އެމްޑީޕީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު މިއަދު އެނބުރި މާލެ ވަޑައިގެންފި

ކުރާ އަނިޔާއަކަށް ނުގުޑާނެ – ރީކޯ މޫސަ

mdp-reeko-supportersއެމްޑީޕީގެ ޗެއަރޕާސަން އަށް މަރުހަބާ ދެންނެވުމަށް ސަޕޯޓަރުން އެއްވެފައި

އެމްޑީޕީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު މިއަދު އެނބުރި މާލެ ވަޑައިގެންފިއެވެ.

އެމަނިކުފާނަށް މަރުހަބާ ދެންނެވުން އޮތީ މިއަދު ހަވީރު 5.30 ގައި ފޮރިންގ އެފެއަރޒް ކުރިމަތީގައެވެ. މި ރަސްމިއްޔާތުގައި އެމްޑީޕީގެ އެންމެހާ މެންބަރުންނާއި، އެމްޑީޕީއަށް ހެޔޮއެދޭ އަދި ތާޢީދުކުރައްވާ އެތައްހާސް ބަޔަކު ބައިވެރިވިއެވެ.

މޫސަ މިއަދު މާލެވަޑައިގެންފައި މިވަނީ ފެބްރުއަރީ 8 ވަނަ ދުވަހު ބާޣީ ސަރުކާރާ ދެކޮޅަށް އެމްޑީޕީން ބޭއްވި ސުލްހަވެރި ހިނގާލުން ރޫޅާލުމުގައި ބާޣީ ސަރުކާރުގެ ސިފައިންނާއި ފުލުހުން ދިން ލާއިންސާނީ ހަމަލާތަކުގައި ވަރަށް ބޮޑަށް ޒަޚަމްވެ، އެ ޒަޚަމްތަކަށް 18 ދުވަސް ވަންދެން ރާއްޖެއިން ބޭރުގައި ފަރުވާކުރެއްވުމަށްފަހު އެވެ.

މިއަދުން ފެށިގެން އެމްޑީޕީގެ ސުލްހަވެރި އެއްވުމުގައި މޫސަ ބައިވެރިވެވަޑައިގަންނަވަމުން ގެންދަވާނެއެވެ. އެގޮތުން މިރޭ 7.00 ގައި އެމްޑީޕީގެ އިންސާފުގެ މައިދާނުގައި މޫސަ ވަނީ އެމްޑީޕީގެ ސަޕޯޓަރުންނާ މުޚާޠަބުކުރައްވައި އެމަނިކުފާނަށް “ކުރާ އަނިޔާއަކުން ނުގުޑާނޭ” ކަމަށް ވިދާޅުވެ އެމްޑީޕީގެ މެންބަރުންނަށް ހިއްވަރުދެއްވާފައެވެ.

reeko-maruhaba-300-x-225

މީގެ އިތުރުން ޑިމޮކްރެޓިކް ވެރިކަމަކީ ގުޅަކުޅޭ ފަސްގަނޑުން ދުއްވާލެވޭނެ ވެރިކަމެއް ނޫން ނޫން ކަމަށް މޫސަ ވިދާޅުވިއެވެ. ސަރުކާރު ބަދަލުކޮށްލުމުގެ އަޑީގައި ހުރީ އެންމެ ބޮޑު އަނިޔާވެރިޔާ މައުމޫން އަބްދުލް ގައްޔޫމް ކަމަށާއި، އަދިވެސް އިރާދަ ކުރެއްވިއްޔާ މިރާއްޖޭގެ އިންތިހާބު ކުރެވޭ ވެރިޔަކަށް ބަހައްޓާނީ ރައީސް ނަޝީދު ކަމަށް މޫސަ ވިދާޅުވިއެވެ.

އިއްތިހާދުގެ ސަރުކާރެއް އުފައްދާ ވާހަކައެއް ގާނޫނު އަސާސީގައި ނޯންނާނޭ ކަމަށާއި، ވޯޓަކުން ނޫން ގޮތަކަށް އިންތިހާބުކުރެވޭ ވެރިޔަކަށް މިގައުމުގައި ވެރިކަން ކުރުމުގެ ޗާންސެއް ނުލިބޭނޭ ކަމަށް ވެސް އެމްޑީޕީގެ އެތައް ހާސް ސަޕޯޓަރުންނާ މުޚާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން މޫސަ ވިދާޅުވިއެވެ.

އިންސާފުގެ މައިދާނުން މޫސަ އަށް މަރުހަބާ ވިދާޅުވީ ރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އެވެ. މޫސަ އަށް އެއަރޕޯޓުން މަރުހަބާ ކިޔުމަށް ރަންރީނދޫ ފޮތިން ޒީނަތްތެރިކޮށްފައިވާ 4 ދޯނި ހުޅުލެއަށް ދިޔަ އިރު، މާލެއިން މަރުހަބާކިޔުމަށް އެތައް ހާސް ބަޔަކު ފޮރިން މިނިސްޓްރީ ކުރިމައްޗަށް ވެސް ހާޒިރުވެފައިވެއެވެ.