މިހާރު އުފައްދާފައިވާ ސަރުކާރަކީ ޣައިރުޤާނޫނީ ސަރުކާރެއްކަމަށާއިޤާނޫނީ ވެރިކަން ހަމަ މިހާރުން މިހާރަށް ރުޖޫޢަ ކުރުމަށް އައްޑޫސިޓީ ކައުންސިލުން އިލްތިމާސްކޮށްފި

ރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑރ. މުހައްމަދު ވަޙީދު ޙަސަން މަނިކު މިހާރު އުފައްދާފައިވާ ސަރުކާރަކީ ޣައިރުޤާނޫނީ ސަރުކާރެއްކަމަށާއި، ޤާނޫނީ ވެރިކަން ހަމަ މިހާރުން މިހާރަށް ރުޖޫޢަ ކުރުމަށް އިލްތިމާސްކޮށް އައްޑޫސިޓީ ކައުންސިލުން ނޫސް ބަޔާނެއް ނެރެފިއެވެ.

ސިޓީ ކައުންސިލުން ނެރެފައިވާ ނޫސް ބަޔާނުގައި ވަނީ 2008 ވަނައަހަރު ރައްޔިތުންގެ ފުރިހަމަ އަޣުލަބިއްޔަތުން ދިވެހިން ހޮވި ލޮބުވެތި ރައީސުލް ޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު އަށް ބިރުދައްކައިގެން ގަދަކަމުން ފުލުހުންގެ ބަޔަކު ގެނައި އަނިޔާވެރި އިންޤިލާބަށްފަހު ޑރ. މުހައްމަދު ވަޙީދު ޙަސަން މަނިކު މިހާރު އުފައްދާފައިވާ ސަރުކާރަކީ ޢައިރުޤާނޫނީ ސަރުކާރެއްކަމަށް އައްޑޫސިޓީ ކައުންސިލުން ޤަބޫލުކުރާހިނދު، ދިވެހި ފުލުހުން މެދުވެރިކޮށް ހިންގަމުން ގެންދާ ޤަތުލު ޢާންމު ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް ޤާނޫނީ ވެރިކަން ހަމަ މިހާރުން މިހާރަށް ރުޖޫޢަ ކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

“މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓިން އިސްނަގައިގެން ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހު ބޭއްވި މުޒާހަރާގައި، އައްޑޫސިޓީގެ ރައްޔިތުންވެސް އެދުވަހު އެ މުޒާހަރާގައި ބައިވެރިވީ، ގާނޫނު އަސާސީއިން ރައްޔިތުންނަށް ލިބިދޭ މުޒާހަރާ ކުރުމާއި އިހުތިޖާޖް ކުރުމާއި ޝުއޫރު ފާޅުކުރުމުގެ މިނިވަންކަމުގެ ހުދޫދުގެ ތެރޭގައި. އެހެންނަމަވެސް ބައެއްގެ ރޭވުމެއްގެ ދަށުން މި މުޒާހާރާގެ ތެރެއަށް ބަޔަކު ވަދެ، ހަމަނުޖެހުން ހިނގައި އައްޑޫސިޓިގައި ގާއިމުކޮށްފައިވާ މެޖިސްޓްރޭޓް ކޯޓުތަކާއި، ފުލުހުންގެ މަރުކަޒުތަކުގައި ހުޅުޖަހައި ވަނީ އަންދާލާފައި. މި އިދާރާ އެކަންކަން ވަރަށްބޮޑަށް ކުށްވެރިކުރަން”

މި ހަމަ ނުޖެހުންތަކަށްފަހު، އައްޑޫ ސިޓީގެ ކައުންސިލަރުންނަށާއި، ކައުންސިލްގެ މުވައްޒަފުންނަށް ބިރުދައްކައި، އިންޒާރުދެމުންގޮސްފައިވާކަމަށާއި އަދި ފެބްރުއަރީ 09 ވަނަ ދުވަހު ކައުންސިލްގެ އިދާރާގެ އިންފްރާސްޓްރަކްޗަރ ޑިޕާޓްމަންޓަށް ބަޔަކުވެދެ މުވައްޒަފުން ނެރެލުމަށްފަހު އެޑިޕާޓްމަންޓް ބަންދުކޮށްފައިވާކަމަށް މި ނޫސް ބަޔާނުގައި ބުނެފައިވެއެވެ.

“މި އިދާރާއިން މިކަންކަން ކުށްވެރިކުރާއިރު، ހިތާމަކުރާ ކަމަކީ، ތަންތަނުގައި ރޯކޮށް ހުޅުޖަހާ ހެދިއިރު، މިކަންކަން ހުއްޓުވަން ޕޮލިހުން އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނުވުން. އަދި މިކަން ހުއްޓުވައި ތަންތަން ހިމާޔަތް ކުރުމުގައި ފުލުހުންގެ އެއްބާރުލުމެއްވެސް ލިބިފައިނުވޭ. ހަމައެރޭ އައްޑޫސިޓީގެ މޭޔަރ އޮފީހުގައި އިންނަވަނިކޮށް، ބަޔަކު ވަނީ އޮފީހަށް ވަދެ މޭޔަރަށްވެސް ހަމަލާދީފައި. މޭޔަރަށް ހަމަލާދީ މާރާމާރީ ހިންގިމީހުން މެންދުރުގެ އިރު ފަދައިން އެނގޭކަމުގައި ވިއަސް ފުލުހުން އެބަޔަކާ ދޭތެރޭ މިހާތަނަށް އެއްވެސް ފިޔަވަޅެއް އެޅިކަން އެނގިފައެއް ނެތް” ސިޓީ ކައުންސިލުގެ ނޫސް ބަޔާނުގައި ވެއެވެ.

އައްޑޫސިޓީ ކައުންސިލުން އަބަދުވެސް މަސައްކަތްކުރާނީ، ގައުމީ އެއްބައިވަންތަކަމަށް އިސްކަންދީގެން، ރައްޔިތުންގެ ކުރިއެރުމާއި ފާގަތިކަމަށާއި އެންމެން ގުޅިގެން މަސައްކަތްކޮށްފިނަމަ، އައްޑޫސިޓީއަކީ، އަމާން ފާގަތި އަދި ދިރިއުޅެން ފަސޭހަތަނަކަށް ހެދިދާނެކަމަށް ނޫސް ބަޔާނުގައިވެއެވެ.

“މި ދަނޑިވަޅަކީ، އެއްބަޔަކު އަނެއްބަޔަކަށް އަނިޔާވެރިވާންވީ ވަގުތެއް ނޫނެވެ. އަދި ތަންތަނުގައި ހުޅުޖަހައި ރޯކުރުމުގެ ވަގުތެއްވެސް ނޫނެވެ. އަޅުގަނޑުމެންނަށް އައްޑޫސިޓީއަށް ކުރިއެރުމެއް ލިބެން އޮތީ އަޅުގަނޑުމެން އައްޑޫގެ އެންމެހާ ރައްޔިތުން ސުލްޙަވެރިވެ އެންމެން އެކީގައި މަސައްކަތްކޮށްގެންނެވެ. އައްޑޫ ސިޓީގެ ކައުންސިލަރުންނަކީ، އައްޑޫ ސިޓީގެ ލޮބުވެތި ރައްޔިތުންގެ ފުރިހަމަ ތާއީދާއެކު އިންތިޚާބުކޮށްފައިވާ ބަޔަކަށްވާތީ، ރައްޔިތުންގެ ހައްގުގައި ރައްޔިތުންނަށް ޚިދުމަތް ކުރުންމަތީ ކައުންސިލަރުން އަބަދުވެސް ތިބޭނެ ވާހަކަ ދަންނަވަމެވެ.”

އައްޑޫގައި ދިރިއުޅޭ އެންމެހާ ރައްޔިތުންގެ ކަރާމާތާއި އަމާންކަން ދެމެހެއްޓުމަށް އައްޑޫސިޓީ ކައުންސިލުން މިކުރާ މަސައްކަތަށް އެހީތެރިވުމަށް ލާމަރުކަޒީ ޤާނޫނުގެ 70ވަނަމާއްދާގެ ދަށުން ދިވެހި ފުލުހުންނަށް މިކައުންސިލުން ގޮވާލާކަމަށް ނޫސް ބަޔާނުގައި ވެއެވެ.

އަދި ޑރ. މުޙައްމަދުވަޙީދު ހަސަންމަނިކަށް އައްޑޫސިޓީ ކައުންސިލުން ގޮވާލަނީ ގައުމީ ދިފާއީ ބާރުތަކުގެ ތެރޭގައި ތިބި މަދު ޚާއިނުންތަކެއް ބޭނުންކޮށްގެން ރައްޔިތުންގެ މައްޗަށް އަނިޔާވެރި ނުވުމަށާއި، ޤާނޫނު އަސާސީއާއި ޚިލާފަށް އުފައްދާފައިވާ ވެރިކަން މިހާރުން މިހާރަށް ނިމުމަކަށް ގެނެސް ރައްޔިތުންގެ ތާއީދާއިއެކު ގެނެސްފައިވާ ޤާނޫނީ ވެރިކަމަށް ރުޖޫޢަ ވުމަށް ކަމަށް އައްޑޫ ސިޓީ ކައުންސިލުން މިއަދު ނެރެފައިވާ ނޫސް ބަޔާނުގައިވެއެވެ.