ނޫސް ބަޔާން: އެމްޑީޕީ ފަރެސްމާތޮޑާ ދާއިރާގެ ނޫސް ބަޔާން

mdp-logo-150-x-157

7 ފެބްރުއަރީ 2012ވީ އަންގާރަ ދުވަހު ބަޣާވާތުގެ ހަޑިހުތުރު އަމަލަކުން ދިވެހިރާއްޖޭގެ ދުސްތޫރީ ވެރިކަން ވައްޓާލައި، ރާއްޖޭގެ ފުރަތަމަ ޑިމޮކްރެޓިކް ރައީސް މުހައްމަދު ނަޝީދަށް އިސްތިއުފާދިނުމަށް މަޖުބޫރުކުރުމަށްފަހު އުފައްދާފައިވާ ސަރުކާރަކީ އެއްވެސް ޤާނޫނީ ހައިސިއްޔަތެއްނެތް ޣައިރު ޤާނޫނީ ސަރުކާރަކަށް ވީ ހިނދު، މިޖަރީމާއާ ދެކޮޅަށް އަޑުއުފުލާ، ގދ.ފަރެސްމާތޮޑާ ދާއިރާގެ ރައްޔިތުންގެ ވިންދާއި އިހްސާސްތަކާ އެއްގޮތްވާގޮތުގެ މަތިން ރައްޔިތުންގެ ފަރާތުން ވަކާލާތުކުރުމަށް އިންތިޚާބުކުރެވިފައިވާ ރައްޔިތުންގެ މަޖިލިހުގެ މެންބަރު އިބްރާހިމް މުއްތަލިބު މިކަން ކުއްވެރިނުކުރައްވާ އަދި ބަޣާވާތާދެކޮޅަށް އަޑުއުފުލާފައިނުވާތީ އެކަން ހިތާމަޔާއެކު ފާހަގަކޮށް، ކުއްވެރިކުރަމެވެ.

ދިވެހިރާއްޖޭގެ ތާރީޚުގައި ލިޔެވެމުންދާ މި ކަޅު އަނދިރި ސަފްހާތައް ލިޔެވެމުންދާ ހިނދު، 2008ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އަޣުލަބިއްޔަތުގެ ވޯޓުން އިންތިޚާބު ކޮށްފައިވާ ސަރުކާރު ބަޣާވާތަކުން ވައްޓާލުމަށްފަހު ރައްޔިތުންގެ އެއްވެސް ބަހަކާއި، ރުހުމަކާނުލާ އަމިއްލައަށް ވެރިކަމާއި ހަވާލުވެ ދުސްތޫރީ އިންތަކުގެ ބޭރުން ސަރުކާރެއް ޤާއިމްކޮށްފައިވާހިނދު، މިކަމާމެދު ހަނުހުންނަވާ، ރައްޔިތުން ކޮށްފައިވާ އިތުބާރާ ހަވާލުކޮށްފައިވާ މުހިއްމު ޒިންމާއާ މަސްއޫލިއްޔަތައް އިހުމާލުވުމަކީ، ރައްޔިތުން ދިން ވޯޓާއެކު ހަވާލުކޮށްފައިވާ އަމާނާތުގައި ކޮޅުފައިން ޖެހުންކަމުގައި ދެކި، އެކަން ވަރަށް ހަރުކަށި އިބާރާތުން ކުއްވެރިކުރަމެވެ. ހަމަ އެހެންމެ، 7 ފެބްރުއަރީގައި ހިނގާދިޔަ ބަޣާވާތާދެކޮޅަށް އެތަކެއް ހާސް ރައްޔިތުން ނުކުމެ 8 ފެބްރުއަރީ 2012ގައި އެއްވި ސުލްހަވެރި އެއްވުން ރޫޅާލުމަށް އެއްވެސް އިންޒާރަކާ އެންގުމަކާނުލާ ފުލުހުން ހަރަކާތްތެރިވުމުގައި ވަރަށް ބޮޑެތި އަނިޔާތަކެއް ގިނަ އަދަދެއްގެ ރައްޔިތުންތަކަކަށްވެ، އިންސާނިއްޔަތާ ޚިލާފު އެތައް އަމަލެއް ހިނގާ، ކުށަކާނުލާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މީހުން ބަންދުކުރެވުނު ހިނދު، އެކަމާމެދުވެސް އެއްޗެއް ވިދާޅުނުވެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހިމް މުއްތަލިބު ރައްޔިތުންގެ އެދުމާއި ޝުޢޫރުތަކަށް ބީރުކަންފަތެއްދެއްވައިގެން ހުންނެވި ހުންނެވުންވެސް މިފުރުސަތުގައި ހަރުއަޑުން ކުށްވެރިކުރަމެވެ. ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހިމް މުއްތަލިބު އަރިހުން އެދެނީ އެބޭފުޅާއާ ހަވާލުވެފައިވާ މަސްއޫލިއްޔަތު އަދާކުރައްވާ، ފުރިހަމަގޮތުގައި ޒިންމާ އުފުއްލަވާ، މިބަޣާވާތާ، ޣައިރުޤާނޫނީ ސަރުކާރުގެ އަމުރަށް ހިންގި އަނިޔާވެރި ދަށުދަރަޖައިގެ އަމަލުތައް ކުއްވެރިކޮށް އަޑުއުފުއްލެވުމަށެވެ. އަދި ހަމަ އެހެންމެ، އަވަސް އިންތިޚާބެއް ބޭއްވުމަށާއި، އިންތިޚާބެއް ބޭއްވޭނެ ތާރީޚެއް ކަނޑައެޅުމަށް ބާރުއެޅުއްވުމަށް މަސައްކަތް ފެއްޓެވުމަށެވެ. ހަމަ އެއާއެކު، 8 ފެބްރުއަރީގެ ހާދިސާއާ ގުޅިގެން އެއްވެސް ހެއްކެއްނެތި ހައްޔަރުކުރެވިފައިވާ މިދާއިރާގެ ރައްޔިތުން މިހާރުން މިހާރަށް ދޫކޮށްލުމަށް ގޮވާލެއްވުމަށެވެ.

އަދި މި ފުރުސަތުގައި، ދިވެހިރާއްޖޭގެ ދުސްތޫރީ އަސާސްތަކާ ޤައުމުގެ ސިޔާދަތު ދިފާއުކޮށް ގެއްލުނަނުދީ ހިމާޔަތްކުރުމަށް ކުރެވެންހުރި ހުރިހާކަމެއް ކުރެއްވުމަށް މިއަދު އެންމެ އިސްކަމެއްދެއްވާ ރައްޔިތުންގެ ޙައްޤުގެ ދިފާއުގައި ނުކުންނަވަން ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހިމް މުއްތަލިބަށް އިލްތިމާސްކުރަމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ފަރެސްމާތޮޑާ ދާއިރާ