ރާއްޖޭގައި މިހާތަނަށް ބޭއްވުނު އަންހެނުންގެ އެންމެބޮޑު ހިނގާލުން ރާއްޖެ އިސްލާމްވީ ދުވަހާ ގުޅުވައިގެން މާލޭގައި ބާއްވައިފި

210

ރާއްޖެ އިސްލާމްވީދުވަހުގެ މަތިވެރި މުނާސަބަތުގައި އެމްޑީޕީގެ އަންހެނުންގެ ރޫޙުގެ ފަރާތުން އިންތިޒާމް ކޮށްގެން މާލޭގައި އަންހެނުންގެ ވަރަށްބޮޑު ހިނގާލުމެއް އިއްޔެ ބާއްވައިފިއެވެ.

ދިހަ ހާހާއި ގާތްކުރާ އަދަދަކަށް އަންހެނުން ބައިވެރި މި މުޒާހަރާ ފެށިފައިވަނީ އިއްޔެ ހަވީރު 4 ޖެހިއިރު ސޯޝަލް ސެންޓަރު ކުރިމަތިންނެވެ. ސުލްޙަވެރިކަމާއެކު ކުރިޔަށްދިޔަ އަންހެނުންގެ މި މުޒާހަރާގެ ބައިވެރިން ޝުޢޫރުފާޅުކުރަމުން ގޮސް ގުޅުނީ ރާޅުގަނޑު ސަރަޙައްދުގައި އެމްޑިޕީން ކުރިއަށް ގެންދާ އިންސާފްގެ ދަތުރުގެ ބައިވެރިންނާއެވެ.

މުޒާހަރާގެ ބައިވެރިންގެ ޑިމާންޑަކީ މާތްވެގެންވާ އިސްލާމްދީނަކީ އެންމެ އިންޞާފް ވެރި ދީންކަމަށާއި، ރާއްޖޭގެ ދުސްތޫރީ ވެރިކަން ބަޣާވާތަކުން ފޭރިގަތް ފަރާތްތަކަށް ދީނުގައި ކަނޑައެޅިގެންވާ ޙައްގު އަދަބު ދިނުމަށާއި، މިރާއްޖޭގައި އަދުލުވެރި އިންސާފްވެރި ޝަރުޢީ ނިޒާމެއް ގާއިމު ކުރުމަށާއި، ބަޣާވާތަކުން ފޭރިގަތް ރައްޔިތުންގެ ވެރިކަން ރައްޔިތުންނާ ޙަވާލުކޮށް އެންމެހައި ބާޣީން ހިފާހައްޔަރުކުރުމަށެވެ.

މީގެ އިތުރުން ދިވެހި ސިފައިންނާއި ފުލުހުންގެ ތެރެއިން މި ބަޣާވާތުގައި ބައިވެރި ފަރާތްތައް މަގާމުތަކުން އިސްތިއުފާ ދެއްވުމަށް ވެސް ދިވެހި އަންހެނުން، އިއްޔެގެ ހިނގާލުމުގައި ގޮވާލާފައިވެއެވެ.

މިރާއްޖެއަކީ ބާޣީންގެ ވެރިކަމަށް މަރުޙަބާ ކިޔާނެ ރާއްޖެއެއް ނޫންކަމަށާއި، މިރާއްޖޭގައި ގާއިމް ކުރެވެމުންދިޔަ ޑިމޮކްރަސީ އަނބުރާ މިރާއްޖެއަށް ހޯދައިދިނުމަށްޓަކާ ލެޔާފުރާނައިން ގުރުބާން ވާން ތައްޔާރަށްތިބި ކަންވެސް އަންހެނުންގެ ހިނގާލުމުގެ ބައިވެރިން ވަނީ ބާޣީސަރުކާރަށް ގޮވާލާފައެވެ.

އަދި މިފެށޭ މާޗް މަހުގެ އެކެއްގެ ކުރިން މިނިވަން އިންތިޚާބަކަށް ނުގޮސްފިނަމަ މިރާއްޖޭގެ އަންހެނުންގެ ހިތްވަރު ބާޣީ ވަހީދަށް ފެނިގެންދާނެކަމަށާއި، އެންމެފަހުގެ ލޭތިއްކާ ހަމަޔަށް އެއިން އެންމެ އަންހެނަކު ވެސް ފަހަތަށް ނުޖެހޭނެކަމުގައި އަންހެނުން ގޮވަމުން ދިޔައެވެ.