ދެން އަޅުގަނޑު ގެންނާނީ އިޚުލާސްތެރި ނައިބު ރައީސެއް. އައްޑު އަށް އުފަން ނައިބު ރައީސެއް- ރައީސް ނަޝީދު

ބާޣީ ރައީސް އައްޑޫ ސިޓީއަށް ވަޑައިގަތުމަކީ ބުއްދިވެރި ކަމެއް ނޫންކަމަށް ވެސް ރައީސް ނަޝީދު ރޭ ވިދާޅުވި

raees-nasheed-addu-city-gai-450-x-338

ވެރިކަމަށް ވަޑައިގެން ދެން ގެންނަވާނީ އައްޑުއަށް އުފަން އިޚްލާސްތެރި ނައިބު ރައީސެއް ކަމަށް ރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރޭ އައްޑޫ ސިޓީގެ ހިތަދޫ އަވަށުގައި ހުންނަ އެމްޑީޕީ ހަރުގޭގައި، ރައީސް ނަޝީދުގެ ސަޕޯޓަރުންނާ ބައްދަލުކުރައްވައި، އެމަނިކުފާނު ވިދާޅުވީ ދެން އެމަނިކުފާނު މި ގައުމުގެ ނައިބު ރައީސަކަށް ގެންނަވާނީ ބަޣާވާތްނުކުރާ، ރައްޔިތުން ދެކެ ލޯބިވާ އައްޑޫ ދަރިއެއް ކަމަށެވެ.

“ދެން އަޅުގަނޑު ގެންނާނީ އިޚުލާސްތެރި ނައިބު ރައީސެއް. އައްޑު އަށް އުފަން ނައިބު ރައީސެއް. ބަޣާވާތް ނުކުރާ، ރައްޔިތުން ދެކެ ލޯބިވާނެ، އައްޑޫ ދަރިއެއް.” އައްޑޫގެ އެތައް ހާސް އެމްޑީޕީ ސަޕޯޓަރުންނާ މުޚާޠަބުކުރައްވައި ރައީސް ނަޝީދު ވިދާޅުވިއެވެ.

އައްޑޫ ސިޓީގެ ރައްޔިތުންނަކީ ދިވެހި ރައްޔިތުންގެ ލާބައާއި މަންފާ އަށް މަސައްކަތްކުރާ ބައެއް ކަމަށް ވިދާޅުވަމުން ރައީސް ނަޝީދު ވިދާޅުވީ، “ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުއުޓާ ގަދަކަމުން، މަޖުބޫރީ ހާލަތުގައި ދުރުކޮށް، އޭގެ ފަހުން އަޅުގަނޑު އުފަން ރަށް މާލެ ދޫކޮށް ދެން އައި ފަސްގަނޑަކީ މި އައްޑޫ ސިޓީ. މިތަނުގައި، މި ސިޓީގައި މިތިބީ އަޅުގަނޑަށް ޝައްކެއް ނުހިނގާ މުޅި ރާއްޖެ ދެކެ ލޯބިވާ އިހުލާސްތެރި ރައްޔިތުންތަކެއް ކަން.”

ރައްޔިތުންގެ މަޖިލީސް ނޫނީ ގާނޫނީ ބާރެއް މިވަގުތު ރާއްޖެއަކު ނެތް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި މަޖިލީސް ތަޣައްޔަރު ކުރެއްވުމަށް މަޖިލީހަށް ވަޑައިނުގަތުމަށް ވެސް ރައީސް ނަޝީދު ބާޣީ ސަރުކާރު ހިންގަވާ، ރައީސް ނަޝީދު ނައިބު ކަމުގައި ހުންނެވުމަށްފަހު ގަދަކަމުން ވެރިކަން ފޭރިގަތް، ޑރ.މުޙަންމަދު ވަޙީދު ޙަސަން މަނިކަށް އިލްތިމާސް ކުރައްވާފައެވެ. އަދި ޑރ. ވަހީދު މަޖިލީހަށް ވަދެވަޑައިގެންފިނަމަ، އެވަގުތުން ފެށިގެން ގާނޫނު އަސާސީގެ ހުރިހާ ބާރެއް ނެތިގެން ހިނގައިދާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ބޭނުންފުޅަކީ، “ވެރިކަމުގެ ލައްޒަތާއި ޖާހަތެއް ނޫން. ވެރިކަމުގެ އަރާމެއް ނޫން. އޭގެ ފޮނި މޭވާއެއް ނޫން. އަޅުގަނޑުމެން ބޭނުންވަނީ އަޅުގަނޑުމެންގެ ދަރީންނާއި ދަރީންގެ ދަރީންނަށް ޓަކައި އަޅުގަނޑުމެންގެ ރަށްތަކުގެ ތަރައްގީ” ކަމަށް އެމަނިކުފާނު އަބަދުވެސް ވިދާޅުވަމުން ގެންދަވާ ވިދާޅުވުން ރޭ ވެސް އެމަނިކުފާނު ތަކުރާރު ކުރެއްވިއެވެ.

” ފެނާއި ނަރުދަމާގެ ހިދުމަތް މުޅި ސިޓީ އަށް ދޭނަމޭ. ހުރިހާ މަގެއް ހަދާނަމޭ. މިތަނުގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮސްޕިޓަލެއް އަޅަން. މަތީ ތައުލީމު ދޭނޭ ގޮތް ގާއިމްކުރަން. ބައިނަލްއަގުވާމީ ވައިގެ ބަނދަރަކާއި ކަނޑުގެ ބަނދަރެއް މިތަނުގައި ގާއިމްކުރަން. އޭގެ މަންފާ އާއި ފައިދާ މުޅި ރާއްޖެ އަށް ފޯރުކޮށްދިނުން. އެއީ ދުށް ހުވަފެނަކީ. އަޅުގަނޑު ޔަގީންކޮށް އަރުވަން އިރާދަކުރެއްވިޔާ އެ މަސައްކަތް ކުރާނެ. ކާމިޔާބާ އެކީ ސިޓީ ނިންމާނަން.” ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން އައްޑޫގެ ރައްޔިތުންގެ އުންމީދުތަކަށް ފުރަގަސް ދިނުމަށްފަހު، ބާޣީ ރައީސް އައްޑޫ ސިޓީއަށް ވަޑައިގަތުމަކީ ބުއްދިވެރި ކަމެއް ނޫންކަމަށް ވެސް ރައީސް ނަޝީދު ރޭ ވިދާޅުވިއެވެ.

“އަޅުގަނޑަށް ޑރ. ވަހީދުގެ އަރިހުގައި ދަންނަވަން ޖެހިއްޖެ. އަޅުގަނޑު އިޚުލާސްތެރިކަމާއި އެކުގައި ވަހީދުގެ އަރިހުން އެދެން އައްޑޫ ސިޓީއަށް ވަޑައިނުގަންނަވައްޗޭ. އައްޑޫގެ ރައްޔިތުންގެ އުންމީދުތަކަށް ފުރަގަސް ދިނުމަށްފަހު.” ރައީސް ނަޝީދު ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި އައްޑޫ ސިޓީގެ މޭޔަރު ޢަބްދުﷲ ޞާދިޤް (ސޯބެ) ވެސް ވިދާޅުވީ އައްޑޫ ސިޓީ ކައުންސިލުން މިހާރުގެ ސަރުކާރު ޤަބޫލު ނުކުރާ ކަމަށާއި، މި ބާޣީ ސަރުކާރަށް އެއްބާރުލުން ނުދޭނޭ ކަމަށެވެ.