7 ފެބްރުއަރީގެ ބަޣާވާތް ހިނގަމުން ދިޔައިރު، އިސްތިއުފާ ނުދެއްވިނަމަ ސިފައިން ބަޑީގެ ބޭނުން ކުރީސް ކަމަށް ރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީން އިންސާފުގެ ދަތުރުގެ ނަމުގައި ފަށާފައިވާ ދިގުދެމިގެންދާ ސުލްހަވެރި އެއްވުމުގައި މިއަދު ހެނދުނު ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ބަޣާވާތް ހިންގުމުގައި އިސްދައުރެއް އަދާކުރި ބައެއް މީހުންގެ ރިޒޯޓްތަކުގައި ސިފައިންގެ އިސް އޮފިސަރުން ބައިތިއްބައިގެން އެ ބޭފުޅުންނާ އެކުގައި، ސިފައިންގެ ތެރެއިން ޖެނެރަލުންނާއި އެހެން ބޭބޭފުޅުން ހައްލައިގެން ބަޣާވާތެއް ރާވައި، ރާއްޖޭގައި މިވަނީ ހިންގާފައި ކަމަށެވެ.
” ބައެއް ރިސޯޓްތަކުގައި ކުރީގެ ސިފައިންގެ އިސް އޮފިސަރުން ބައިތިއްބައިގެން އެ ބޭފުޅުންނާ އެކުގައި، ސިފައިންގެ ތެރެއިން ޖެނެރަލުންނާއި އެހެން ބޭބޭފުޅުން ހައްލައިގެން ބަޣާވާތެއް ރާވައި މި ވަނީ މި ރާއްޖޭގައި ހިންގާފަ. އަޅުގަނޑަށް މަޖުބޫރުކޮށްގެން އަޅުގަނޑު މިހުރީ އިސްތިއުފާ ދީފައި. އަޅުގަނޑު އިސްތިއުފާ ދިނީ މިރާއްޖޭގެ ރައްޔިތުންނަށް ގެއްލުން ލިބިދާނެ ކަމަށް އަޅުގަނޑަށް ފެނިގެން. އަޅުގަނޑު ދުށް ގޮތުގައި އަޅުގަނޑު އިސްތިއުފާ ނުދިން ނަމަ ބަޑީގެ ބޭނުން ރީތި ގޮތުގައި ކުރީސް.”، ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް އަދި މި ދުނިޔޭގައި މިނިވަންކަމަށް ލޯބިކުރާ ހުރިހާ ފަރާތްތަކަށް ވެސް މުހިންމުވެގެން އުޅެނީ ގަލޮޅު ކެނެރީގޭ މުހައްމަދު ނަޝީދުގެ ވެރިކަމެއް ނޫން ކަމަށް ވިދާޅުވިއެވެ. “މުހިންމުވެގެން އުޅެނީ މި ދުނިޔެ ގަބޫލުކުރާ ފިކުރެއް. އިންސާނީ ރިވެތި ކަރާމާތާއި އިންސާނީ އަޚްލާގާއި އިންސާނާގެ މާތްކަން އިސްލާމް ދީނުގައި ދެމެހެއްޓެން އޮތް ހަމައެކަނި ވެރިކަމުގެ އުސޫލު އަޅުގަނޑުމެންގެ ތެރެއިން ބީވެގެންދާކަމުން.”، ރައީސް ނަޝީދު ވިދާޅުވިއެވެ.
ރޭގެ ސުލްހަވެރި އެއްވުމުގައި ވަރަށް ގިނަ އަދަދެއްގެ އަންހެނުން ބައިވެރިވެފައިވާތީ އެކަމާ އުފާފުޅުކުރައްވާ ކަމަށް ވެސް ރާއްޖޭގެ އަލަތު ޑިމޮކްރެޓިކް ރައީސް މުޙަންމަދު ނަޝީދު ވިދާޅުވިއެވެ. އެގޮތުން “ރާއްޖޭގެ އަންހެނުން ނުކުމެ ވަކިކަމެއް ވަކި ގޮތަކަށް ކުރާން ނިޔަތްގަތީމާ ދެން އެ ނޫން ގޮތަކަށް އެކަން ހިނގާނޭ ކަމަށް ގަބޫލުކުރާނޭ ފިރިހެނަކު ގައިމު މި ރާއްޖޭގައި ނޫޅޭނެ،” ކަމަށާއި، “ވެރިކަން މޮޑެވިގެންދާ ކޮންމެ ފަހަރަކު، ރާއްޖޭގެ އަންހެނުން ކޮށްދީފައިވާ ކަންކަމަކީ ތާރީހުން ފެންނަން ހުރި ކަންކަން.” ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން އީސްޓްޓީމޯރގެ ރައީސް ބަޣާވާތުގެ ސަރުކާރާ ދެކޮޅަށް ބަޔާނެއް ނެރުއްވާފައިވާ ކަން ފާހަގަކުރައްވައި، އެކަމަށްޓަކައި އެމަނިކުފާނަށް ޝުކުރު ދެންނެވިއެވެ. އަދި އީސްޓްޓީމޯރ އަކީ ވެސް ސިފައިންގެ ކުރީގެ ޖެނެރަލެއްގެ ޙީލަތްތެރި ރޭވުމެއްގެ ދަށުން ސިފައިން ހައްލައިގެން ވެރިކަން ބަދަލުކުރުމަށް 2008 ވަނަ އަހަރު ބަޣާވާތެއް ގެންނަން އުޅުނު ގައުމެއް ކަމަށް އީސްޓްޓީމޯރގެ ރައީސް ވިދާޅުވިކަމަށް، ރައީސް ނަޝީދު މިއަދު ވިދާޅުވިއެވެ. މީގެ އިތުރުން އަވަސް އިންތިޚާބަކަށް ތާޢީދުކޮށް އީޔޫ އިން ނެރެފައިވާ ބަޔާނަށް ވެސް ރައީސް ނަޝީދު ޝޫކުރު އަދާކުރެއްވިއެވެ. މީގެ އިތުރުން އަވައްޓެރި އިންޑިއާ އާއި، އެމެރިކާ އިން ރާއްޖެއާއި މެދު ނިންމާފައިވާ ނިންމުން ބަދަލުކުރައްވާނޭ ކަމުގެ ފެހި ސިގްނަލް ލިބިވަޑައިގެންފައިވާ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.
“އަޅުގަނޑުމެނަށް އިނގޭ ކޮމަންވެލްތުގެ ފަރާތުން ނެރުއްވާ ބަޔާނެއް ވެސް ހަގީގަތުގެ މައްޗަށް ބުރަވެ ނެރުއްވާނެ ކަން. އަޅުގަނޑަށް ޔަގީން ޔޫރަޕިއަން ޔޫނިއަން އިން ނެރުއްވާ ބަޔާން ވެސް. އިންޑިޔާ ސަރުކާރުން ވެސް އަދި އެމެރިކާ ސަރުކާރުން ވެސް އެންމެ ފުރަތަމަ އެ ބޭފުޅުން ވިދާޅުވި ވިދާޅުން ވެސް ބަދަލުކުރައްވާނެ ކަމުގެ ހުރިހާ ސިގްނަލެއް އަޅުގަނޑަށް ވަނީ ލިބިފައި.” ކުރު މުއްދަތެއްގެ ތެރޭގައި ގިނަ ބައެއްގެ ލޯތްބާއި އިޙްތިރާމް ހޯއްދަވާފައިވާ ރައީސް ނަޝީދު ވިދާޅުވިއެވެ.