ނޫސް ބަޔާން: ޣައިރު ޤާނޫނީ ސަރުކާރުގެ ވެރިއަކަށްހުރި ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކަށް ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވިގެން ނުވާނެ

ޣައިރު ޤާނޫނީ ސަރުކާރުގެ ވެރިއަކަށްހުރި ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކަށް ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވިގެން ނުވާނެ

mdp-logo-

ޤާނޫނު އަސާސީގެ 84 ވަނަ މާއްދާގައި ބަޔާން ކުރެވިފައިވާ ފަދައިން ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލިހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ޤައުމުގެ ޙާލަތު ބަޔާންކޮށްދީ އަދި ޤައުމުގެ ޙާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭކަމަށް ރައީސުލްޖުމުހޫރިއްޔާއަށް ފެނިވަޑައިންނަވާ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް އިއްވަންޖެހެއެވެ.

ދިވެހިރާއްޖޭގައި ބޭއްވުނު އެންމެ ފުރަތަމަ ގިނަ ޕާޓީއެކުލެވޭ މިނިވަން ރިޔާސީ އިންތިޚާބަށް ގ. ކެނެރީގޭ އަލްފާޟިލް މުޙައްމަދު ނަޝީދު މިޕާޓީގެ ފަރާތުން ކުރިމަތިލައްވާ، އެ އިންތިޚާބު ކާމިޔާބުކުރެއްވުމަށްފަހު، 2008 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހުން ފެށިގެން ރިޔާސީ ދައުރުގެ 5 އަހަރުގެ މުއްދަތު ފުރިހަމަކުރައްވަމުން ގެންދަވަނިކޮށް 7 ފެބްރުއަރީ 2012 ގައި ފުލުހުންނާއި، ސިފައިންގެ ތެރެއިން މަދުބަޔަކު އިދިކޮޅު ފަރާތްތަކާއި ގުޅިގެން ހިންގި ބަޣާވާތުގައި ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ވަނީ އެ މަޤާމުން ދުރުކޮށްފައެވެ.

ކަންމިހެން އޮތްއިރު މިހާރު އެކުލަވާލެވިފައި މިވާ “ސަރުކާރަކީ” ޤާނޫނީ ޙައިސިއްޔަތެއްނެތް، ޣައިރު ޤާނޫނީ ސަރުކާރެއްކަމަށް މިޕާޓީގެ ޤައުމީ މަޖިލިހުން ވަނީ ނިންމާފައެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ޤާނޫނީ ވެރިކަން ބަޣާވާތަކުން ވައްޓާލައި، އެކުލަވާލި ޣައިރު ޤާނޫނީ ސަރުކާރުގެ އެއްވެސް ކަމެއްގައި ބައިވެރިނުވުމަށާއި، އެސަރުކާރަށް އެއްވެސް ގޮތެއްގައި އެއްބާރުލުން ނުދިނުމަށްވެސް ޤައުމީ މަޖިލީހުން ނިންމާފައިވާއިރު، އަދި ޣައިރު ޤާނޫނީ ސަރުކާރުންކުރާ އެއްވެސް ކަމެއްގައި އެއްބާރުލުން ނުދެއްވާނޭކަމަށް މިޕާޓީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު ހިންނަވަރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު އިބްރާހިމް މުޙައްމަދު ޞާލިޙްވެސް ވިދާޅުވެފައިވާ ހިނދު، މިޕާޓީގެ ޕާލިމެންޓަރީ ގްރޫޕުން ދެކެނީ ޣައިރު ޤާނޫނީ ސަރުކާރުގެ ވެރިއަކަށްހުރި ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކަށް ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވިގެން ނުވާނެކަމަށެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް