ސަރުކާރުގައި ލާރިނެތް ވާހަކަ ބާޣީ ސަރުކާރުން މިހާރު ދައްކަމުން ގެންދަނީ އެކަނިވެރި މައިންނަށް ރައީސް މުހައްމަދު ނަޝީދު ދެއްވަމުން ގެންދެވި ފައިސާ ހުއްޓާލުމަށް – މާރިޔާ

– އެމްޑީޕީ އަންހެނުންގެ ޖަގަހައެއް ރާޅުގަނޑު ސަރަހައްދުގައި ހުޅުވައިފި

mariya

ސަރުކާރުގައި ލާރިނެތް ވާހަކަ ބާޣީ ސަރުކާރުން މިހާރު ދައްކަމުން ގެންދަނީ އެކަނިވެރި މައިންނަށް ރައީސް މުހައްމަދު ނަޝީދު ދެއްވަމުންގެންދެވި ފައިސާ ހުއްޓާލުމަށް ކަމަށް އެމްޑީޕީގެ “މަންމަ” ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ތިންބާރު ވަކިކުރާ ސަރަހައްދުގައި މިއަދު އޮތް، އެމްޑީޕީގެ އަންހެން މެންބަރުންގެ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި އެމްޑީޕީގެ ޗެއަރޕާރސަންކަން ވެސް ކުރައްވާފައިވާ، މާރިޔާ ދީދީ ވިދާޅުވީ ދިވެހި ހުރިހާ އަންހެނުން މިއަދު އަތުގުޅައިލައިގެން ތިބީ ބާޣީ ވަހީދުގެ ބާޣީ ސަރުކާރު ވައްޓާލުމަށްކަމަށެވެ. އަދި އެމްޑީޕީގެ އަންހެނުންގެ މިހަރަކާތްތައް ހުއްޓާލާނީ ބާޣީވަހީދާއި އޭނާގެ ސަރުކާރު ވައްޓާލުމަށް ފަހު ކަމަށްވެސް މާރިޔާދީދީ ވިދާޅުވިއެވެ.

މީގެ އިތުރުން އަންހެން މެންބަރުން އެންމެ ގިނަ ޕާޓީ އަކީ އެމްޑީޕީ ކަމަށާއި، މިއަދު އަންހެނުން އެއްވެ މިތިބީ އެމްޑީޕީ އަތުން ވެރިކަން ފޭރިގެންފައިވާ ބާޣީންގެ އެންމެން އިންސާފުގެ ކުރިމައްޗަށް ގެނައުމަށާއި، އެމްޑީޕީގެ އޯގާތެރި ސަރުކާރު އަލުން އަނބުރާ ގެނައުމަށް ކަމަށެވެ.

އެމްޑީޕީގެ އަންހެން މެންބަރުން ތައްޔާރުކުރި މިޖަގަހަ ހުޅުއްވައި ދެއްވީ ރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުއެވެ.

ޖަގަހަ ހުޅުވުމަށްފަހު އެމްޑީޕީގެ އަންހެނުންގެ ރޫހުން ބުނީ މީގެ ފަހުން ކޮންމެ ދުވަހަކުވެސް ހަވީރު ހަތަރަކުން ހަޔަކަށް ތިންބާރު ވަކިކުރާ ސަރަހައްދު ބަލަހައްޓަމުން ގެންދާނީ އަންހެނުންގެ ޖަގަހައިގެ ފަރާތުންކަމަށެވެ. ރޭގެ ސުލްހަވެރި މުޒާހަރާގައި ވެސް ވަރަށް ގިނަ އަދަދެއްގެ އަންހެން މެންބަރުން ބައިވެރިވިއެވެ.