ތިމަރަފުށީ މުސްތަފާގެ މައްޗަށް ޙުކުމްކުރީ ނުހައްގުން- އިންތި

mp-inthi1އިންތި އިންސާފުގެ މައިދާނުގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ..

ތިމަރަފުށީ ދާއިރާގެ މެންބަރު މުޙައްމަދު މުސްތަފާގެ މައްޗަށް ސްޕްރީމް ކޯޓުން ޙުކުމްކުރީ ނުހައްގުން ކަމަށް އެމްޑީޕީގެ ސްޕޯކްސްޕާސަން އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

މިއަދު މެންދުރުފަހު އެމްޑީޕީގެ މައި އޮފީހުގައި ބޭއްވި ނޫސް ކޮންފަރެންސެއްގައި އިންތި ވިދާޅުވީ މުސްތަފާގެ މައްޗަށް ކުރި ހުކުމަކީ ހައްގު ހުކުމެއް ނޫން ކަމަށާއި، އެހެން ކަމުން ތިމަރަފުށީ ދާއިރާގެ މެންބަރުންނަށް އެ ހައްގު ނޫން ހުކުމުގެ ސަބަބުން ވަރަށް ބޮޑު ބޭއިންސާފެއް ވެފައިވާ ކަމަށް އިންތި ވިދާޅުވިއެވެ.

އިންތި އިތުރަށް ވިދާޅުވީ މި ޙުކުމް ކޮންމެ ގޮތަކަށް ކުރި ނަމަވެސް، ތިމަރަފުށީ ދާއިރާއަށް އެމްޑީޕީގެ ކެންޑިޑޭޓަކު ނެރުމަށް އެ ޕާޓީން މަސައްކަތް ފަށާފައިވާ ކަމަށެވެ. އެ ގޮތުން އެ ދާއިރާގެ ބައި އިލެކްޝަން އަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރަން ބޭނުން ފަރާތްތަކަށް އިއްޔެއިން ފެށިގެން މިމަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް އިންތި ވިދާޅުވިއެވެ.

އިންތި އިތުރަށް ވިދާޅުވީ ޝަރުތުހަމަވާ އެއް ބޭފުޅަކަށް ވުރެ ގިނަ ބޭފުޅުން އެ ދާއިރާއިން އެމްޑީޕީގެ ޓިކެޓްގައި ކުރިމަތިލާން ހުށަހަޅުއްވައިފިނަމަ، އެމްޑީޕީން ކެންޑިޑޭޓަކު ނެރޭނީ މިއަންނަ މާރޗް މަހުގެ 3 ވަނަ ދުވަހު ބާއްވާ ޕްރައިމަރީއަކުން ކަމަށެވެ.