އަނިޔާގެ މައުރަޒްގެ ނަމުގައި އިންސާފްގެ މައިދާނުގައި މައުރަޒެއް ހުޅުވައިފި

aniya-450-x-259

7 ފެބްރުއަރީ 2012 ވަނަ ދުވަހު ގަދަކަމުން ވެރިކަން ފޭރިގަތުމަށް ފަހު، ބާޣީ ސަރުކާރުގެ ސިފައިންނާއި ފުލުހުން ދިވެހިރައްޔިތުންނަށް ދެމުން ގެންދާ އަނިޔާތައް ދެއްކުމަށް ޚާއްސަކޮށްގެން މިއަދު ހަވީރު “އިންސާފްގެ މައިދާނުގައި” ފޮޓޯ މަޢުރަޒެއް ހުޅުވައިފިއެވެ.

“އަނިޔާގެ މައުރަޒު”ގެ ނަމުގައި ވެލިދޫ ޖަގަހައާއި އަދަބީ ޗަމަން ގުޅިގެން ތައްޔާރުކޮށްފައިވާ މައުރަޒު ހުޅުއްވައިދެއްވީ ރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ އަދި އެމަނިކުފާނުގެ ދައުރުގައި އެއްވެސް ދިވެހިރައްޔިތަކަށް އަނިޔާވެރިވެވަޑައިގެންފައި ނުވާ ކަމުގެ ޝަރަފް ލިބިވަޑައިގެންފައިވާ ރައީސް މުޙަންމަދު ނަޝީދެވެ. މައުރަޒު ހުޅުއްވައިދެއްވުމަށްފަހު ރައީސް ނަޝީދުވަނީ މައުރަޒުގައި ބެހެއްޓިފައިވާ ފޮޓޯތައް ބައްލަވާލައްވާފައެވެ.

މި މައުރަޒު ހުޅުއްވައި ދެއްވުމުގެ ކުރިން ޒުވާނުންނާއި މުޚާތަބް ކުރައްވައި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގައި ޤާއިމް ކުރެވުނު ފުރަތަމަ ޑިމޮކްރެޓިކް ވެރިކަން ޤާއިމް ކުރުމަށް ޒުވާނުންގެ ދައުރުވަރަށް ބޮޑުކަމަށް ވިދާޅުވިއެވެ. ނަމަވެސް އެވެރިކަން މިވަނީ ބަޣާވާތަކުން ބަދަލުކޮށްފައިކަމަށާއި މިހާރު ވެރިކަމުގައި ތިބި މީހުން މަސައްކަތް ކުރަމުން ގެންދަނީ ރައްޔިތުންގެ ރުހުމެއްނެތި ވެރިކަމުގައި ދެމިތިބެވޭނެ އިންތިޒާމްތަކެއް ހަމަޖެއްސުމަށް ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.