ނޫސް ބަޔާން: އިލެކްޝަންސް ކޮމިޝަންގައި ރަޖިސްޓްރީކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ ދަފްތަރެއް ހޯދުމަށް އެދުން

mdp-logo-150-x-157

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފުރަތަމަ ރިޔާސީ ކެންޑިޓޭޓް 11 ނޮވެމްބަރ 2008 ގައި 5 އަހަރު ދުވަހުގެ ދައުރަކަށް އިންތިޚާބުކޮށް މަޤާމުގެ ވާޖިބު އަދާކުރައްވަމުން ގެންވަދަނިކޮށް 7 ފެބްރުއަރީ 2012 ގައި ފުލުހުންނާއި، ސިފައިންގެ މަދު ބަޔަކު ހިންގި ޣައިރުޤާނޫނީ ބަޣާވާތުގައި، މިޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވަނީ އެ މަޤާމުން ދުރުކޮށްފައެވެ.

އެހެންކަމުން މިޕާޓީން ވަކާލާތުކުރަމުންމިދަނީ ބައިނަލްއަޤްވާމީ ޖަމާއަތްކާއި ދުނިޔޭގެ އެކި ގައުމުތަކެކޭ އެއްފަދައިން އަވަސް ރިޔާސީ އިންތިޚާބެއް ބޭއްވުމަށެވެ. އެފަދަ އިންތިޚާބެއް މިހިނގާ 2012 ވަނަ އަހަރުގައި ބާއްވާއިރު، އެ އިންތިޚާބުގައި މިޕާޓީގެ ފަރާތުން ކުރިމަތިލުމަށް ބޭނުންވާ ކެންޑިޑޭޓަކު އިންތިޚާބު ކުރުމަށް، މި ޕާޓީގެ ރިޔާސީ ޕްރައިމަރީ 5 މޭ 2012 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ޕާޓީގެ ޤައުމީ މަޖިލިހުން ނިންމާފައިވާތީ، މިޕާޓީން ވަނީ، އިލެކްޝަންސް ކޮމިޝަންގައި ރަޖިސްޓްރީކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ ދަފްތަރެއް ހޯދުމަށް 27 ފެބްރުއަރީ 2012 ގައި އެދިފައެވެ.

މިގޮތަށް އެދުނީ މިޕާޓީއަކީ މިނިވަން އިންސާފްވެރި އިންތިޚާބްތަކަށް އަބަދުވެސް ވަކާލާތުކުރާ ޕާޓީއަކަށްވެފައި، އެތެރޭގެ އިންތިޚާބެއް ބޭއްވުމުގެ 30 ދުވަސްކުރިން ވޯޓް ހައްގުވާ ފަރާތްތަކުގެ ދަފްތަރެއް އާންމުކޮށް އިއުލާންކުރަންޖެހޭނޭ ކަމަށް މިޕާޓީގެ އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވާތީ އާއި، މިއިންތިޚާބްގައި މިޕާޓީއަށް ނިސްބަތްވާ ކޮންމެ މެމްބަރަކަށް ވެސް ވޯޓްލުމުގެ ހައްގު އޮންނާތީއެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް