ބަޣާވާތަކުން ވެރިކަން ވައްޓާލިފަހުން އައްޑުއަތޮޅު ހިތަދޫއިން އެމްޑީޕީއާ ގުޅުނު 800 އަށްވުރެ ގިނަ ފޯމު އެމްޑީޕީއާ ހަވާލުކޮށްފި

411

ޤާނޫނީގޮތުން ރައްޔިތުންގެ ވޯޓަކުން ހޮވި އެމްޑީޕީގެ ސަރުކާރު ބަޣާވާތަކުން ވައްޓާލިފަހުން އައްޑުއަތޮޅުން ގިނަ އަދަދެއްގެ ބަޔަކު އެމްޑީޕީއާ ގުޅެމުން އެބަގެންދެއެވެ.

އެގޮތުން މިމަހުގެ 7 ވަނަ ދުވަހު ވެރިކަން ވައްޓާލިފަހުން ރޭގެ ނިޔަލަށް އައްޑުއަތޮޅު ހިތަދޫން އެކަނިވެސް 800 އަށްވުރެ ގިނަ މީހުން ވަނީ އެމްޑީޕީއާ ގުޅިފައެވެ. އެމްޑީޕީއާ ގުޅުނު 800 އަށްވުރެ ގިނަ މީހުންގެ ފޯމުތައް ރޭވަނީ އެމްޑީޕީއާ ހަވާލުކޮށްފައެވެ.

ވެރިކަން ވައްޓާލި ގޮތުންނާއި ވެރިކަމަށް 24 ގަޑިއިރުވެސް ނުވަނީސް ފުލުހުންނާއި ސިފައިން ބޭނުންކޮށްގެން ދިވެހިރައްޔިތުންނަށް ބާޣީ ސަރުކާރުން ދިން ލާއިންސާނީ އަނިޔާތަކުގެ ސަބަބުން އެތައްބަޔަކު އެމްޑީޕީއާ ގުޅެމުން އެބަދެއެވެ. އޭގެ ތެރޭގައި ޑީއާރުޕީއާއި ޕީޕީއެމްގެ އިތުރުން އަދާލަތު ޕާޓީގައި ތިބި ބަޔަކު އެމްޑީޕީއާ ގުޅެމުންދާކަން ވެސް ފާހަގަކުރެވެއެވެ.

“އަޅުގަނޑުމެންގެ މީހުން ބަންދުކޮށް އަދި ފުލުހުންނާ ސިފައިންދިން އަނިޔާތަކާ ހުރެ އަދި މެންބަރޝިޕް ހޯދާކަށް މަސައްކަތެއް ނުކުރެވޭ. އެކަމަކު އަމިއްލައަށް އެދިގެން އެތައްބަޔަކު މިޕާޓީއާ ގުޅެމުން އެބަދޭ. ވަރަށް އަވަހަށް މީހުން ޕާޓީއަށް ވެއްދުމުގެ މަސައްކަތްވެސް ފަށާނަން” އައްޑޫގެ އެމްޑީޕީ އޮފިޝަލަކު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އައްޑޫގެ ރައްޔިތުން ތިބީ އެމްޑީޕީއާ އެކުގައި ކަމަށާއި އެކަން އިއްޔެ އެއަތޮޅަށް ވަޑައިގެންނެވި އެމްޑީޕީގެ ޓީމަށް ލިބުނު ތާއީދު ފެނުނު މީހަކަށް ވިއްޔާ އެނގިގެން ދާނެ ކަމަށެވެ.

އިއްޔެ ރައީސް ނަޝީދާއި އެމްޑީޕީގެ ވަފުދު އައްޑުއަށް ވަޑައިގަތުމުން ވަރަށްގިނަ އަދަދެއްގެ ބަޔަކު އެއަތޮޅުގެ އެކިރަށްރަށުން ވަނީ މަރުހަބާ ކިޔާފައެވެ.