަސޭ މިރުސް ދުމަކުން، ތަޅާ ތެޅުމަކުން އެމްޑީޕީ އެންމެ ތަންފުކެއް ވެސް ފަހަތަކަށް ނުޖެހޭނޭ ކަމަށާއި، އެމްޑީޕީ ދާނީ ކުރިޔަށް ކަމަށެވެ.

އެމްޑީޕީގެ ސްޕޯކްސްޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވެސް ރޭގެ ބައްދަލުވުމުގައި ވާހަކަދެއްކެވިއެވެ.

އިންތި ވިދާޅުވީ ތާހިރު ދިރިއުޅުމެއް އުޅެމުން ދަނިކޮށް އަނެއްކާވެސް މުސީބާތް ކުރިމަތިކުރުވީ އެއްކަލަ ބާޣީންގެ ސަބަބުން ކަމަށެވެ. އަދި “މިއީ އަޅުގަނޑުމެން އެއްގޮތަކަށް ވެސް ބޭނުންވެގެން އުޅުނު ގޮތެއް ނޫން” ކަމަށާއި، ދިވެހި ގައުމު އަނެއްކާވެސް އެތައް ސަތޭކަ އަހަރެއްގެ ފަހަތަށް ގޮސްފައިވާ ކަމަށެވެ.

ބަޣާވާތާއި ދެކޮޅަށް އެމްޑީޕީން ފަށާފައިވާ ދިގުދެމިގެންވާ ސުލްހަވެރި އެއްވުމުގައި އެމްޑީޕީގެ އަންހެން މެންބަރުންނާއި، ބަޣާވާތާ ދެކޮޅު ހެދުމުގެ ގޮތުން އެ ޕާޓީގެ ހަރަކާތްތަކާ އަލަށް ގުޅުނު އަންހެނުން ވަނީ މިހާތަނަށް ވަރަށް ފޯރިއާއި ޖޯޝްގައި ގިނަ ހަރަކާތްތަކެއް ހިންގާފައެވެ. އެ ގޮތުން ސުލްހަވެރި އެއްވުމުގެ ބައިވެރިންނަށް ބިލެތް މީރުކޮށްލުން ކޮންމެ ރެއަކުހެން އަންހެނުން، ތައްޔާރުކުރަމުން ދާއިރު، ރަށްރަށުން ވެސް ތަފާތު ފަރިވަޅުތައް ލިބެމުން ދެއެވެ. އަދި ތަފާތު ބައްދަލުވުންތަކާއި، އެތައް ހާސް އަންހެނުން ބައިވެރިވެގެން ސުލްހަވެރި ހިނގާލުމެއް މިހާތަނަށް ބާއްވާފައިވެއެވެ. އަދި ގިނަ އަންހެން މެންބަރުންތިބީ މަގުމައްޗަށް ނިކުންނަން ޖެހިއްޖެ ހާލަތެއްގައި އެކަމަށް ވެސް ތައްޔާރަށް ކަމަށް އެމްޑީޕީ އަންހެނުންގެ ރޫހުން ބުނެއެވެ.