ބާޣީ ސަރުކާރަށް އިތުރަށް ޕްރެޝަރު ކުރުމަށް މަގުމައްޗަށް ނިކުންނަން އެމްޑީޕީން ނިންމައިފި

އެންމެން ބައިވެރިވާ ސުލްހަވެރި ހިނގާލުމެއް މާދަމާ ހަވީރު 4 ޖަހާއިރު އިންސާފުގެ މައިދާނުން ފެށޭނެ

dharubaaruge

އަވަސް އިންތިޚާބެއް ބޭއްވުމަށް ބާޣީ ސަރުކާރަށް އިތުރަށް ޕްރެޝަރުކުރުމަށް މިހާރު އެމްޑީޕީން ހިންގާ ޙަރަކާތްތައް ފުޅާކޮށް މަގުމައްޗަށް ނިކުތުމަށް އެމްޑީޕީން މިރޭ ނިންމައިފިއެވެ.

ހިރިޔާ ސްކޫލުގައި މިރޭ ކުރިޔަށްދިޔަ އެމްޑީޕީގެ ގައުމީ މަޖިލީހުގެ 102 ވަނަ ބައްދަލުވުމުން މިކަމަށް ތާޢީދުކޮށް ފާސްކުރި ގަރާރުގައި އެމްޑީޕީގެ ގައުމީ މަޖިލިސް އިޤްރާރުވެފައިވަނީ “ދިވެހިރާއްޖޭގައި އަވަސް އިންތިޚާބެއް ބޭއްވުމަށްޓަކައި މިހާރު ވެރިކަމުގައި ތިބި ފަރާތްތައް އެއްބަސްކުރުވުމަށްޓަކައި ޕާޓީގެ ފަރާތުން މަގުމަތީގައި ހިންގާ ޙަރަކާތްތައް ރާވައި ހިންގުމަށްޓަކައި ކޮމިޓީއެއް އެކުލަވާލައި، އެ ކޮމިޓީ އާއި މި މަސައްކަތް ހަވާލުކުރުމަށް އަދި މި ކޮމިޓީއަށް މި ހަރަކާތްތައް ރާވައި ހިންގުމުގެ ފުރިހަމަ އިޚްތިޔާރާއި ބާރު ދިނުމަށެވެ.”

އަދި އެ ކޮމިޓީއަށް ރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ ވަޒީރުންގެ މަޖިލީހުގެ ޑިފެންސް މިނިސްޓަރ ތޮލްޙަތު އިބްރާހީމް ކަލޭފާނާއި، ޑިފެންސް އެޑްވައިޒަރު އަމީން ފައިސަލް އާއި، ރައީސް ނަޝީދުގެ އެގްޒެކެޓިވް ސެކްރެޓަރީ މުޙައްމަދު ޒިޔާދު (ޒިޔައްޓޭ) ނެގުމަށް މިރޭގެ ގައުމީ މަޖިލީހުން ވަނީ ނިންމާފައެވެ.

ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމުގައި މަގުމަތީގެ ހަރަކާތްތައް ރާވައި ހިންގުމުގެ ގަރާރެއް ހުށަހެޅުއްވީ ރައީސް ނަޝީދުގެ ކެބިނެޓްގެ ހޯމް މިނިސްޓަރ ޙަސަން ޢަފީފް އެވެ. މި ގަރާރަށް ތާޢީދުކުރެއްވީ އެމްޑީޕީގެ ސްޕޯކްސްޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) އެވެ.

މަގުމަތީގެ ޙަރަކާތްތަކަށް ނިކުތުމަށް މިރޭ އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކުރި އިރު، މާދަމާ ހަވީރު އެންމެން ބައިވެރިވާ ސުލްހަވެރި ހިނގާލުމެއް ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މި ހިނގާލުން ފެށޭނީ އެމްޑީޕީން އިންސާފުގެ މައިދާނުގެ ނަމުން ނަންދީފައިވާ ލޮނުޒިޔާރަތްކޮޅު 3 ބާރު ވަކިކުރާ ސަރަހައްދުންނެވެ.