ނޫސް ބަޔާން: އައްޑޫ ސިޓީގެ ރައްޔިތުންނަށާއި، އެމްޑީޕީހަރުގެތަކަށް ފުލުހުންނާއި ސިފައިން ދެމުންދާ ހަމަލާތައް ކުށްވެރިކުރުން

mdp-logo-150-x-157

އައްޑޫ ސިޓީގައި 26 ފެބްރުއަރީ 2012 ވަނަ ދުވަހުގެރޭ އައްޑޫ ސިޓީގެ ހިތަދޫގައި ހުންނަ އެމްޑީޕީ މައި ހަރުގޭގައި، ދިއްދޫގައި ހިނގަމުންދިޔަ އެމްޑީޕީގެ ޖަލްސާ ބަލަމުންދަނިކޮށް، ފުލުހުންނާއި، ސިފައިންގެ ޔުނީފޯރމްގައި ތިބި ބަޔަކު އައިސް، ހަރުގޭގައި ހުންނަ އޮފީހުގެ ބިއްލޫރިތައް ތަޅާލުމަށްފަހު ހަރުގެ ތެރެއަށް ވަދެ، ކަރުނަގޭސް ޖަހައި، ހަރުގޭގައި ތިބި އެމްޑީޕީގެ މެންބަރުންގެ ގައިގައި ތަޅައި، ބޮޑެތި އަނިޔާތަކެއް ދިނުމަށްފަހު އެ ހަރުގޭގައި ހުރި ތަކެއްޗާއި އިމާރާތަށް ބޭނުން ނުކުރެވޭ ވަރަށް ގެއްލުންދީ، އެ ހަރުގެ ކައިރީގައި ހުރި އާންމު ރައްޔިތުންގެ ސައިކަލްތަކަށް ވެސް ގެއްލުންދީފައިވާތީ، އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ.

އަދި އެރޭ ވަރަށް ދަންގަޑިއެއްގައި ފޭދޫގައި ހުންނަ އެމްޑީޕީ ހަރުގެ ދޮށަށް އެއްވެތިބި އަންހެނުންނާއި، އުމުރުން ދުވަސްވީ މީހުންނާއި ދިމާލަށް ހަޑިހުތުރު ބަހުރުވައިން މުޚާޠަބުކޮށް، އެ މީހުން އެތަނުން ދުރަށް ޖައްސައި، އެތަނުގެ ކަރަންޓް ކަނޑާލުމަށްފަހު، އެ ހަރުގެ ވެސް އަލުން ބޭނުން ނުކުރެވޭ ވަރަށް ގެއްލުންދީފައިވާތީއާއި މަރަދޫގައި ސަރކް ސަމިޓަށް ރައީސް ނަޝީދުގެ ސަރުކާރުން އެޅުއްވި ސްޓޭޖް، ސިފައިންނާއި ފުލުހުން ތަޅާލާފައިވާތީ، އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ.

މީގެ އިތުރުން ހިތަދޫގައި ބާޣީ ސަރުކާރާ ދެކޮޅަށް ސުލްހަވެރިކަމާއެކު އިޙްތިޖާޖްކުރަމުން ދިޔަ ބަޔަކާ ދެކޮޅަށް އެކަށީގެން ނުވާ ބާރުގެ ބޭނުން ސަލާމަތީ ބާރުތަކުން ކޮށްފައިވާކަން އެމްޑީޕީ އައްޑޫ ސިޓީ އިން ހިތާމައާއި އެކު ފާހަގަކުރަމެވެ. އެ ގޮތުން ކުޑަކުއްޖަކަށް، އަންހެނަކަށް، އުމުރުން ދުވަސްވީ މީހަކަށް ބެލުމެއްނެތި، ސަލާމަތީ ބާރުތަކުން ޕެޕާރސްޕްރޭ އާއި މުގުރު ބޭނުންކޮށް، އާންމު ރައްޔިތުންނަށް އަނިޔާކޮށްފައިވާކަން ކަންބޮޑުވުމާއި އެކު ފާހަގަކުރަމެވެ.

ބާޣީ ސަރުކާރު ބަލައި ނުގަންނަ ކަމަށް އައްޑޫ ސިޓީ ކައުންސިލްގެ ގަރާރަކުން އައްޑޫ ރައްޔިތުން ހާމަކޮށްފައިވަނިކޮށް، ބާޣީ ސަރުކާރުގެ ވެރިޔާ އައްޑޫއަށް ކުރެއްވި ދަތުރަކީ ކަނޑައެޅިން ހަމަނުޖެހުމަށް މަގުފަހިކޮށް، އައްޑޫ ރައްޔިތުންނަށް އިތުރަށް އަނިޔާކުރުމަށް ކުރި ދަތުރެއް ކަމަށް އެމްޑީޕީ އައްޑޫ ސިޓީން ދެކެމެވެ. އަދި ބާޣީ ރައީސްގެ މި ދަތުރު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް، ބާޣީންނާ ދެކޮޅަށް އައްޑޫ ރައްޔިތުން ދެއްކި ހިއްވަރަށް އައްސަރިބަހާއި ސާބަސް ރައްދުކުރަމެވެ. އަދި މި ދަތުރުގެ ސަބަބުން ބާޣީ ސަރުކާރު އިތުރަށް ދިވެހިރައްޔިތުންގެ ކުރިމަތީގައި ފަޟީޙަތްވެ، އެ ސަރުކާރަށް ރައްޔިތުންގެ އެއްވެސް ތާޢީދެއް ނެތްކަން ވަނީ ހާމަވެގެން ގޮސްފައެވެ.

އަދި، ސިފައިންނާއި ފުލުހުން އައްޑޫ ސިޓީގެ ރައްޔިތުންނާ ދެކޮޅަށް ހިންގި ލާއިންސާނީ ހުރިހާ ޢަމަލެއްގައި އައްޑޫސިޓީގެ އާންމު ރައްޔިތުންގެ ތެރެއިން ބާޣީ ސަރުކާރަށް ވާގިވެރިވާ ބަޔަކު ބައިވެރިކޮށްފައިވާކަން ވެސް ކަންބޮޑުވުމާއި އެކު ފާހަގަކުރަމެވެ.

ބާޣީ ސަރުކާރުން އަވަސް އިންތިޚާބެއް އިޢުލާން ނުކުރަނީސް، އައްޑޫ ރައްޔިތުން މި ޣައިރު ޤާނޫނީ ސަރުކާރާ ދެކޮޅަށް ކުރަމުންދާ ސުލްހަވެރި އިޙްތިޖާޖް ހުއްޓާނުލައި، ހިއްވަރާ އަޒުމާ، އިތުރު ޖޯޝަކާއި އެކު ކުރިޔަށް ގެންދިއުމަށް އެމްޑީޕީ އައްޑޫ ސިޓީން ގޮވާލަމެވެ. އަދި ބާޣީ ސަރުކާރާ ދެކޮޅަށް އައްޑޫ ރައްޔިތުން މިކުރާ ސުލްޙަވެރި އިޙްތިޖާޖްތަކަށް ނަސްރު ދެއްވައި، މި އަނިޔާވެރި ސަރުކާރުގެ އަނިޔާވެރިކަން އެންމެ ބޮޑަށް ތަޙައްމަލްކުރަން ޖެހުނު އެއް ބައެއްގެ ޙައިސިއްޔަތުން، އައްޑޫގެ ލޮބުވެތި ރައްޔިތުން މިކުރާ މަސައްކަތަށް ކެތްތެރިކަމާއި، ނަސްރުދެއްވުންއެދި މާތް ﷲގެ ޙަޟްރަތަށް ދުޢާ ދަންނަވަމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ އައްޑޫ ސިޓީ

އެމްޑީޕީ އައްޑޫ ސިޓީގެ ނޫސް ބަޔާންގެ ޕީޑީއެފް ފައިލް