ނޫސް ބަޔާން: ބ.ގޮއިދޫ ކައުންސިލްގެ ނޫސް ބަޔާން

ޤާނޫނު އަސާސީ އާއި އެއްގޮތްވާ ގޮތުގެ މަތިން ދިވެހި ރައްޔިތުންގެ އާންމު ވޯޓުން އިންތިޚާބުކޮށްފައިވާ ރައީސުލް ޖުމްހޫރިއްޔާއަށް މަޖުބޫރުކޮށް، އާންމުންގެ ފަރާތްތަކެއް ދިވެހިރާއްޖޭގެ ގައުމީ ދިފާޢީ ބާރުގެ މައި މަރުކަޒަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ތެރެއަށް ވަދެ 7 ފެބްރުއަރީ 2012 ވަނަ ދުވަހު ހިންގި ބަޣާވާތް އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް، އަދި އެ މައްޗަށް ބިނާކޮށްފައިވާ ޣައިރު ޤާނޫނީ ސަރުކާރު ބ.ގޮއިދޫ ކައުންސިލުން ޤަބޫލުނުކުރާ ހިނދު، ބާޣީ ލީޑަރުގެ ގޮތުގައި ޤާނޫނު އަސާސީ އާއި ޚިލާފަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އަމިއްލަފުޅަށް އިސްވެ ހުންނެވި ޑރ.މުޙަންމަދު ވަޙީދު ޙަސަން މަނިކުގެ އަތްޕުޅަށް، އަމިއްލަފުޅަށް ނަންގަވާފައިވާ އެންމެހާ ބާރުތައް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދާއި، މިހާރުން މިހާރަށް ހަވާލުކުރައްވާ، ދެމަސް ދުވަހުގެ ތެރޭގައި މިނިވަން ރިޔާސީ އިންތިޚާބެއް ބޭއްވުމަށް ގޮއިދޫ ކައުންސިލުން ގޮވާލަމެވެ. އަދި މި ޖަރީމާ ހިންގާފައިވާ ގޮތް ބައިނަލްއަޤްވާމީ ވަކި ފަރާތަކަށް ނުޖެހޭ ފަރާތްތައް މެދުވެރިކޮށް، ވީ އެންމެ އަވަހަކަށް ތަޙްޤީޤްކުރުމަށް މި ކައުންސިލުން ގޮވާލަމެވެ.

07 ފެބްރުއަރީ 2012 ގައި ގެނައި ބަޣާވާތާއި ދެކޮޅަށް މާލޭގެ މަގުތަކަށް ނުކުމެ ސުލްހަވެރި ހިނގާލުމެއް ބޭއްވި އެތައް ހާސް ރައްޔިތުންގެ ތެރެއިން ގިނަބަޔަކަށް ފުލުހުންނާއި ސިފައިންގެ ޔުނީފޯރމްގައި މޫނު ނިވާކޮށްގެން ތިބެ ދީފައިވާ ލާއިންސާނީ އިންތިހާ ދަރަޖައިގެ އަނިޔާތައް ކުއްވެރިކުރަމެވެ. އަދި އެކަމާއި ގުޅިގެން ރާއްޖޭގެ ކަންކޮޅުތަކުގައި ހިނގައިދިޔަ ހަމަނުޖެހުންތަކާއި، އޭގެ ސަބަބުން ގެއްލުން ލިބުނު ފަރާތްތަކާއި، މުދަލުގެ އަގު އިންތިހާއަށް ބޮޑުކަން ހިތާމައާއި އެކު ފާހަގަކުރަމެވެ. އަދި އައްޑޫ ސިޓީ ކައުންސިލްގެ އިއްޒަތްތެރި މެންބަރުންނާއި، އައްޑޫ ސިޓީގެ އެކި ރަށްރަށުގެ އެތަކެއް ރައްޔިތުންނަށް ފުލުހުންނާއި ސިފައިންގެ ޔުނީފޯރމްގައި ތިބި ބަޔަކު ދެމުންދިޔަ ލާއިންސާނީ ޢަމަލުތައް ކުށްވެރިކޮށް، އެކަމުގެ ފަހަތުގައި ތިބި ހުރިހާފަރާތްތައް ތަޙްޤީޤްކުރުމަށް ވެސް ގޮވާލަމެވެ.

ދިވެހިރާއްޖޭގެ މިނިވަން ކަމާއި، އިސްތިޤްލާލާ ސިޔާދަތުގެ ރަމްޒުކަމުގައިވާ ފަޚުރުވެރި ދެ މުޥައްސަސާގެ ޒަމާންވީ ރީތި ނަމާއި ގަދަރަށް، އުނިކަމާއި ކިލަނބުކަން ގެނެސް، ފުލުހުންނާއި ސިފައިންގެ ތެރެއިން މި ބަޣާވާތުގައި ބައިވެރިވި މީހުންނާއި، ބައިވެރިނުވެތިބި އެންމެން ދިވެހި ގައުމިއްޔަތުގެ ޙައްޤުގައި ރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ފަރުދީ ގޮތުން މަޢާފަށް އެދުމަށާއި، އަދި އެ ޙާލަތުގައި އެފަދަ މަޢާފެއް ޢާންމުކޮށް އެބައިމީހުންނަށް ދެއްވުމަކީ ކުރިޔަށް އޮތް ޒަމާންތަކަށް ލިބިގެންދާނޭ އެންމެ އެކަށޭނަ ޙައްލުކަމުގައި ދެކޭ ހިނދު އެކަމަށް ވެސް އިލްތިމާސްކޮށް ގޮވާލަމެވެ.